އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކ.ގުރައިދޫގައި ހުންނަ މަރުކަޒަށް 32 މެޑިކަލް އެނދު ހަދިޔާ ކުރައްވައިފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސްލާމިކް ޗެރިޓީ ފަންޑުން ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 މެޑިކަލް އެނދު ހަދިޔާ ކުރައްވައިފިއެވެ. މި އެނދުތަކަކީ ޖުމުލަ 504،000 ރުފިޔާގެ އަގުހުރި ޒަމާނީ ފެންވަރުގެ މެޑިކަލް އެނދުތަކެކެވެ. މީގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ އެތައް ބަޔަކަށް ލުއިތަކެއް ލިބިގެންދާނެއެވެ.

މިއަދު އިސްލާމީ މަރުކަޒުގައި އެނދުތައް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ތަކެއްޗާއި ރަމްޒީގޮތުން ޙަވާލުވެ ވަޑައިގެންނެވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ. މިތަކެތި މިނިސްޓްރީއާއި ޙަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މި ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު، ރައްޔިތުންގެ ހައްޤުގައި އޯގާތެރިކަމާއި އަޅާލުމާއިއެކު، އެކަކު އަނެކެއްގެ ދަތިތައް ޙައްލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުން އަންނަތަން ފެނުމުން އުފަލާއި ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމަށެވެ.

ހަމަމިއާއެކު، މުޖުތަމަޢުގެ އެންމެ ނިކަމެތި މީހުންނަށް އަޅާލެވޭ މިންވަރަކީ މުޖުތަމަޢުގެ އިހުސާންތެރިކަން ވަޒަންކުރެވޭ މިނެއްކަން ދިރާސާތަކުން ދައްކާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޢާންމުން ޚައިރާތުގެ ގޮތުގައި ދޭ ފައިސާ ދެފުށްފެންނަގޮތަށް، މި މުޖުތަމަޢުގައި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހޭދަކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށް ޝުކުރުދެންނެވިއެވެ.

ކ. ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތަކަކީ ކޮންމެވެސް މީހެއްގެ ގާތްތިމާގެ މީހެއް، މަންމައެއް ނުވަތަ ބައްޕައެކެވެ. ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ފާހަގަ ކުރެއްވީ ވުޒާރާއިން ކުރެވޭ މިންނަތް މަސައްކަތުގެ ތެރެއިން، މި ފަރާތްތައް ޢާއިލާތަކާއި އަނބުރާ ހަވާލުކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މި މަރުކަޒަކީ ވަގުތީ ތަނެއްކަމަށާއި، ވުޒާރާގެ ހަޤީޤީ އަމާޒަކީ އެތަނުގައި ތިބި ފަރާތްތައް މުޖުތަމަޢަށް އަނބުރާގެނެސްދީ، އަބުރުވެރި އުފާވެރި ދިރުއުޅުމެއް ހޯދައިދިނުންކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ، އިޙުސާންތެރިކަމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވާފައިވާ ކަމެއްކަމަށާއި، މުޖުތަމަޢުގެ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އޯގާތެރިކޮށް ހިތުމަކީ އިސްލާމީ މުޖުތަމަޢުގެ އެންމެ މުހިންމު އެއް އިޖުތިމާޢީ އަޚުލާޤުކަމަށެވެ. އަދި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއަށް ވަރަށް ގިނަ ރައްޔިތުން މިސްކިތްތަކުގެ މަރާމާތަށާއި ދީނީ ކަންކަމަށް އެހީތެރިވުމަށް އެމީހުންގެ ޚައިރާތު ފައިސާ ހަވާލު ކުރާކަމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިގޮތުން މިއަދު ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރިކަން ދެވުނީ މި ޚައިރާތުގެ ތެރެއިންކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

                  24 ޖަނަވަރީ 2024

                  13 ރަޖަބު 1445