ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް (ސީ.އެފް.ޕީ.އެސް) އިން އަދާހަމަކޮށް ބަލަހައްޓަމުން ގެންދާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރެއް އެންމެ ފުރަތަމަ ފަހަރަށް އެކުލަވާލައިފައި ވަނީ 2018 ވަނަ އަހަރުގައެވެ. މި ދަފްތަރުގައި އެމީހުންގެ ވަނަވަރުގެ އިތުރުން ކުރި ކުށުގެ ބާވަތާއި، ޙުކުމް ތަންފީޒުކޮށް ނިމޭ ތާރީޚް ފަދަ މުޙިންމު މަޢުލޫމާތުތައް ހިމެނެއެވެ. މި ދަފްތަރު އަދާހަމަކޮށް ޝާއިއުކުރަމުން އައިކަމުގައި ވީނަމަވެސް  އާންމުންނަށް އެ ވެބްސައިޓަށް ވާޞިލުވުމަށް ދަތިތަކާއި ކުރިމަތިވިއެވެ.

މި ދަފްތަރު ޑިޖިޓަލައިޒް ކުރުމުގެ މަގްސަދަކީ މީގެކުރިން މެނުއަލްކޮށް އަޅަމުންދިޔަ މަޢުލޫމާތު ލަސްކަމެއްނެތި ވަގުތުން އަދާހަމަކުރުމެވެ. އަދި އާންމުންނަށް ފަސޭހައިން މިދަފްތަރުގައި ހުރި މަޢުލޫމާތަށް ވާޞިލުވުމެވެ. މިގޮތުން، ފިލްޓަރކޮށް ދަފްތަރުގައި ހިމެނޭ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެންވެސް މަޢުލޫމާތު ހޯދޭނެގޮތް މިހާރުވަނީ ފަހިވެފައެވެ.

މިދަފްތަރުގައި ހިމެނޭ މީހާ ހުރި ތަން ފިޔަވައި، އެހެން ހުރިހާ މަޢުލޫމާތުތަކަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީ.ޖީ އޮފީސް) އިން ފޯރުކޮށްދެއްވުމުން، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް އިން ޝާއިޢުކުރާ މަޢުލޫމާތެވެ. ޕީ.ޖީ އޮފީހުން ފޯރުކޮށްދެއްވާ މަޢުލޫމާތު ބިނާވާނީ، ޝަރުޢީ ކޯޓަކުން ނިންމާ ޙުކުމްގެ މައްޗަށް ބިނާކޮށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކުރުމުގެ ހަފްލާގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ، މި ދަފްތަރު ޑިޖިޓަލައިޒްކުރުމުގެ މަސައްކަތަކީ އަދި ފެށުމެއް ކަމަށާއި އަދި މި މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޕީ.ޖީ އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އެކު ކުރިއަށް ގެންދަންޖެހޭ ކަމަށެވެ، އަދި މި ދަފްތަރު، ޑިޖިޓަލައިޒް ކުރެވިގެންދިޔުމަކީ، އަނިޔާ ލިބިފައިވާ ކުދިންނާއި އެކުދިންގެ ޢާއިލާތަކަށް މުހިންމު މަސައްކަތެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

މި މަޢުލޫމާތައި މި ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަކީ މިފަދަ އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައިވެސް ކުރުން ވަރަށް މުހިންމު ކަމެއްކަންކަމެވެ. އަދި މީގެ އިތުރުން، ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކޮށްދެއްވާފައިވަނީ ޕީ.ޖީ އޮފީހުގެ އެހީތެރިކަމާއި އެއްބާރުލުމާއިއެކު ކަމަށްވުމުން، މިނިސްޓަރ ވަނީ އެކަން ފާހަގަކުރައްވާ ޕީ.ޖީ އަލްއުސްތާޛް ހުސައިން ޝަމީމް އަދި ޕީ.ޖީ އޮފީޖުގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

ޕީ.ޖީ އަލްއުސްތާޛް ހުސައިން ޝަމީމްގެ ވާހަކަފުޅުގައިވެސް މި މަސައްކަތަކީ އަދި ފެށުމެއްކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ދަފްތަރު ހަރުދަނާކުރުމުން ކަމާގުޅުން ހުރި ހުރިހާ މުޢައްސަސާތަކަކުން އެއްގޮތަކަށް މަޢުލޫމާތުތައް ޝާޢިއުކުރެވިގެންދާނެކަމަށް ކަމަށްވެސް ޕީ.ޖީގެ ވާހަކަފުޅުގައި ވަނީ ފާހަގަކޮށްފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރާއި ގުޅޭ މަޢުލޫމާތެއް ހިއްސާކުރުމަށް ނުވަތަ ޝަކުވާއެއް ހުށަހެޅުމަށް  ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އީމެއިލް info.cfps@gender.gov.mv މެދުވެރިކޮށް ހިއްސާކޮށްދެއްވުންއެދެމެވެ.

https://offenders.mv/

05  ނޮވެމްބަރ 2023