ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، ވަގުތީ ގޮތުން ފޮސްޓަރކުރުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލައިފި އެވެ.
ތަފާތު އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނެވެނީ ވަގުތީ ގޮތުން ނެވެ. އެހެންނަމަވެސް، އެކި ސަބަބުތަކާއި ހުރެ އެކުދިންގެ އުފަން އާއިލާތަކަށް އަނބުރާ ނުފޮނުވި، މަރުކަޒު ކުރެވުނު ނަމަވެސް، އެ ކުދިންނަށް އާއިލީ ލޯތްބާއި އަޅާލުން ހޯދައިދިނުމުގެ ގޮތުން އެ ކުއްޖާގެ އުފަން އާއިލާ ނޫން އެހެން ފަރާތްތަކާއި ހަވާލުކުރުމުގެ ނިޒާމު ނުވަތަ ފޮސްޓަރކުރުމުގެ ނިޒާމު މި ވުޒާރާއިން ވަނީ ޤާއިމްކޮށްފަ އެވެ.
މިގޮތުން، މިހާރުވެސް ފޯސްޓަރ ނިޒާމުގެ ތެރެއިން ދާއިމީ ފޯސްޓަރރިންގެ ތެރެއިން ކުއްޖާގެ އުމުރުން 18 އަހަރު ހަމަވުމާއި ހަމައަށް ޤާނޫނީ ބެލެނިވެރިކަން ހަވާލުކުރެވެ އެވެ. އަދި ވަގުތީ ގޮތުން ފޮސްޓަރކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެއެވެ.
ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި 18 އަހަރުން ދަށުގެ 169 ކުދިން މަރުކަޒު ކުރެވިފައި އެބަތިއްބެވެ. މި ކުދިން އަނބުރާ އާއިލާއަށް ފޮނުވުމަށް ނުވަތަ އާއިލީ ދިރިއުޅުމެއް އެކުދިންނަށް ހޯދައިދިނުމަށް މި މިނިސްޓްރީން ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންދާއިރު ވަގުތީ ގޮތުން ފޮސްޓަރކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ވެސް އެ ބޭނުމަށްޓަކައެވެ.
ވަގުތީ ގޮތުން ފޮސްޓަރކުރުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ވަގުތީ ގޮތުން ބަލަހައްޓާނެ ފަރާތަކާއި ހަވާލުކުރުމެވެ. މިގޮތަށް ހަވާލުކުރެވޭ އެންމެ ކުރު މުއްދަތަކީ 2 އަހަރެވެ.
މުއްދަތެއް ކަނޑައަޅައި ވަގުތީގޮތުން ކުއްޖާ ބަލަހައްޓާނެ ފަރާތަކާއި ހަވާލުކުރުމުގެ ބޭނުމަކީ ކުއްޖާގެ އުފަން އާއިލާގެ ހާލަތު ރަނގަޅުކުރުމަށް ބާރުއަޅައި، ކުއްޖާ އަނބުރާ އާއިލާއާއި ހަވާލުކުރެވެން ދެން ވެސް، އާއިލީ ލޯބާއި އަޅާލުން ލިބި، އާއިލީ ވެއްޓެއްހައި ދިރިއުޅުމުގެ މަގު ފަހިކޮށްދިނުމެވެ.