ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ދިރިއުޅެމުންދިޔަ 11 ކުއްޖަކާއެކު މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ފުވައްމުލައް ސިޓީއަށް ވަޑައިގެންފި

ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅެމުންދިޔަ 11 ކުއްޖަކާއެކު މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ ފުވައްމުލައް ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރެވޭ މަރުކަޒުތަކަށް ކުދިން ބަދަލުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ފުވައްމުލައް ސިޓީގައި ޤާއިމުކުރެވުނު “އަމާން ވެށި”އަށް ކުދިން ބަދަލުކުރުމަށް މިނިސްޓަރ ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެކެވެ.

މި 11 ކުދިންނާއި މި ވަގުތު ފުވައްމުލައް ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ)ގެ ބެލުމުގެ ދަށުގައިވާ 5 ކުދިންނާއެކު، ޖުމުލަ 16 ކުއްޖަކު މި މަރުކަޒުގައި ދިރިއުޅެމުންދާނެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އަމާން ވެށި ބައްލަވައިލައި، އެ ތަނުގެ އަދި އެފް.ސީ.އެސް.ސީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ހިތްވަރު ދެއްވައިފައެވެ.

މީގެ ކުރިން، މި މަހުގެ 6ވަނަ ދުވަހު ށ.ފުނަދޫގައި ޤާއިމުކުރެވުނު އަމާން ވެއްޓަށް 16 ކުއްޖަކު ބަދަލުކުރެވިފައިވެއެވެ. އަދި ހުސްވި ޑިސެންބަރު މަހުގެ 24ވަނަ ދުވަހު 17 ކުއްޖަކު ވަނީ ބ.އޭދަފުށީގައި ޤާއިމުކުރެވުނު އަމާން ވެއްޓަށް ބަދަލުކުރެވިފައެވެ.

ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް ޢާއިލީ މާޙައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައިވިޔަސް، ޙާލަތު ނިޔާކުރާގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގެއެވެ. އެހެން ނަމަވެސް، މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ހޯދައިދީ، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދިނުމަށެވެ.

ފުވައްމުލައް ސިޓީގައި ހުޅުވުނު އަމާން ވެއްޓަކީ ކަމާބެހޭ އިދާރާތަކާއި، މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ތަރައްޤީކުރެވޭ މި ފަދަ ތިންވަނަ ތަނެވެ. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ސަންފްރަންޓް ލިވިންގެ ފަރާތުން ގެންދަވަނީ މި މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވަމުންނެވެ.

ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ގިނަ އަދަދެއްގެ ކުދިން ދިރިއުޅެމުންދާއިރު، މި ދެ މަރުކަޒުގައި ކުދިން ގެންގުޅެނީ ދެ އުމުރުފުރާއަކަށް ބަހައިލައިގެންނެވެ. އެ ކަމުގެ ސަބަބުން އެއް ޢާއިލާއަކަށް ނިސްބަތްވާ ބައެއް ކުދިން ދެ މަރުކަޒެއްގައި ދިރިއުޅެންޖެހޭ ޙާލަތު އާދެއެވެ. އަތޮޅު ތެރޭގައި ޤާއިމުކުރެވޭ މި ފަދަ އަމާން ވެށިތަކުގައި ކުދިން ބޮޑެތިވެގެންދާނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެ ކުދިންގެ ޢާއިލާގެ އެހެން ކުދިންނާއެކުގައެވެ. އަދި އެ ކުދިން ހުންނާނީ ރަށުގެ އެހެނިހެން ޢާއިލާތަކާ ވެސް ގުޅުވާ ދެވިފައެވެ.

އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެ ކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ޚާއްޞަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެއެވެ. އަދި މުޖުތަމަޢުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުޞަތު ލިބިގެން ދިޔުމުން، މުސްތަޤުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާޙައުލަށާއި ޢާންމު ދިރިއުޅުމަށް ނުކުތުމަށް މަގުފަހިވެގެންދާނެއެވެ.

ފުވައްމުލައް ސިޓީއާއި ށ.ފުނަދޫއާއި ބ.އޭދަފުށީގެ އިތުރުން ރާއްޖޭގެ އިތުރު 2 ސަރަޙައްދެއްގައި އަމާން ވެށިތައް އަންނަނީ ތަރައްޤީކުރެވެމުންނެވެ.

11 ޖުމާދަލްއާޚިރާ 1442

24  ޖަނަވަރީ  2021

Leave a Reply

Your email address will not be published. Required fields are marked *