ވާރލްޑް މެންޓަލް ހެލްތް ޑޭ 2021

މިއަދަކީ “ވާރލްޑް މެންޓަލް ހެލްތް ޑޭ” އެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށްޓަކައި ޑަބް.ލިއު.އެޗް.އޯ އިން ކަނޑައަޅާފައިވާ ޝިއާރަކީ “މެންޓަލް ހެލްތް ކެއަރ ފޮރ އޯލް: ލެޓްސް މޭކް އިޓް އަ ރިއަލިޓީ” އެވެ.

ނަފްސާނީ ބަލިކަމަކީ ކޮންމެ މީހަކަށްވެސް، ކޮންމެ ވަގުތެއްގައިވެސް އަދި ކޮންމެ ތަނެއްގައި ހުރިކަމުގައި ވިޔަސް ކުރިމަތި ވެދާނެ ކަމެކެވެ. އަދި އެއީ ކުއްލިއަކަށް ދިމާވާނެ ކަމެއް ނޫންކަމާއި ނަފްސަނީ ބައްޔަކީ މަޑުމަޑުން ނޭގިހުރެވެސް ވެދާނެކަމެއްކަން ދެނެގަތުން މުހިންމެވެ. ދުނިޔޭގައި 1 ބިލިއަންއާއި ކައިރި އަދަދަކަށް މިބަލި ތަހައްމަލު ކުރާ އިރު ޑިޕްރެޝަންއަކީ ނަފްސާނީ ބަލިތަކުގެ ތެރެއިން ބޮޑެތި މީހުންނަށް އެންމެ ގިނައިން ކުރިމަތިވާ އެއް ބަލިކަން ޑަބް.ލިއު.އެޗް.އޯ އިން ވަނީ ހާމަކޮށްފައެވެ. މުޅި ދުނިޔޭގައި ނަފްސާނީ ބަލީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 10 އަހަރާއި 19 އަހަރާއި ދެމެދުގެ ކުދިންނަށް ވަނީ ނަފްސާނީ ބަލީގެ ކޮންމެވެސް އެއް ކަމެއް ތަހައްމަލު ކުރަންޖެހިފައެވެ. އަދި ދުނިޔޭގައި ރިކޯޑުކުރެވޭ ކޮންމެ 100 އަކުން 1 މަރަކީ ސްވިސައިޑް ނުވަތަ އަމިއްލައަށް މަރުވުމެވެ. ދިވެހިރާއްޖެއަށް ބަލައިފި ކަމުގައިވާ ނަމަ ވެސް މިއަދަދު ތައް ރިޕޯޓުވާ މިންވަރުދަނީ އިތުރުވަމުންނެވެ. އަދި ކ.ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި 161 ނަފްސާނީ ބަލިމީހުން ދަނީ ބަލަހައްޓަމުންނެވެ.  

ޑަބް.ލިއު.އެޗް.އޯ ގެ މަޢްލޫމާތުތަކުން ދައްކާގޮތުން 2019 އަހަރު ފެށުނު ކޮވިޑް-19ގެ ބަލިމަޑިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންނަށް ވަނީ ނަފްސާނީގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. މީގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިންނާއި، އިޖުތިމާޢީ ޚިދުމަތްތެރިންނާއި، ސްކޫލް ދަރިވަރުންނާއި، އަދި އެކަނި ދިރިއުޅޭ ފަރާތްތައް ހިމެނެއެވެ. މީގެ އިތުރުން، ނަފްސާނީ ބަލިކަމެއް ކުރިންސުރެ ތަޙައްމަލު ކުރަމުންދިޔަ ފަރާތްތަކަށްވަނީ، ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ކަންތައްތަކުން އިތުރަށް އަސަރުތަކެއް ކޮށްފައެވެ. މިގޮތުން، އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް އައި ލޮޅުންތަކުން ބައެއްފަރާތްތަކުގެ އިޤްތިސާދީ ޙާލަތަށް ބޮޑު އަސަރުތަކެއްކޮށް އޭގެ ސަބަބުން މުޅި އާއިލާއަށްވެސް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ކޮވިޑް 19ގެ ފުރަތަމަ ފުރަބަންދަށްފަހު ފުރަބަންދުގެ ހާލަތު އުވާލުމާއި ގުޅިގެން ދުނިޔޭގެ އެހެން ޤައުމުތަކާއި އެއްފަދައިން ރާއްޖޭގައިވެސް ގެވެށި އަނިޔާގެ މައްސަލަތައް ވަނީ އިތުރުވެ، އަދި ގެވެށި އަނިޔާ ލިބުނު ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް އިތުރު އުނދަގޫ ތަކެއް ކުރިމަތިވެފައެވެ. ނަފްސާނީ ގޮތުން އެހީތެރިކަމަށް އެދެމުންދާ ފަރާތްތަކުގެ އަދަދު އިތުރުވަމުން ދިޔުމުން ފަރުވާ ދިނުމަށް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މިހާލަތުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވަނީ ސައިކޯ ސޯޝަލް ސަޕޯޓުގެ ޚިދުމަތް ދިނުން ކުރިއަށް ގެންގޮސްފައެވެ. އަދި ކަމާއި ގުޅޭ ދާއިރާތަކުން ނަފްސާނީ ބަލި ހުންނަ ފަރާތްތަކާއި އެކު ދިރިއުޅުމުގެ ކަންކަން މެނޭޖްކުރާނެގޮތްތަކާއި ބެހޭ ގޮތުން އާއިލާތަކަށް އެހީތެރިވުން އެއީ މުހިންމުކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

 2019 އިން 2023 އަށް ރާއްޖޭގެ ތަރައްޤީގައި އިސްކަންދޭނެ ކަންކަން ބަޔާންކޮށް އެކުލަވާލައިފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ އޯގާތެރި ސަރުކާރުގެ ސިޔާސަތުގެ ސިއްކީ ދާއިރާއިން ގިނަ އަމާޒުތަކެއް ކަނޑައަޅާފައިވާ އިރު އޭގެ ތެރޭގައި އާސަންދަ މެދުވެރިކޮށް މެންޓަލް ހެލްތުއާއި ގުޅުންހުރި ޚިދުމަތްތައް ލިބޭނޭ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން، ނަފްސާނީ ފަރުވާ ދިނުމަށްޓަކައި މީހުން ބިނާކުރުމަކީވެސް ޓާގެޓްތަކެއް ކަނޑައަޅައިގެން ކުރިއަންގެންދާ މަސައްކަތްތަކެކެވެ. އަދި ސްޓްރެޓީޖިކް އެކްޝަންޕްލޭންގައި ހިމެނޭ އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި ޒުވާނުންނަށް އަމާޒުކޮށްފައިވާ ކަންކަމުގައިވެސް ނަފްސާނީ ސިއްޙަތާއި ގުޅޭގޮތުން ސްޓްރެޓަޖީސް ކަނޑައަޅާ އަދި ތަންފީޒުކުރުމަށްޓަކައި އެކްޝަންތައްވެސް ވަނީ ހިމަނާފައެވެ.

މިއަހަރުގެ ވާރލްޑް މެންޓަލް ހެލްތް ޑޭ ފާހަގަކުރާއިރު އެންމެބޮޑު ސަމާލުކަންދޭންޖެހޭ ކަމަކީ، ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އާއިލާގެ ތެރެއިންނާއި، ރަހުމަތްތެރިންގެ ފަރާތުން، އަދި މުޖުތަމަޢުގެ ތެރެއިން ބޭނުންވާ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން މިހާރަށް ވުރެ ބޮޑު އިސްކަމެއް ދީގެން ފޯރުކޮށްދިނުމެވެ. އަދި އެއީ މުޖުތަމަޢިން ބާކީކޮށްލެވިފައިވާ ބަޔަކަށް ނަހަދައި، ނަފްސާނީ ދުޅަހެޔޮ ހާލަތަކަށް އަނބުރާ ރުޖޫއަވެވޭނެ ފަރާތްތަކަށް ހެދުމެވެ. ދިވެހި މުޖުތަމަޢަކީ ގެވެށި ގުޅުން ހަރުދަނާކޮށް، ހަމްދަރުދީއާއި އޯގާތެރިކަމާއި ކުލުނާއި ލޯބީގެ މައްޗަށް ދިރިއުޅުން ބިނާކުރާ ބަޔަކަށް ވުމަށްޓަކައެވެ.

10 އޮކްޓޯބަރ 2021

Leave a Reply

Your email address will not be published. Required fields are marked *