ޖީ.އީ.އޭ.ޕީ ކާމިޔާބުކޮށް ކުރިއަށް ގެންދިޔުމަށް ކޮމިޓީ މެންބަރުންގެ ކޮމިޓްމަންޓް ވަރަށް މުހިންމު: މިނިސްޓަރ އާއިޝަތު މުޙައްމަދުދީދީ

މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި މެނިފެސްޓޯގައި މިންތީގެ ހަމަހަމަކަމާއި، އަދި ވަކިން ޚާއްސަކޮށް ޖެންޑަރ މެއިނސްޓްރީމް ކުރުމަށް އިސްކަމެއް ދީފައިވާއިރު، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) ކާމިޔާބުކޮށް ކުރިއަށް ގެންދިޔުމަށް ޓެކްނިކަލް ކޮމިޓީ މެންބަރުންގެ ކޮމިޓްމަންޓް ވަރަށް މުހިންމު ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ޓެކްނިކަލް ކޮމިޓީ މެންބަރުންނަށް 14 ޖޫން އިން 16 ޖޫން 2022 ގެ ނިޔަލަށް ބާއްވާ މަސައްކަތު ބައްދަލުވުމުން ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ 22 މާރިޗު 2022 ގައި ލޯންޗުކުރެވުނު ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ އެއް އަމާޒަކީ މިންތީގެ ހަމަހަމަށް ވާސިލުވުމަށްޓަކައި ރާއްޖޭގައި ކުރަމުންދާ މަސައްކަތް ހަރުދަނާކޮށް، ހުރިހާ މުއައްސަސާތަކާއި ދާއިރާތަކުގެ ބައިވެރިވުމާއި އެކު، ނަތީޖާނެރެވޭކަން ކަށަވަރުވާނެ ފަދަ ނިޒާމެއް އެކުލަވާލުން ކަމަށެވެ.

“ރައީސުލްޖުމްހޫރިއްޔާ އިސްވެހުންނަވާ ހައި-ލެވެލް ސްޓިއަރިންގ ކޮމިޓީ އަދި ތަންފީޛީ އިދާރާތަކުގެ ފަންނީ މުވައްޒަފުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޓެކްނިކަލް ކޮމިޓީއަކީ ޖީ.އީ.އޭ.ޕީ.ގެ ތަންފީޛީ މަރުހަލާ ކުރިއަށް ގެންދިޔުމަށް އެކުލަވާލެވިފައިވާ ތަފާތު ދައުރުތަކެއް އަދާކުރާ މުހިންމު ދެ ކޮމިޓީއެއް.” މިނިސްޓަރ އާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެވެ.

ޖީ.އީ.އޭ.ޕީ ކާމިޔާބުކަމާއިއެކު ތަންފީޛުކުރެވުމުން ޤައުމީ ސިޔާސަތުތަކާއި ޤާނޫނީ މަސްއޫލިއްޔަތުތައް ފުރިހަމަވުމުގެ އިތުރުން، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްވެސް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވަމުން، ޖެންޑަރ މިނިސްޓްރީގެ މެންޑޭޓްގެ އިތުރުން ގިނަގުނަ މުއައްސަސާތަކެއްގެ މެންޑޭޓްގައި ހިމެނޭ ކަންކަމާއި ޕްލޭނުތަކުގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައްވެސް ހިމެނޭ ކަމަށް މިނިސްޓަރ އާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެވެ.

އަދި، ގުޅިގެން މަސައްކަތްކޮށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ އިންތިޒާމުތައް ކަށަވަރުކުރުމަކީ ޓެކްނިކަލް ކޮމިޓީގެ އެއް މަސްއޫލިއްޔަތު ކަމަށާއި މީގެ ތެރެއިން މި ޕްލޭނުގައި ހިމެނޭ ކަންކަން ތަންފީޛުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ބަޖެޓު ހޯދުމަށް ސްޓިއަރިންގ ކޮމިޓީއަށް ހުށަހަޅަންޖެހޭ ވަރކް ޕްލޭންތައް ފަރުމާކުރުމުގެ މަސައްކަތް މި ޕްރޮގްރާމްގެ ތެރެއިން ފެށިގެން ދާނެ ކަމަށް މިނިސްޓަރ އާއިޝަތު މުޙައްމަދުދީދީގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މީގެ އިތުރުން، މި މަސައްކަތްތައް ކުރުމަށްޓަކައި ކުރިއަށްއޮތް އަހަރުތަކަށް ބޭނުންވާ ވަސީލަތްތަކާއި ޚަރަދުގެ އަގު އަންދާޒާކުރުމަށް ޖީ.އީ.އޭ.ޕީ ގެ ކޮސްޓިންގ ގެ މަސައްކަތް ޔޫއެންއެފްޕީއޭއާއި ގުޅިގެން، މިދިޔަ މެއި މަހު ފެށިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހަށް ކޮސްޓިންގ ގެ މަރުހަލާ ފުރިހަމަވުމުން، ކުރިއަށް އޮތް އަހަރުތަކުގައި ވާރކް ޕްލޭންތަކާއި ބަޖެޓު އެކުލަވާލުމުގައި ގިނަގުނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށްވެސް މިނިސްޓަރ އާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެވެ.

ވާރކް ޕްލޭންތައް އެކުލަވާލުމަށްފަހު، ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށް ގެންދިޔުމަށް މަސައްކަތްތައް ވިލަރެސްކޮށް މޮނިޓަރކޮށް، ސްޓިއަރިންގ ކޮމިޓީއަށް ހުށަހަޅަންޖެހޭ ކުއާރޓަލީ މޮނިޓަރިންގ ރިޕޯޓުތައް އެކުލަވާލުމަކީ ޓެކްނިކަލް ކޮމިޓީގެ މައިގަނޑު އެއް ދައުރުއެވެ. މިކަން ކުރުމަށް އެކި ދާއިރާތަކާއި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން މިނިސްޓަރ އާއިޝަތު މުޙައްމަދުދީދީ ވަނީ ފާހަގަކުރައްވާފައެވެ. 

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އެކި ދާއިރާތަކާއި މުވައްސަސާތަށް ހިމެނޭ ގޮތަށް މި މަސައްކަތް ކުރުމަށް ބާރުއެޅުމަށް މިނިސްޓްރީއިން މިހާތަނަށްވެސް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން، މިނިސްޓްރީގެ ދަށުން އެކުލެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ މުވައްޒަފުން ތަމްރީނުކޮށް، މި ފަރާތްތައް މެދުވެރިކޮށް ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ އަތޮޅެއްގައިވެސް މަޢުލޫމާތު ފޯރުކޮށްދީ ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދެވި، ލޯކަލް ކައުންސިލުތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އަތޮޅުތަކުގައި ޤާއިމުވެފައިވާ ސިއްޚީ އަދި ތައުލީމީ މަރުކަޒުތަކުގެ ފަރާތްތަކާއި އެކު މަސައްކަތް ކުރުމަށް ވަނީ ފަށާފައެވެ.

16 ޛުލްގައިދާ 1443

15 ޖޫން 2022

Leave a Reply

Your email address will not be published. Required fields are marked *