މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިސްނަގައިގެން “ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް” ޕްރޮގްރާމެއް ފަށައިފި

އިޖުތިމާޢީ ޚިދުމަތްތެރީންގެ ހުނަރާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ޔުނިސެފް ގުޅިގެން މިއަދު ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

“ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް” ޓްރޭނިންގ ޕްރޮގްރާމް ކުރިއަށްދާނީ މިމަހު 10 އިން 14 އަށް ޗަންޕާ ސެންޓްރަލް ހޮޓަލުގައެވެ.

މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ވާހަކަފުޅުދެއްކެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޖެންޑަރ އެންޑް ފެމިލީ ޑރ. މަރިޔަމް ޖަބީނެވެ. އެކަމަނާގެ ވާހަކަފުޅުގައި، އިޖުތިމާޢީ މަސައްކަތްތެރިންނާ ހަވާލުވެފައިވާ ޒިންމާގެ މުހިންމުކަމާއި، އަލަށް އެކުލަވާލާފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި، އަދި މަސައްކަތުގެ އަޚުލާޤާއި، އިޚުލާސްތެރިކަމާއި ފެންވަރު ހިފެހެއްޓުމާބެހޭގޮތުން ޓްރޭނިންގގެ ބައިވެރިންނާ މުޚާޠިބުކުރައްވާފައިވެއެވެ. އަދި މިއަހަރުގެ ތަމްރީން ޕްރޮގްރާމުން އިޖުތިމާޢީ ޚިދުމަތްތެރިންގެ ހުނަރާއި ޤާބިލުކަން އިތުރުވެ، ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނޭކަން ޔަގީންކުރައްވާކަމުގައި ޑރ. ޖަބީން ވިދާޅުވިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އާއި މިނިސްޓްރީގައި މަސައްކަތްކުރާ ޖުމްލަ 27 މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

ފަސް ދުވަހުގެ މުއްދަތަށް އިންތިޒާމުކޮށްފައިވާ މި ޓްރޭނިންގ ޕްރޮގްރާމްގައި ސަރުކާރާއި މަދަނީ ޖަމްޢިއްޔާތަކުގެ ކަމާބެހޭ އެކިފަރާތްތަކުން ސެޝަންތައް ނަންގަވައިދެއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

19  ޛުލްޙިއްޖާ  1438

10 ސެޕްޓެންބަރު 2017

Leave a Reply

Your email address will not be published. Required fields are marked *