“ވޯލްޑް އެލްޑަރ އެބިއުސް އެވެއާރނެސް ޑޭ” އާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އޯޕަން ފޯރަމެއް ބާއްވައިފި

އުމުރުން ދުވަސްވީ މީހުންނަށްކުރާ އަނީޔާއާއި ދެކޮޅަށް ހޭލުންތެރިކުރުމުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އޯޕަން ފޯރަމެއް ބާއްވައިފިއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީ ދުވަސްވީ މީހުންނަށް ކުރެވޭ އަނިޔާއާއި އިހުމާލުވުމަށް މެދުވެރިވާ ސަޤާފީ، އިޖުތިމާޢީ، އިޤްތިޞާދީ އަދި ޑިމޯގަރާފިކް ސަބަބުތަކާމެދު ހޭލުންތެރިކަން އިތުރުކޮށްގެން، އެފަދަ އަނިޔާއާއި އިހުމާލު އެދޭވޭގޮތެއްގައި ދެނެގަންނާނެ ފުރުޞަތު މުޖުތަމަޢުގެ ރައްޔިތުންނަށް ތަނަވަސްކޮށްދިނުމެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ހަވީރު ބޭއްވި މި ފޯރަމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޘު ޑރ.މޫސާ އަންވަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފޯރަމުގައި މިނިސްޓްރީގެ އިރުތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ރިސޯސް ބޭފުޅުންވަނީ ޕެނެލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މުނީޒާ އަފީފް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެމިލީ އެންޑް ކޮމިއުނިޓީ ޑިވެލޮޕްމެންޓްގެ ސަބް އިންސްޕެކްޓަރ ޢަބްދުލް ޖަލީލު އިބްރާހީމް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ޑިރެކްޓަރ މުޙައްމަދު ޖާބިރު މި ފޯރަމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ފޯރަމުގައި ދައުލަތުގެ އިދާރާތަކުންނާއި، ޖަމުޢިއްޔާ ޖަމާއަތްތަކުންނާއި، ނޫސްވެރިންނާއި އަދި ސުކޫލް އަދި ކޮލެޖުތަކުގެ ދަރިވަރުންގެ ޖުމްލަ 77 ފަރާތެއް ބައިވެރިވެ، ޢުމުރުން ދުވަސްވީ މީހުންނަށް ދިމާވާ އެކިއެކި ދަތިތަކާއި، ލިބޭ އަނިޔާއާއި މިކަންކަމާ ގުޅިގެން ހުރި ކަންބޮޑުންތަކާއި، އަދި އެފަރާތްތަކުގެ އެންމެހައި ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ކުރެވިދާނެކަންކަމާ ގުޅޭގޮތުން ޚިޔާލުފާޅުކޮށް، މަޝްވަރާކޮށްފައިވެއެވެ.

 

 

15 ޒުލްޤައިދާ 1443

15 ޖޫން  2022

Leave a Reply

Your email address will not be published. Required fields are marked *