އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި ޤައުމީ އެކްޝަން ޕްލޭނަށް ކުޑަކުދިންގެ ޚިޔާލާއި ބައިވެރިވުން ހޯދުމުގެ ގޮތުން ފޯރަމެއް ބާއްވައިފި

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުން ހޯދައިގެން އެކުލަވާލި ޤައުމީ އެކްޝަން ޕްލޭނަށް ކުޑަކުދިންގެ ޚިޔާލާއި ބައިވެރިވުން ހޯދުމުގެ ގޮތުން މިއަދު ފޯރަމެއް ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ޗަންޕާ ސެންޓްރަލް ހޮޓަލުގައި ކުރިއަށް ގެންދިޔަ މި ފޯރަމްގައި 15 އަހަރާއި 17 އަހަރާ ދެމެދުގެ ޖުމްލަ 34 ކުދިން ބައިވެރިވެފައިވެއެވެ. މިގޮތުން ކުދިން ބައިވެރިވި ސްކޫލްތަކުގެ ތެރޭގައި އަހުމަދިއްޔާ އިންޓަނޭޝަލް ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، މެޕްސް އިންޓަނޭޝަނަލް ހައި އަދި ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ހިމެނެއެވެ. މީގެއިތުރުން ޖަމާލުއްދީން ސްކޫލްގެ ކްލާސް ފޯރ ހިޔަރިންގ އިމްޕެއަރޑް ޗިލްޑރަންގެ ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ.

މި ފޯރަމްގައި އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި ޤައުމީ އެކްޝަން ޕްލޭނާ ގުޅޭގޮތުން ކުދިންގެ މެދުގައި މަޝްވަރާކޮށް، އެ ކުދިންގެ ޚިޔާލުތައް ކަރުދާހެއްގެ ސިފައިގައި ހުށަހަޅައިފައިވެއެވެ. އަދި ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް، އެކަންކަން ޙައްލުކުރުމަށްޓަކައި މުއައްސަސާތަކުން އަދާކުރެވިދާނެ ދައުރާމެދު ކުދިންގެ ވިސްނުން ޙިއްޞާކޮށްފައިވެއެވެ. މީގެއިތުރުން، ޢާންމުން ހޭލުންތެރިކުރުވުމަށް ކުރެވިދާނެ ކަންކަމާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާ ގުޅޭގޮތުން ޤާނޫނީ ނިޒާމުގެ ތެރެއިން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ކުދިންގެ ޚިޔާލު މަޝްވަރާކޮށްފައިވެއެވެ.

އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި ޤައުމީ އެކްޝަން ޕްލޭނަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ރާއްޖޭން ބޭރުގެ ފަރާތްތައް ހިމެނޭގޮތަށް މަޝްވަރާކުރެވުމަށްފަހު، އޮގަސްޓު މަހު އިފުތިތާހުކުރެވުނު 2 އަހަރު ދުވަހުގެ ޕްލޭނެކެވެ.

18  ޛުލްޙިއްޖާ  1438

09 ސެޕްޓެންބަރު 2017

Leave a Reply

Your email address will not be published. Required fields are marked *