ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން “ޗިލްޑްރަންސް ޑޭ ކޭމްޕް 2019″ގެ ނަމުގައި ހަރަކާތެއް އިންތިޒާމުކޮށްފި

މި އަހަރުގެ ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން “ޗިލްޑްރަންސް ޑޭ ކޭމްޕް 2019″ގެ ނަމުގައި ޚާއްޞަ ހަރަކާތެއް މިއަދު އިންތިޒާމުކޮށްފިއެވެ.

މި ހަރަކާތް އިންތިޒާމުކުރެވުނީ ތިންކް މޯލްޑިވްސް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް ރެޑް ކްރެސެންޓް އަދި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްއާ ގުޅިގެން ހުޅުމާލޭ ފަރުކޮޅުފުށީގައެވެ.

މި ފަދަ ކޭމްޕެއް އިންތިޒާމުކުރުމުގެ މަޤްޞަދަކީ ކުޑަކުދިން ބާރުވެރިކުރުވައި، އެކި ދާއިރާތަކުން އެ ކުދިންނަށް ބޭނުންވާނެ އާ ހުނަރުތައް އަށަގަންނުވައި، ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތް ދަސްކޮށްދީ، މުސްތަޤުބަލުގައި ކުދިން ކުރިއަށް ދާން ޚިޔާރުކުރާ ދާއިރާތައް ކަނޑައެޅުމަށް އެހީތެރިކަން ދިނުމެވެ.

މި ހަރަކާތް ނިންމާލުމުގެ ގޮތުން ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ މި ކޭމްޕުގައި އެކި އުމުރުފުރާގެ އެކި ސްކޫލްތަކުގެ ކުދިން ބައިވެރިވުމަކީ މި ކޭމްޕަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދިޔަ ކަމެއް ކަމަށާއި، މި ކޭމްޕުން އުނގެނިގެން ދިޔަ ދިރިއުޅުމުގެ ހުނަރުތަކާއި، ގުޅިގެން މަސައްކަތްކުރުމާއި، ލީޑަރޝިޕް ސްކިލްސްގެ އިތުރުން މުއާޞަލާތުކުރުމުގެ ހުނަރު ޢަމަލީ މައިދާނުގައި އެންމެ ފުރިހަމައަށް ބޭނުން ހިފާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޤައުމީ ކުޑަކުދިންގެ ދުވަހަކީ މޭ މަހުގެ 10ވަނަ ދުވަހެވެ. މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ “ކުޑަކުދިން ބާރުވެރިކުރުވުން” އެވެ.

މި ކޭމްޕުގައި މާލެއާއި ހުޅުމާލޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ގްރޭޑް 4، 5 އަދި 6ގައި ކިޔަވާ 49 ދަރިވަރަކު ބައިވެރިވެފައިވެއެވެ. މިއަދު ހެނދުނު 6ން ހަވީރު 6ށް ކުރިއަށް ދިޔަ މި ކޭމްޕުގައި މި އަހަރުގެ ޝިޢާރާ ގުޅޭ ގޮތުން ކުދިންނަށް ޚާއްޞަކުރެވިގެން އިންޑޯ އަދި އައުޓްޑޯ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވިފައިވެއެވެ. އެ ގޮތުން ކުޑަކުދިންގެ ޞިއްޙަތާއި، ރަނގަޅު ކާނާ ތައްޔާރުކުރާނެ ގޮތާއި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި އަނިޔާއިން ރައްކާތެރިވާނެ ގޮތްތަކާއި، އިންސާނީ ޙައްޤުތަކާއި، ޓްރެފިކްގެ ގަވާއިދުތަކާ ގުޅޭ ގޮތުން މުހިންމު މަޢުލޫމާތުތަކެއް ސެޝަންތަކުގައި ފޯރުކޮށްދެވިފައިވެއެވެ. މި ސެޝަންތަކުގެ ފެސިލިޓޭޓަރުންގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސަސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ޔުނިސެފް މޯލްޑިވްސް، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ)، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އަދި އޮއިޝީ ރެސްޓޯރެންޓް ބައިވެރިވެފައިވެއެވެ.

29 ޝަޢުބާން 1440

04   މޭ   2019

Leave a Reply

Your email address will not be published. Required fields are marked *