މިވުޒާރާއިން، ‘އިސްނަގައިގެން – ސިޔާސީ މައިދާނުގައި އަންހެނުން’ މިނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވާއިފި

ހަފްތާ 14ގެ މަގުޗާޓާ އެއްގޮތަށް، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ޝައުގުވެރިކަން ހުރި އަންހެނުން ބިނާކޮށް، ބާރުވެރިކުރުމަށް، މިވުޒާރާއިންވަނީ ‘އިސްނަގައިގެން – ސިޔާސީ މައިދާނުގައި އަންހެނުން’ މިނަމުގައި 17 ޖަނަވަރީ ވީ ބުދަ ދުވަހުގައި މަސައްކަތުބައްދަލުވުމެއް ބާއްވާފައެވެ. މި މަސައްކަތުބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސްއާއި، ވިމަން އިން ޓެކް އަދި ހޯޕް ފޮރ ވިމަން އިން ބައިވެރިވެ، މުހިންމު މަޢުލޫމާތުތަކެއް ޚިއްސާކުރި ސެޝަންތަކެއް ނަގައިދީފައިވެއެވެ.

މިގޮތުން ސިޔާސީ މައިދާނުގައި އަންހެނުން ކާމިޔާބު ހޯދުމަށް ބޭނުންވާ މުޢާސަލާތީ ހުނަރުތަކާއި ގުޅޭގޮތުން ބައިވެރިންނާ މުޙިއްމު މަޢުލޫމާތުތަކެއް ޙިއްސާކުރެއްވީ މިވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލާ އައިމިނަތު ނަމްޒާއެވެ. އެއަށްފަހު، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އަލްފާޟިލް އަހްމަދް މުއާޒް ވަނީ ޑިމޮކްރެޓިކް ގަވަރނަންސް އަދި އިންސާނީ ހައްޤުތަކާއި ގުޅޭގޮތުން ސެޝަނެއް ނަންގަވާފައެވެ. މީގެ އިތުރުން، މި މަސައްކަތުބައްދަލުވުމުގައި ނެޓްވޯކިން އަދި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އަގުހުރި މަޢުލޫމާތުތަކެއް ބައިވެރިންނާއި ޙިއްޞާ ކުރެއްވީ ވިމެން އިން ޓެކްގެ ފަރާތުން އަލްފާޟިލާ ނަހްޒާ އިބްރާހިމްއެވެ. އަދި ޤާނޫނު ހެދުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތުމުގެ މުޙިއްމުކަމަށް އަލިއަޅުވާލުމުގެ ގޮތުން ސެޝަން ނަންގަވައިދެއްވީ ޔޫ.އެން.ޑީ.ޕީގެ ފަރާތުން އަލްފާޟިލް އުމަރް މަވީ އަލީއެވެ. މި މަސައްކަތުބައްދަލުވުން ނިންމާލުމުގެގޮތުން ޖެންޑަރ ޗެމްޕިއަނަކަށް ވުމަށް ބޭނުންވާ ވިސްނުމާއި ހުނަރުތަކާއި ގުޅޭގޮތުން ހޯޕް ފޯރ ވިމެންގެ ފަރާތުން އަލްފާޟިލް އަހްމަދް އަންވަރު ވަނީ މަޢުލޫމާތު ޙިއްސާކުރެއްވާފައެވެ.

ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އޮންނަ މިންވަރަށް އަސަރުކުރާ އެތައް ކަންތައްތަކެއްވެއެވެ. މިގޮތުން އިންތިޚާބުތަކުގައި ވާދަކުރުމާއި ކާމިޔާބުކުރުމުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި އަންހެނުންގެ ސިޔާސީ ބައިވެރިވުމާއި ނެޓްވޯކިންނަށް ހުރަސްއެޅޭ އިޤުތިޞާދީ، ދީނީ، އިޖުތިމާޢީ އަދި ޘަޤާފީ ގޮންޖެހުންތަކެއްވެއެވެ. އިއްޔެގެ މި މަސައްކަތުބައްދަލުވުން ބައްޓަން ކުރެވިފައިވަނީ ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުމާއި، ތަމްސީލުކުރުމާއި، އިސްނެގުމަށް ހުރި ހުރަސްތައް ނައްތާލުމަށް ބޭނުންވާ ޢިލްމާއި ހުނަރު ބައިވެރިންނަށް ހޯދައިދިނުމަށް ވަރަށް ބޮޑު އިސްކަމެއްދީގެންނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މަޖިލީހުގައި އަންހެނުންގެ އަދަދު ގިނަވުމަކީ އާންމުކޮށް އަންހެނުންގެ މައްސަލަތަކަށް ބޮޑު އަޙައްމިއްޔަތުކަމެއް ދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އަންހެނުން ސިޔާސީ މައިދާނުގައި ބާރުވެރިކުރުމަކީ މިންތީގެ ހަމަހަމަކަން ކަށަވަރުކޮށް، ޑިމޮކްރަސީ އޭގެ އަސްލުގޮތުގައި ތަންފީޒުކުރުމަށްޓަކައި ލާޒިމްކަމެކެވެ. އެހެންކަމުން، އަންހެނުން ބާރުވެރިކޮށް، ބިނާކުރުމަށް މުޖުތަމަޢުގެ އެންމެހާ ފަރުދުންނާއި ގުޅިގެން ކުރިއަށް އޮތް ތަނުގައިވެސް މި ވުޒާރައިން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާނެއެވެ.