ޢުމުރުންދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ “ރަންވޭލާ” ކެމްޕޭންގެ ޕްރޮގްރާމްތައް ބ.އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފި

ދޮށީޢުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހިންގާ “ރަންވޭލާ” ކެމްޕެއިންގެ ޕްރޮގްރާމްތައް ބ.އަތޮޅުގެ 13 ރަށުގައި ކުރިއަށް ގެންގޮސްފިއެވެ. މިގޮތުން، އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމަށާއި، އެފަރާތްތަކަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމަށާއި، އެފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިއްމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ވަނީ ހިންގާފައެވެ. މި ސެޝަންތަކުގައި 180އަށްވުރެން ގިނަ ދޮށީ އުމުރުގެ މީހުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށާޢި، އެފަރާތްތަކަށް ޒުވާނުންގެ ފަރާތުން ލިބޭ އެހީތެރިކަން އިތުރުކުރުމަށްޓަކައި ބ.އަތޮޅުގެ 100އަށްވުރެން ގިނަ ޒުވާނުންނަށްވެސް ވަނީ ޙާއްސަ ސެޝަންތަކެއް ހިންގާފައެވެ.

“ރަންވޭލާ” ކެމްޕެއިންގެ ދަށުން މިނިސްޓްރީ އާއި ބ. އަތޮޅުގެ ހޮސްޕިޓަލް އަދި ހެލްތް ސެންޓަރުތައް ގުޅިގެން އަތޮޅުގެ ހުރިހާ ރަށެއްގައި ދޮށީއުމުރުގެ މީހުންނަށް ހެލްތް ސްކްރީނިންގ ޕްރޮގްރާމްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި، 65 އަހަރުން މަތީގެ ދާންމަތިވެފައިވާ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންނަގެ ގާތަށް މިނިސްޓްރީއިން ވަނީ ޒިޔާރަތްކޮށް ހާލަތު ބަލާފައެވެ. މީގެ އިތުރުން، ދޮށީ އުމުރުގެ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްސަދުގައި ބ. އަތޮޅުގައި މަސައްކަތްކުރައްވާ ހުރިހާ ހެލްތް ކެއަރ ވަރކަރުންނަށާއި އިޖްތިމާޢީ ހިދްމަތްތެރިންނަށްވެސް މިކެމްޕެއިންގެ ދަށުން ތަމްރީން ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.

“ރަންވޭލާ” ކެމްޕެއިން އަކީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އިފްތިތާޙްކޮށްފައިވާ ކެމްޕެއިނެކެވެ. އަދި، މިކެމްޕެއިންގެ ހަރަކާތްތައް ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގުމަށް މިނިސްޓްރީއިން ވަނީ ރާވާފައެވެ.

15 ފެބްރުއަރީ 2017

Leave a Reply

Your email address will not be published. Required fields are marked *