އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އިދާރާތަކުގެ ފަރާތްތަކަށް ތަމްރީން ޕްރޮގްރާމެއް ހިންގައިފި

އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި އިދާރާތަކުގެ ފަރާތްތަކަށް ޚާއްސަކުރެވިގެން ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި

އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި އިދާރާތަކުގެ ފަރާތްތަކަށް ޚާއްސަކުރެވިގެން ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމު ކުރަމުންދާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުންނަށް ހިނގުނު ތަމްރީނު ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ އޮކްޓޫބަރު 4 – 5 އަށެވެ. 25 ބައިވެރިންނާއެކު ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ޔުނިސެފް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، މިނިސްޓްރީ އޮފް ހެލްތް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން ހިމެނެއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ދުވަހު އިބަމަ މެންބަރުންގެ ދައުރާއި، މަސައްކަތް ކުރުމުގެ ގޮތްތަކާއި، މަސްޢޫލިއްޔަތާއި، ނާޒުކު ހާލަތުގައިވާ މީހުންގެ ޢާއިލާތަކާއި މުޢާމަލާތް ކުރާނެ ހުނަރުތަކާއި، ވިސްނުންތެރިކަމާއެކު އަޑުއަހާނެ ގޮތާއި، މުޖުތަމަޢުގައި ހިނގާ ނިކަމެތި ހާލަތްތަކާއި ގުޅޭ ކަންތައްތައް އިބަމަ މެންބަރުންނަށް އިނގޭނޭ ނިޒާމެއް ޤާއިމުކުރާނެ ގޮތާއި، ވިޔަނުދިނުމަށް ފިޔަވަޅު ނާޅާ ދޫކޮށްލައިފިނަމަ ވެދާނޭ ގޮތްތަކުގެ ތަމްރީނު ފޯރުކޮށްދީފައިވެއެވެ. މި ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ދުވަހު ކޭސް ސްޓަޑީ ކުރާނެ ގޮތްތަކާއި، ވަލްނަރަބިލިޓީ މެޕިންގ ކުރިޔަށް ގެންދާނެ ގޮތްތަކާއި، އިބަމަ ވަރކް ޕްލޭން ރާވާލުމުގައި ވިސްނަންވީ ކަންތައްތަކާއި، އިބަމައިގެ ބައްދަލުވުންތައް ބޭއްވުމާއި، މަސައްކަތްތައް ރާވާ ހިންގުމާއި، އިބަމައިގެ އުސޫލުތަކާއި ރިޕޯރޓްކުރާނެ ގޮތްތަކާއި، ރަށުގެ ރަށްޔިތުންނަށް އިބަމަ ތަޢާރަފުކޮށްދޭނެ ގޮތްތައް ކިޔާދީފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން އިންޓަރ އެޖެންސީ ކޯޑިނޭޝަންގެ މުހިންމުކަމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙުމޫދު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ އަދުގެ ސަރުކާރުގެ އަމާޒަކީ މާލެއާ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންހުރި ޚިދުމަތްތަކުގެ ތަފާތު ކުޑަކުރުމާއި ހަމަހަމަކަމާއި އިންސާފު ޤާއިމު ކުރުން ކަމުގައެވެ. އަދި އަދުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ ތަރައްޤީގެ އެންމެހާ މަސައްކަތްތައް ވުޖޫދަށް ގެނައުމާއި ހިންގަވާ އެކިއެކި މަޝްރޫޢުތައް ޖަޒީރާވަންތަ މި ޤައުމަށް އެންމެ އެކަށީގެންވާގޮތަށް ލާމަރުކަޒު ކުރެވިގެން ރޭވި ރައްޔިތުން ލާބަޔާ މަންފާއަށް ބިނާކޮށް ކުރެވޭ ކަންކަން ކަމުގައެވެ.

އިބަމަ އަކީ ދިވެހިރާއްޖޭގެ މުޖުތަމަޢުތަކުގައި ވިޔަނުދިނުމާއި، އަދި ރައްކާތެރިކަމުގެ ނަޒަރުން ވިސްނައިގެން ފަޚުރުވެރި އާއިލާތަކާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި އެންމެހާ ހިއްސާދާރުން ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރުމުގެ ތެރެއިން މުޖުތަމަޢުގެ އިޖްތިމާޢީ ހާލަތު ދެނެގަނެ، މުޖުތަމަޢުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ އިޖްތިމާޢީ ޚިދުމަތްތައް ކަމާބެހޭ ދާއިރާތަކާއިއެކު ވިލަރެސްކޮށް ފޯރުކޮށްދިނުމާއި، އެފަދަ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަނިޔާ ހުއްޓުވާ، ރައްކާތެރި މުޖުތަމަޢެއް ކަށަވަރު ކޮށްދިނުމާއި އަދި އާންމު ފަރުދުންނާއި އާއިލާތަކާއި މުޢައްސަސާތަކުގެ ދެމެދުގައި ދުޅަހެޔޮ ގުޅުންތައް އުފެއްދުމަށް އެހީތެރިވެދީ ބާރުއަޅާ މަސައްކަތްތައް ކުރާނޭ ފަރާތްތަކެކެވެ.

އިބަމައިގައި ހިމެނޭ މެންބަރުންނަކީ ކޮންމެ ރަށެއް/އަވަށެއްގައި ޤާއިމުވެފައިހުރި ގުޅުންހުރި މުއައްސަސާތަކުން (އެއީ ރަށު/އަވަށު ކައުންސިލުން ކައުންސިލަރެއް، ޒިންމާދާރުވެރިޔާ/ސެކްރެޓަރީ ޖެނެރަލް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ކަނޑައެޅޭ ފަރާތެއް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތެއް، ތަޢުލީމީ ދާއިރާއިން ކޮންމެ ސްކޫލެއްގެ ޗައިލްޑް ޕްރޮޓެކްޝަން ލިއޭޒަން އޮފިސަރ،  ފުލުހުންގެ ތެރެއިން ކަނޑައެޅޭ ފަރާތެއް، ޞިއްޙީ ދާއިރާއިން ކަނޑައެޅޭ ފަރާތެއް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކަނޑައެޅޭ ފަރާތެ) ކެވެ.

އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި މުޖުތަމަޢުގެ އިންސާނީ ޙައްޤުތަކަށް ފަހި އަސަރު ކުރާނެ ކަމަށާއި އިބަމައިގެ މައިގަނޑު މަސައްކަތް ޓާގެޓް ކުރެވިފައިވަނީ އިޖްތިމާޢީ ރައްކާތެރިކަން ބޭނުންވާފަރާތްތަކަށް ރަށުފެންވަރުގައި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމުގައިވާތީ، މިމަސައްކަތުގެ ސަބަބުން އިންސާނީ ޙައްޤުތައް އެންމެނަށް ހަމަހަމަކޮށް ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި މުޖުތަމަޢުގައި ދެޖިންސުގެ ހަމަހަމަކަމަށް ސީދާ އަދި ނުސީދާ ގޮތުންވެސް އެދެވޭ ބޭނުންތެރި އަސަރުތަކެއް ކުރާނެއެވެ.

9 ރަބީޢުލްއައްވަލް 1444

6 އޮކްޓޫބަރު 2022

Leave a Reply

Your email address will not be published. Required fields are marked *