ފ.ނިލަންދޫގައި ޤާއިމްކުރާ ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރާއި އަމާންވެށި އިމާރާތުގެ ބިންގާ އަޅައިފި

ފ. ނިލަންދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އަދި އަމާންވެށި އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއެވެ. މިނިސްޓަރގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީވެސް މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވިއެވެ. މި އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގައެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައި ވަނީ  15,318,517.92 (ފަނަރަމިލިއަން ތިންލައްކަ އަށާރަހާސް ފަސްސަތޭކަ ސަތާރަ ރުފިޔާ ނުވަދިހަ ދެ ލާރި)އަށް މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަންއާއެވެ.

 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު ތަކުން ފޯރުކޮށްދެމުންދާ ޚިދުމަތަކީ މުޅި މުޖުތަމަޢުއާއި ގުޅިފައި އޮތް ޚިދުމަތެއް ކަމަށާއި އަނިޔާ ލިބޭ އަންހެނުންނާއި ކުޑަކުދިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ޤާނޫނު ތަކުން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކުން މަހުރޫމުވެގެން ނުވަތަ އަނިޔާގެ ޝިކާރައަކަށްވެގެން ހުށަހެޅޭ މައްސަލަތަކުގައި އެންމެ އެކަށީގެންވާ ގޮތެއްގައި  މަސައްކަތް ކުރެވޭނީ މުޅި މުޖުތަމަޢުގެ އެއްބާރުލުން ލިބިގެންކަން މިނިސްޓަރ ޢާއިޝަތު މުހައްމަދުދީދީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ކުދިންނަށް ބޭނުންވާ ވަޤުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތްތަށް ހަރުދަނާކޮށް ގާބިލް މުވައްޒަފުން އިޖްތިމާޢީ ޚިދުމަތްދިނުމުގެ ދާއިރާއަށް ނެރެން ބޭނުންވާ ތަމްރީނު ފޯރުކޮށްދީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ސެންޓަރުތަކުގައި ޤާއިމްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކޮށްފައިވެއެވެ.

 

ލާމަރުކަޒީ އުޞޫލުން އިޖްތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމަށް މިހާތަނަށް ރާއްޖޭގެ 19 އަތޮޅެއްގައި އެފް.ސީ.އެސް.ސީތައް ވަނީ ޤާއިމްކޮށްފައިވެއެވެ. އޭގެ ތެރެއިން ފ. އެފް.ސީ.އެސް.ސީ އިން 2008 ވަނަ އަހަރުން ފެށިގެން އެ އަތޮޅުގައި އިޖްތިމާޢީ ޚިދުމަތް ދެމުން ގެންގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ އިމާރާތެއްގައެވެ. ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދެމުންގެންދާ ކުދިންނަށް ހެނދިބޮޑުވުމުގެ މަރުހަލާގައި ޢާއިލީ އަދި މުޖުމަތަޢުގެ ވެށިން ބޭނުންވާ އަޅާލުމާއި ލޯބި ހޯދައިދީ އެކަމަށް މަގުފަހިކުރުމަށް 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ 07 ސަރަހައްދެއްގައި “އަމާން ވެށި”ގެ ނަމުގައި އޯލްޓަނޭޓިވް ކެއަރ ޚިދުމަތްދޭ  މަރުކަޒްތައް ވަނީ ޤާއިމްކޮށްފައެވެ.

 

26 ޞަފަރު 1444

22 ސެޕްޓެމްބަރ 2022

Leave a Reply

Your email address will not be published. Required fields are marked *