އިންޓަރނޭޝަނަލް ޗައިލްޑް ހެލްޕްލައިން ޑޭ 2017

އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުމަށް ކުޑަކުދިންނަށް ހިލޭ ގުޅޭގޮތަށް ޤާއިމްކޮށްފައިވާ ނަންބަރުތަކުގެ ބައިނަލްއަޤްވާމީ ވިއުގައިން “އިންޓަރނޭޝަނަލް ޗައިލްޑް ހެލްޕްލައިން ޑޭ” މިއަދު ފާހަގަކުރާއިރު، ރައްކާތެރިކަން ބޭނުންވާ ކުޑަކުދިންގެ އަޑު މުޖުތަމަޢުއަށް އިއްވުމުގައި ދިވެހިރާއްޖޭގެ ޗައިލްޑް ހެލްޕްލައިން އަދާކުރާ ދައުރު ފާހަގަކުރުން މުހިއްމެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުމަށް 24 ގަޑިއިރު ހިލޭ ގުޅޭގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ޗައިލްޑް ހެލްޕްލައިން “1412” ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. މިހެލްޕްލައިން މެދުވެރިކޮށް މާލެ އާއި އަތޮޅުތަކުގައި ދިރިއުޅޭ ކުދިންގެ ތެރެއިން އަނިޔާ އާއި އިހުމާލުގެ މައްސަލަތަކުގައި އެހީތެރިކަމާއި އަޅާލުން ބޭނުންވާ ކުޑަކުދިންނަށް ތަފާތު ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީއިން ދަނީ ކުރަމުންނެވެ. ހަމަމިއާއެކު، މި ހެލްޕްލައިންއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކާ ކޯލް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތާއި މިނަންބަރަށް ރިޕޯޓްކުރާ މައްސަލަތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ތަމްރީނު ޕްރޮގްރާމްތަކެއްވެސް މިނިސްޓްރީއިން ދަނީ ކުރިއަށްގެންދަމުންނެވެ.

މިއަހަރުގެ ފުރަތަމަ 4 މަހުގެ ތެރޭގައި 171 މައްސަލަ ޗައިލްޑް ހެލްޕްލައިންއަށް ވަނީ ރިޕޯޓްކޮށްފައެވެ. މިގޮތަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އޭޕްރިލް މަހު އެކަނިވެސް 66 ކޯލަކީ ކުޑަކުދިން ސީދާ ޗައިލްޑް ހެލްޕްލައިންއަށް ގުޅައިގެން ރިޕޯޓްކޮށްފައިވާ މައްސަލަތަކެވެ. މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ގުޅޭ މައްސަލަތަކެވެ. މީގެ އިތުރުން އިހުމާލުވުން، ޖިސްމާނީ އަނިޔާ، ނަފްސާނީ އަނިޔާ އަދި ހަނގާކުރުމުގެ މައްސަލަތައްވެސް ރިޕޯޓްކޮށްފައިވެއެވެ.

17 މެއި 2017

Leave a Reply

Your email address will not be published. Required fields are marked *