ކ. އަތޮޅުގެ ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކަށް ހިންގި ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގ ޕްރޮގްރާމް ނިންމާލުން

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް، އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކ. އަތޮޅުގެ ކޮމިއުނިޓީ ސޯޝަލް ގުރޫޕް (ސީ.އެސް.ޖީ)ތަކަށް ކުރިއަށްގެންދިޔަ ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފިއެވެ. މިއީ މިއަހަރުގެ ފެބްރުއަރީ، މާރޗް އަދި އޭޕްރިލް މަހުގައި ސީ.އެސް.ޖީތަކަށް ބާއްވާފައިވާ އޮރިއެންޓޭޝަން އަދި ޓްރެއިނިންގ ޕްރޮގްރާމްއާ ގުޅިގެން ހިނގާފައިވާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، ކ. އަތޮޅުގައި ޤާއިމްކޮށްފައިވާ ސީ.އެސް.ޖީތަކުގެ ދައުރާއި ޒިންމާތައް އަދާކުރުމަށްޓަކައި މެމްބަރުން ބާރުވެރިކުރުވާ، މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ރަށު ފެންވަރުގައި ފޯރުކޮށްދެވޭނެ ޙިދުމަތްތައް ދެނެގަނެ، އެޙިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ސްޓްރެޓަޖީތަކާއި އެކްޝަން ޕްލޭނެއް އެކުލަވާލާ ތަންފީޒުކުރުމަށް ސީ. އެސް. ޖީ.ގެ މެމްބަރުން އަހުލުވެރިކުރުވުމެވެ.  

ކ. އަތޮޅުގެ 9 ރަށަކުން 27 ސީ. އެސް. ޖީ. މެމްބަރުން ބައިވެރިވެފައިވާ 3 ދުވަހުގެ މި ޕްރޮގަރާމްގައި، ރަށު ކައުންސިލް، ޕޮލިސް، ސްކޫލް، ސިއްހީ ދާއިރާ، ސޯޝަލް ވަރކަރުން، އަންހެނުންގެ ޖަމިއްޔާތައް އަދި އަމިއްލަ ޖަމިއްޔާތައް ތަމްސީލްކޮށްދެއްވާ ފަރާތްތައް ހިމެނެއެވެ.

މިޓްރެއިނިންގ ޕްރޮގްރާމް ނިންމާލުމުގެގޮތުން އިސްކަންދަރު ކޮށީގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް މުހައްމަދު ޒާހިދު ފާހަގަކުރައްވާފައިވާ ގޮތުގައި، އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި އަމިއްލަ ޖަމިއްޔާތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމާއި، މުޖުތަމަޢުގައި ދިރިއުޅޭ ނާޒުކު ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

 18މެއި 2017

Leave a Reply

Your email address will not be published. Required fields are marked *