ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ)ގެ ޓެކްނިކަލް ކޮމިޓީގެ މެންބަރުންނަށް ހިންގާ ފުރަތަމަ ތަމްރީން ޕްރޮގްރާމް ބާއްވައިފި

ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ)ގެ ޓެކްނިކަލް ކޮމިޓީގެ މެންބަރުންނަށް އަމާޒުކޮށްގެން ހިންގާ ފުރަތަމަ ތަމްރީނު ޕްރޮގްރާމް 14 ޖޫން އިން 16 ޖޫން 2022 އަށް ބާއްވައިފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ހޯމަ ދުވަހު ހެނދުނު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ.

މިންތީގެ ހަމަހަމަ ކަމާއި، ހަމަހަމަ ފުރުޞަތުތަކާއި، އަދުލުވެރިކަން އެންމެންނަށް ފޯރުކޮށްދީ ކަށަވަރުކޮށްދޭ މުޖުތަމަޢުއެއް ބިނާކުރުމަށް ތަސައްވަރުކޮށް، ޤާނޫނު ނަންބަރު: 2016/18 (ޖެންޑަރ އިކުއަލިޓީގެ ޤާނޫނު)ގެ ދަށުން އެކުލަވާލާފައިވާ، ޤައުމީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން (2026-2022) ވަނީ 2022 މާރިޗު 22 ގައި ލޯންޗުކޮށްފައެވެ. ޖީ.އީ.އޭ.ޕީގެ ތަންފީޛީ މަރުހަލާތައް ރާވާ، ކަނޑައެޅިފައިވާ ލަނޑުދަނޑިތަކުގެ ނަތީޖާ މޮނިޓަރކުރުމަށްޓަކައި، އެކި މުއައްސަސާތައް ހިމެނޭގޮތަށް ޓެކްނިކަލް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

މި ތަމްރީން ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖީ.އީ.އޭ.ޕީ ތަންފީޛުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިކަން ހާޞިލްކުރެއްވުމަކީ ހަމައެކަނި ޖެންޑަރ މިނިސްޓްރީގެ މަސްއޫލިއްޔަތެއް ނޫންކަމާއި، މިއީ ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ ބައިވެރިވުމާއި އެކު ވަރަށް ފުޅާކޮށް ކުރަންޖެހޭ މަސައްކަތެއްކަމަށް ސްޓޭޓް މިނިސްޓަރ ޒިފްލީނާ ޙަސަން ވިދާޅުވިއެވެ.

ޖެންޑަރ، މިނިސްޓްރީއިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތައް ކުރުމަށް މަގުފަހިކުރުމަށާއި ކޮމިޓީގެ މެންބަރުންގެ ޤާބިލިއްޔަތު އިތުރަށް ހަރުދަނާކުރުމަށްޓަކައި މިންތީގެ މަފްހޫމްތަކާއި، ޖެންޑަރ މެއިންސްޓްރީމްކުރުމަށް ބޭނުންވާ މުހިންމު ފަންނީ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މީގެ އިތުރުން 2022 އަދި 2023 ގެ އަހަރީ ވާކް ޕްލޭން އެކުލަވާލުމަށް އަދި ޖީ.އީ.އޭ.ޕީ ތަންފީޒުކުރުމުގައި ކުރިއަށްދާނެ ގޮތާމެދު ގުޅުންހުރި އިދާރާތައް އެކީގައި ޚިޔާލު ބަދަލުކުރެވި މަޝްވަރާކުރުމެވެ.

18 ބައިވެރިންނާއި އެކު ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދިއުމަށް މިނިސްޓްރީއިން ރާވާފައިވާ ޕްރޮގްރާމެކެވެ.

 

 

17 ޛުލްގައިދާ 1443

16 ޖޫން  2022

Leave a Reply

Your email address will not be published. Required fields are marked *