އަމާން ހިޔާ

އަމާން ހިޔާތަކަކީ ގެވެށި އަނިޔާއާއި އެކިބާވަތުގެ އަނިޔާއާއި އިހުމާލުގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާއި ކުދިންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގައި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާއިމްކުރެވިފައިވާ ސޭފް ހޯމްތަކެކެވެ.

އަމާން ހިޔާތަކަކީ މައިގަނޑު މަސައްކަތްތަކަކީ، މި މަރުކަޒުތަކަށް ނެގޭ އަންހެނުންނާއި ކުދިންނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އިންސާނީ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނެ ފަދައިން ރައްކާތެރިކަން ފޯރުކޮށްދީ، ޢާންމު ހާލަތައް ރުޖޫޢަވުމައްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަގުފަހި ކޮށްދިނުމާއި، އަމާންހިޔާއަށް ނެގޭ އަންހެނުންނާއި ކުދިންގެ ތެރެއިން ސައިކޯ ސޯޝަލް ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

މިގޮތުން މިވަގުތު ހަތަރު އަތޮޅެއްގައި ސޭފް ހޯމްތައް ވަނީ ގާއިމްކުރެވިފައެވެ. އެއީ ހ.ދ. ކުޅުދުއްފުށި، ގ.ދ. ތިނަދޫ، ށ. ފުނަދޫ އަދި ސ. ހިތަދޫ ގައެވެ. ސޭފް ހޯމްތަކަކީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގަމުންދާ މަރުކަޒުތަކެވެ.

"އަމާން ހިޔާ" ގެ މަސައްކަތްތައް
  1. އަނިޔާ ލިބިގެން ގެނެވޭ އަންހެނުންނާއި ކުޑަކުދިންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުން.
  2. އަމާންހިޔާތަކަށް ނެގޭ އަންހެނުންނާއި ކުޑަކުދިންނަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ، އިންސާނީ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނޭ ފަދައިން ރައްކާތެރިކަން ފޯރުކޮށްދީ ޢާންމު ހާލަތައް ރުޖޫޢަވުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަގުފަހި ކޮށްދިނުން.
  3. އަމާންހިޔާތަކަށް ނެގޭ އަންހެނުންނާއި ކުޑަކުދިންގެ ތެރެއިން ސައިކޯ ސޯޝަލް ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުން.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ މަރުކަޒުތައް

ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުޑަކުދިންގެ މަރުކަޒުތަކެއް ވަނީ ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައެވެ. މިމަރުކަޒުތަކަކީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓްގެ  ދަށުން ހިންގަމުންދާ މަރުކަޒުތަކެކެވެ.

މި މަރުކަޒުތަކުގެ މައިގަނޑު މަޤްސަދަކީ އަޅާލާނެ ފަރާތެއް ނެތިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދްމަތްތައް ފޯރުކޮށްދީ އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމެވެ. އަދި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ޘަޤާފަތާއި އެއްގޮތްވާ ގޮތުގެމަތިން  އެކުދިން ތަރުބިއްޔަތުކުރުމެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ހިޔާވެހިކަން ފޯރުކޮށްދިނުމުގެ ގޮތުން އެންމެ ފުރަތަމަ މަރުކަޒެއްގެ ގޮތުގައި ވިލިގިލީގައި ‘ކުޑަކުދިންގެ ހިޔާ’ ޤާއިމްކުރެވުނީ މެއި 2006ގައެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންގެ އަދަދު އިތުރުވުމުގެ ސަބަބުން އިތުރު މަރުކަޒެއްގެ ގޮތުގައި ‘އަމާން ހިޔާ’ ކުޑަކުދިންގެ ހިޔާގެ އިމާރާތާއި ޖެހިގެން ވަނީ ޤާއިމްކުރެވިފައެވެ. މި ދެ މަރުކަޒުގެ އިތުރުން 13 އަހަރުން ދަށުގެ ކުދިންނަށް ޙާއްސަކޮށް ތިން ވަނަ މަރުކަޒެއްގެ ގޮތުގައި ‘ފިޔަވަތި’ ވަނީ ފެބްރުއަރީ 2016 ގައި ޤާއިމްކުރެވިފައެވެ. މިމަރުކަޒުތަކުގައި ދިރިއުޅެނީ 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނެވެ.

އަމާންވެއްޓަކީ އެކި އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ޤާއިމްކުރަމުން އަންނަ މަރުކަޒުތަކެކެވެ.

ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް ޢާއިލީ މާޙައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައިވިޔަސް، ޙާލަތު ނިޔާކުރާގޮތުން އެކި ސަބަބުތަކާ ގުޅިގެން ކުދިންގެ ރައްކާތެރިކަން އާއިލާތެރެއިން ކަށަވަރު ނުވާ ޙާލަތްތަކުގައި ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގެއެވެ. އަދި މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، މުޖްތަމަޢުގައި ދިރިއުޅޭ އެހެން ކުދިންނެކޭ ވެސް އެއްފަދައިން މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު މިކުދިންނަށްވެސް ހޯދައިދީ، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދިނުމަށް މިނިސްޓްރީ އިން އިސްކަމެއްދެއެވެ.

މިގޮތުން މިހާތަނަށް ހއ.ދިއްދޫ ، ށ.ފުނަދޫ، ނ.މަނަދޫ، ބ.އޭދަފުށި އަދި ޏ.ފުވައްމުލަކު ގައި މަރުކަޒުތައް ޤާއިމް ކޮށްފައިވެއެވެ.

"ފިޔަވަތި" ގެ މަސައްކަތްތައް
  1. އުމުރުން 13 އަހަރު ނުފުރޭ ކުދިންގެ ތެރެއިން ތިރީގައި މިވާ ހާލަތްތައް ދިމާވެފައިވާ ކުދިން މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.

(ހ) މަންމައާއި ބައްޕަ ދުނިޔޭގައި ނެތް އަދި ބަލާނެ އެއްވެސް މީހަކު ނެތް ކުދިން.

(ށ) މަގުމަތިން ނުވަތަ އެހެންވެސް ޢާންމު ތަނަކުން ހޮވޭ ކުދިން (އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ހޯދައި އެމީހުންނާ އެކުދިން ހަވާލުކުރެވެންދެން).

(ނ) މައިންބަފައިން ނުވަތަ ބެލެނިވެރިން ކުދިންނަށް އިހުމާލުވާކަން އެނގުމުން އެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަސޭހަތްތެރިވެ ޢަމަލުތައް އިސްލާހުކުރުމަށް އިރުޝާދު ދިނުމުންވެސް އިޞްލާޙުނުވުމުން މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ ވަކިކުރެވޭ ކުދިން.

(ރ) މައިންބަފައިން އެކަށީގެންވާވަރަށް ނުބެލެހެއްޓުމުގެ ސަބަބުން އެކުދިންނަށް ލިބެންޖެހޭ ޒަރޫރީ ޚިދުމަތްތައް ލިބެމުންނުދާ ކުދިންނާއި، އެކުދިންގެ މުސްތަޤުބަލު ގެއްލިގެން ހިނގައިދާނެކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ޤަބޫލުކުރެވޭ ކުދިން.

(ބ) ކުދިންނަށް އަނިޔާކޮށްގެން ނުވަތަ ބޮޑެތި އިހުމާލުވެގެން މައިންބަފައިން ނުވަތަ ބެލެނިވެރިން ހައްޔަރުކުރަންޖެހޭ ހާލަތްތަކުގައި ބަލާނޭ އެއްވެސް މީހަކުނެތް ކުދިން.

(ޅ) މައިންބަފައިން ނުވަތަ ބެލެނިވެރިން ޖަލަށްލުމުން ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.

(ކ) ބެލެނިވެރިޔާ ބުއްދި ގޯސްވެގެން ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.

  1. މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ސަޤާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިޔަތުކޮށް، އެކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޙައްޤުތައް، މަރުކަޒުގެ ގަވާއިދުތަކާ އެއްގޮތަށް ލިބިދިނުން.
  2. މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގައި ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ކ. ގުރައިދޫގައި ޤާއިމްކޮށްފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗް.ޕީ.އެސް.އެން)އަކީ މިނިސްޓްރީގެ މަސްޢޫލިއްޔަތުގެ ދަށުން، ދައުލަތުގެ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ މީހުން ބެލެހެއްޓުމަށްޓަކައި، 6 ޖޫން 1976 ގައި އުމުރުން ދުވަސްވީ މީހުންނާއި ނަފްސާނީ ބަލިމީހުން ބަލަހައްޓަމުންދާ މަރުކަޒެކެވެ. އެޗް.ޕީ.އެސް.އެން ގައި ބަލަހައްޓާ މީހުންގެ ތެރޭގައި، އުމުރުން ދުވަސްވުމުގެ ސަބަބުން އެނދުމަތިވެ ޢާއިލާގެ އަޅާޅުން ލިބިފައިނުވާ މީހުންނާއި، ޢާއިލާއިން ރައްކާތެރިކަން ނުލިބި އަޅާލާނެ ފަރާތެއް ނެތް މީހުންނާއި، ނަފްސާނީ ބަލީގެ ސަބަބުން ޢާއިލާތެރޭގައި ބަލަހައްޓަން އުނދަގޫ ފަރާތްތައް އަދި މަރުކަޒެއްގައި ބަހައްޓައިގެން އިތުރު ތެރަޕީ ނުވަތަ ފަރުވާ ދޭންޖެހޭ ފަރާތްތައްވެސް ހިމެނެއެވެ. އެޗް.ޕީ.އެސް.އެން ގައި މީހުން ބަލަހައްޓަމުން ގެންދަނީ ވަކިވަކި ކެޓަގަރީތަކަކަށް ބަހާލައިގެން ވަކި ވޯޑުތަކުގައި ބަލަހައްޓާ އުޞޫލުންނެވެ. މިގޮތުން ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެނދުމަތިވެފައިވާ ފަރާތްތަކާއި، އަމިއްލަށް އުޅެވޭ ފަރާތްތައް، އަންހެން ފިރިހެން ވަކިން އުޅެވޭވަގޮތަށް ވޯޑުތަކަށް ބަހާލާފައިވެއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މަސައްކަތްތައް
  1. ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންނާއި، އުމުރުން ދުވަސްވެގެން ނުވަތަ ބައްޔެއްގެ ސަބަބުން އަމިއްލައަށް ނޫޅެވޭވަރުގެ މީހުންގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ފަރާތްތައް މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.
  2. މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓާ މީހުންނަށް ބޭނުންވާ ފަރުވާދިނުމާއި، އެ މީހުން ރިހެބިލިޓޭޓްކުރުން.
  3. މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓާ މީހުންނަށް ތަމްރީނުދީގެންނާއި، މަސައްކަތްކުރެވޭނެ ގޮތް ރާވައި ތަނަވަސްކޮށްދީގެން، މުޖުތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި އެމީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.


އެހީތެރިވެދެވޭނެ ގޮތްތައް

މަރުކަޒުތަކުގައި ދިރިއުޅޭކުދިން ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވަމަށް އެކުދިންނަށް ބޭނުންވާ އަޅާލުމާއި އެއްބާރުލުން އެކުދިންނަށް ފޯރުކޮށްދިނުމަކީ މިނިސްޓްރީން އެއްމެ އިސްކަމެއްދޭ އެއްކަންތަކެވެ. އަދި މިނިސްޓްރީއާއި ގުޅިގެން އާއްމު ފަރާތްތަކުންނާއި އަދި އެކި ޖަމިއްޔާއާއި ޖަމާއަތްތަކުން ދައުލަތުގެ ބެލުމުގެދަށުގައިވާ މަރުކަޒުތަކުގައި ތިބޭ ކުދިންގެ ދިރިއުޅުން އުޖާލާކޮށްދިނުމަށް އަދި އެކުދިންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުމަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަކީ މިނިސްޓްރީއިން އަބަދުވެސް ބަލައިގަންނާނެ ކަމެކެވެ. މިގޮތުން މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދެވޭނެ އެކިއެކި ގޮތްތައް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ޑޮނޭޝަނެއް ދިނުން، ސްޕޮންސަރޝިޕެއް ދިނުން އަދި ކުޑަކުދިންނަށްޓަކައި ހަރަކާތެއް ރޭވުން ހިމެނެއެވެ.

ޑޮނޭޝަން

ދައުލަތުގެ ބެލުގެދަށުގައިވާ މަރުކަޒުތަކަށް ޑޮނޭޝަން ދެއްވަން ބޭނުންވާ ފަރާތްތަކުން "ހަދިޔާ ދިނުމަށް އެދި ހުށަހަޅާ ފޯމް" ނުވަތަ "ފައިސާގެ އެހީ ދޭ ފޯމް" ފުރުއްވުމަށްފަހު institutions@gender.gov.mv އަށް އީމެއިލް ކުރައްވާ ނުވަތަ މިނިސްޓްރީއަށް ނުވަތަ މަރުކަޒުތަކަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8.00 އިން 2.00 އާ ދެމެދު ހަވާލުކުރެއްވިދާނެއެވެ. މަރުކަޒުތަކަށް އެވަގުތަކު ބޭނުންވާ ތަކެތީގެ ލިސްޓަކަށް މަރުކަޒުތަކުގައި އެދުމުން އެ ލިސްޓް ލިބޭނެއެވެ.

ސްޕޮންސަރޝިޕް

  • އިތުރު ކެއަރ ވޯކަރުން ސްޕޮންސަރކުރުމަށް

އެކި ސަބަބުތަކަށްޓަކައި އަޅާލާނެ ފަރާތެއް ނެތިގެން ދައުލަތުގެގެ ބެލުމުގެ ދަށަށް ނެގޭ ތުއްތުކުދިންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ތުއްތުކުދިންނަކީ އުމުރުފުރާގެގޮތުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަދި ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށްޓަކައި އެއްމެންގެ އެހީއާއި އަޅާލުން ބޭނުންވާ ކުދިންނެވެ. މިގޮތުން، މަރުކަޒުތަކަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން ތުއްތުކުދިން ބެލުމަށް އިތުރު ކެއަރ ވޯކަރެއްވެސް ސްޕޮންސަރކުރެވިދާނެއެވެ.

  • އިތުރު ޓީޗަރުން ސްޕޮންސަރކުރުމަށް

އެހެނިހެން ކުދިންނެކޭވެސް އެއްފަދައިން މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށްވެސް ތަޢުލީމީ ގޮތުން ކުރިއެރުމަށް އެކިއެކި ފުރުސަތުތައް މަގުފަހިކޮށްދިނުމަކީ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއްދޭކަމެވެ. މިގޮތުން މަރުކަޒުތަކުގައި ދިރިއުޅޭ ކުދިން ތަޢުލީމީގޮތުން ބާރުވެރިކުރުމަށްޓަކައި އެކުދިންނަށް ލިއަންކިއަން އުނގަންނައި ދިނުމަށާއި ސްކޫލް ފިލާވަޅު ހެދުމުގައި އެހީތެރިވެދިނުމަށް އަދި މަޢުލޫމާތު އިތުރަށް މުއްސަނދިކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ޓިއުޝަން އަދި ޤުރުއާން ޓީޗަރުން މަރުކަޒުތަކުގައި ހަރަކާތްތެރިވެއެވެ. މިގޮތުން، މަރުކަޒުތަކަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން އިތުރު ޓީޗަރެއް ސްޕޮންސަރކުރެވިދާނެއެވެ.

  • ކުދިންނަށް ޕްރޮގްރާމެއް ސްޕޮންސަރކުރުމަށް

އެހެނިހެން ކުދިންނެކޭވެސް އެއްފަދައިން މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންވެސް ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށް ބޭނުންވާ އެކިއެކި ފުރުސަތުތައް މަގުފަހިކޮށްދިނުމަކީ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއްދޭކަމެކެވެ. މިގޮތިން މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމުގެގޮތުން ކުޅިވަރު، އާޓް އަދި މިނޫނަސް އެހެން ރިކްރިއޭޝަނަލް ޕްރޮގްރާމެއް ސްޕޮންސަރކުރެވިދާނެއެވެ.

އިތުރު ކެއަރ ވޯކަރެއް، އިތުރު ޓީޗަރެއް ނުވަތަ ޕްރޮގްރާމެއް ސްޕޮންސަރކުރައްވަން ޝައުޤުވެރިވާ ފަރާތްތަކުން މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް  institutions@gender.gov.mvއަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ކުދިންނަށް ހަރަކާތެއް ރޭއްވުމަށް

މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ހަރަކާތެއް މަރުކަޒުގައި ނުވަތަ މަރުކަޒުން ބޭރުގައި ރާވާ ބޭއްވުމަށް އެދޭ ފަރާތްތަކުން "އިވެންޓްސް އެންޑް އެކްޓިވިޓީ ފޯމް" ފުރުއްވުމަށްފަހު institutions@gneder.gov.mv އަށް އީމެއިލް ކުރައްވާ ނުވަތަ މިނިސްޓްރީއަށް ނުވަތަ މަރުކަޒުތަކަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8.00 އިން 2.00 އާ ދެމެދު ހަވާލުކުރެއްވިދާނެއެވެ.