ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވާ ޚިޠާބު

އައްސަލާމުޢަލައިކުމް.

މިއަދަކީ ޤައުމީ ފެންވަރެއްގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަސް! މި ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ރާއްޖޭގެ އެންމެހާ ކުޑަކުދިންނަށް ފޮނުވަން! އަދި މި ދުވަސް މި އަހަރު ފާހަގަކުރެވިގެން މި ދަނީ ބަރަކާތްތެރި ރަމަޟާން މަހުގައި ކަމުން، މި މާތް މައްސަރުގެ ދަރުމައާއި ސަވާބު މިންވަރު ކުރެއްވުން އެދި ދުޢާކުރަން.

މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ “ކުޑަކުދިން ބާރުވެރިކުރުވުން”. ކުޑަކުދިންނާ ގުޅުން ހުރި ސިޔާސަތުތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައިވާ އިރު، ކުޑަކުދިން ބާރުވެރި ބަޔަކަށް ހެދުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން. އެ ގޮތުން، ކުޑަކުދިންގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެ ކުދިންގެ ވިސްނުމާއި ޚިޔާލު ހޯދުމާއި، އަނިޔާއާއި އިހުމާލުވުމުގެ މައްސަލަތަކާ މެދު ކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން ދަނީ ހޭލުންތެރިކުރުވަމުން. މި ފަދަ ކަންކަމުގައި ފުރިހަމަ ނަތިޖާއަކަށް ވާސިލުވުމަށް މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވޭ. އެ ގޮތުން، ޢާއިލާތެރޭގައާއި ތަޢުލީމީ މާޙައުލުގައި ވެސް، ކުޑަކުދިންގެ ބައިވެރިވުން އޮތްކަމާއި، މުހިންމު ކަން އެ ކުދިންނަށް އިހުސާސްކޮށް ދޭން ޖެހޭ.

ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް އުފަންވާ ކޮންމެ ކުއްޖަކީ ވެސް ތުއްތު އިރުއްސުރެ ޢާއިލީ ލޯބި ލިބޭނެ ކުދިންކަން ކަށަވަރުކުރުން ހިމެނޭ. ތަފާތު އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާ އިރު، އެ ކުދިންނަށް ޢާއިލާއެއްގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ފަހިކުރުމުގެ ގޮތުން ފޮސްޓަރކުރުމުގެ އުސޫލަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެވި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުން ޙަވާލުކުރުމާ ބެހޭ އުސޫލު ގެޒެޓްކުރެވިފައި.

ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ބައެއް ކުދިން ބައެއް ޢާއިލާތަކުން މިހާރު ވެސް ފޮސްޓަރކުރަމުން ދާ އިރު، އެ ފަދަ ކުދިންނަށް އުޖާލާ ދިރިއުޅުމެއް ތަނަވަސްކޮށްދީ، ހަރުދަނާ ޒުވާނުންތަކެއްގެ ގޮތުގައި ބިނާކުރުމަކީ ޝައްކެއްވެސްނެތް ގޮތުގައި މުޅި ޤައުމުގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއްކަން ޔަޤީން.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރަމުންދާ އިރު، ކުޅިވަރާއި އެކި ހަރަކާތްތައް މެދުވެރިކޮށް، ދުވަހުގެ ޝިޢާރު އެ ކުދިންގެ ހިތްތަކުގައި އަށަގަންނުވައި، ހަޤީޤީ މާނައިގައި ވެސް ބާރުވެރި ބަޔަކަށް ހަދަން ޖެހޭ.

އަޅުގަނޑުގެ ދުޢާއަކީ، މި މުޖުތަމަޢުއަކީ ކުޑަކުދިންނަށް އަޅާލާ، ރަނގަޅު ތަރުބިއްޔަތެއް ފޯރުކޮށް ދޭ، ނަމޫނާ މުޖުތަމަޢުއެއް ކަމުގައި މާތް ﷲ މިންވަރުކުރެއްވުން.

ވައްސަލާމުޢަލައިކުމް.

05 ރަމަޟާން 1440

10   މޭ   2019

Leave a Reply

Your email address will not be published. Required fields are marked *