އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކޯލް ސެންޓަރ ތަޢާރަފް ކުރުމާއި ގުޅޭ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަސައްކަތްތައް ހަރުދަނާކޮށް ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 2024 ޖަނަވަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން، މިވުޒާރާގެ އައު ކޯލް ސެންޓަރެއް ޤާއިމްކޮށް ވުޒާރާއަށް ގުޅޭނެ އައު ނަންބަރެއް ތަޢާރަފް ކޮށްފިއެވެ.  އިދާރާގެ ޚިދުމަތްތަކަށް އެދި ގުޅުއްވާ ފަރާތްތަކަށް ފަސޭހަކަމާއި އަވަސްކަމާއި އެކު ޚިދުމަތް ދިނުމަށް ޤާއިމްކޮށްފައިވާ ކޯލް ސެންޓަރުގެ އައު ނަންބަރަކީ 1433 އެވެ.

ކޯލް ސެންޓަރުގެ މިނަންބަރަކީ މިއިދާރާއިން މިހާރުވެސް ބޭނުން ކުރަމުންގެންދާ އިޖުތިމާޢީ ޚިދުމަތްތަކާއިގުޅޭ ހެލްޕްލައިން 1421 އަދި ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ ހެލްޕްލައިން 1412ގެ އިތުރުން ތަޢާރަފުކުރެވުނު މުޅިން އައު ނަންބަރެކެވެ.

1421 އަދި 1412 އަކީ 24 ގަޑި އިރު ގުޅޭ ހެލްޕްލައިން ތަކަށް ވީނަމަވެސް 1433 ނަންބަރަކީ ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި ގުޅޭނެ ނަންބަރެކެވެ.

މިގޮތުން 1433 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 01:30 އަށް  ގުޅޭނެއެވެ. އަދި ކޯލު ނުނެގި ދާ ހާލަތްތަކުގައި ކޯލުގެ މަޢުލޫމާތު ވަކި ސިސްޓަމެއްގައި ރައްކާކުރެވި ތަރުތީބުން، އެފަދަ ކޯލުތަކަށް ކޯލްސެންޓަރުން ޖަވާބުދާރީވަމުން ގެންދާނެއެވެ.

މި ބަދަލާއެކު ކޯލްސެންޓަރުގައި އެންމެ ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރެވި، މިސިސްޓަމުގެ ޒަރީއާއިން ކޮންމެ ކޯލެއް ލޮގު ކުރެވި، ކަމާއިގުޅޭ ފަރާތްތަކާއި މަޢުލޫމާތު ހިއްސާކޮށް އާންމުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެން ދާނެއެވެ.

އަވަސްކަމާއި އިތުބާރާއި އެކު އެންމެ ފަސޭހަވާނެ ގޮތަކަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަކީ މި އިދާރާގެ އަމާޒެކެވެ. އަދި  ރައްޔިތުންނާއި ގުޅިގެން މަސައްކަތްކޮށް ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތަކުގެ ހައްލު ހޯދައުދިނުމަކީ ވުޒާރާގެ އަމާޒެވެ.

އެހެން ކަމުން 2024 ޖަނަވަރީ 7 ވަނަ ދުވަހުން ފެށިގެން މި ވުޒާރާގެ ކޯލް ސެންޓަރަށް ގުޅޭނެ މައި ނަންބަރަކީ 1433 ކަމުގައި ދަންނަވަމެވެ.