މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިސްނަގައިގެން ކުރިއަށް ގެންދިޔަ “ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް” ޕްރޮގްރާމްގެ ނިންމުން ފާހަގަކޮށްފި

އިޖުތިމާޢީ ޚިދުމަތްތެރީންގެ ހުނަރާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން، މިނިސްޓްރީއާއި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑރަންސް ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ)ތަކުގައި ހަރަކާތްތެރިވާ އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިމަހު 10 އިން 14 އަށް ކުރިއަށް ގެންދިޔަ “ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް” ޓްރޭނިންގ ޕްރޮގްރާމްގެ ނިންމުން މިއަދު ފާހަގަކޮށްފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު ޗަންޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ އައިމިނަތު ޝިފާނާ ވިދާޅުވީ މުޖުތަމަޢުގައި ތިބި ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމާއި، އެފަރާތްތަކަށް ރައްކާތެރި އަމާން ވެއްޓެއް ޤާއިމުކޮށްދިނުމަށް މަސައްކަތްކުރުމަކީ އިޖުތިމާޢީ ޚިދުމަތްތެރިންގެ މުހިންމު މަސްއޫލިއްޔަތެއްކަމަށެވެ. އަދި މި ޓްރޭނިންގ ޕްރޮގްރާމުން ލިބުނު މަޢުލޫމާތުގެ އަލީގައި، ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ޝިފާނާ ވިދާޅުވިއެވެ.

ފަސް ދުވަހުގެ މުއްދަތަށް އިންތިޒާމުކުރެވުނު މި ޓްރޭނިންގ ޕްރޮގްރާމުގައި އެފް.ސީ.އެސް.ސީތަކުންނާއި މިނިސްޓްރީގެ ޖުމްލަ 27 މުވައްޒަފުން ވަނީ ތަމްރީނުކޮށްފައެވެ. މި ޓްރޭނިންގ ޕްރޮގްރާމުގައި ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި އަދި މީގެ އިތުރުން، މަދަނީ ޖަމްޢިއްޔާތަކުގެ ކަމާބެހޭ ފަރާތްތަކުން ސެޝަންތައް ނަންގަވައިދެއްވާފައިވެއެވެ.

މިއަހަރު މާރިޗު މަހުވެސް “ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް” ޓްރޭނިންގ ޕްރޮގްރާމެއް މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާއިރު، އެ ޕްރޮގްރާމްގައި 26 ސޯޝަލް ސަރވިސް ވަރކަރުން ތަމްރީނުކޮށްފައިވެއެވެ.

23  ޛުލްޙިއްޖާ  1438

14 ސެޕްޓެންބަރު 2017

Leave a Reply

Your email address will not be published. Required fields are marked *