ބައިނަލްއަޤްވާމީ އަންހެންނުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދު ދީދީ ދެއްވާ ޚިޠާބު

`

ޙަމްދާއި ޝުކުރުކުރަނީ ޢާލަމްތަކުގެ ވެރި ﷲ ސުބަހާނަހޫ ވަތަޢާލާއަށް. ޞަލަވާތާ ސަލާމް ލެއްވުން އެދި ދުޢާކުރަނީ މި އުންމަތަށް ކައުކުރެއްވި، ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްއަށް. އަދި މި ޞަލަވާތާ ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަން.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ އަންހެނުންނަށާއި އަންހެންކުދިންނަށް، އަދި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރިކުރުވުމަށް ހީވާގިކަމާއެކު މަސައްކަތްކުރަމުންދާ އެންމެހާ ފަރާތްތަކަށް އަރިސްކުރަން.

މި ދުވަހުގެ މަޤްސަދަކީ، އަންހެނުންނަށް ލިބިފައިވާ ހައްޤުތައް ކަށަވަރުކުރުމަށާއި އަންހެނުންގެ ޙާލަތު ރަނގަޅު ކުރުމަށް އެކި ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރި ކުރުމަށާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ މަސައްކަތްތައް އިތުރަށް ރަނގަޅުކުރުމަށް އަޑުތައް އިއްވައިދިނުމަށް ލިބިގެންދާ އިތުރު ފުރުސަތެއް.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫ.އެން.ވިމެން އިން މިއަހަރުގެ ޝިޢާރު ކަމުގައި ކަނޑައަޅާފައިވަނީ

“Gender equality today, for a sustainable tomorrow”

އާދެ، ދެމެހެއްޓެނިވި މާދަމާއަކަށް، މިންތީގެ ހަމަހަމަކަން މިއަދު. މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުން އަރައިގަތުމަށްޓަކައި، އަދި މިފަދަ ބަދަލުތަކަށް އެޑެޕްޓް ވުމަށްޓަކައި، އަންހެނުން އަދާކުރަމުންދާ ދައުރާއި، އަންހެނުންގެ ތަޖުރިބާރަތައް ދެނެގަނެ، ފާހަގަކުރުމަކީ މުހިންމުކަމެއް. އަންހެނުންނަކީ އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅަ އެއްބައި. މުޖުތަމަޢެއްގެ ވިސްނުމާއި، ޚިޔާލުތަކާއި، ހައްލުތަކާއި، ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ފަރާތްތައް. އެހެންކަމުން، ދެމެހެއްޓެނިވި މާދަމާއެއް ނުވަތަ މުސްތަޤްބަލެއް ބިނާކުރަން އަޅުގަނޑުމެން މަސައްކަތްކުރާއިރު، އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި، އަދި ދިވެހިރާއްޖޭގައިވެސް ދިމާވާ ބޮޑެތި ކާރިސާތަކާއި، ކުރިމަތިވާ ހާލަތްތަކުގައި، ނޭދެވޭ އަސަރުތައް ކުރާ އެއް ބަޔަކީ އަންހެނުންނާއި އަންހެން ކުދިން. ކޮވިޑް19 ގެ ޙާލަތުގައި އަޅުގަނޑުމެނަށް އެކި ދާއިރާތަކުން މިކަން ސާފުކޮށް ފެނިގެންދިޔަ. އެގޮތުން، 2020 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ދިމާވި އިޤްތިޞާދީ ހީނަރުކަމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފެނިގެންދިޔައީ ގިނައިން އަންހެނުން ހަރަކާތްތެރިވާ ‘އިންފޯރމަލް ސެކްޓަރ’ގައި. ކޮވިޑް19 ލޮކްޑައުންއަށް ފަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެގެންދިޔައިރު، މިނިސްޓްރީއަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތް. އަޅުގަނޑުމެންގެ ނިޒާމުތައް މިހާރު ހުރި ގޮތުން، މިފަދަ ކޮންމެ ލޮޅުމެއްގައިވެސް، އޭގެ ނޭދެވޭ އަސަރުތައް އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވޭ. ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަކީވެސް މިފަދަ ކަމަކަށް ވެގެންދާނެ.

ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވަ ނޭދެވޭ އަސަރުތަކުގެ ބިރު އެންމެ ބޮޑަށް ކުރިމަތިކުރާނެ ޤައުމެއް. އަޅުގަނޑުމެންގެ ރަށްރަށުގައި އުދަ އެރުމާއި، ބޯކޮށް ވިއްސާރަވެ ފެން ބޮޑުވުމުގެ ހާދިސާތައް ވަނީ އިތުރުވެފަ. މިފަދަ ހާލަތްތަކުގައި، ކުދިން ސްކޫލަށް ފޮނުވުމަށާއިއި، ސިއްޙީ ޚިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވެ، ދިމާވާ ގޮންޖެހުންތަކާ އެންމެ ގާތުން ކުރިމަތިލާން ޖެހެނީ އަޅާލުމާއި ކުދިން ބެލުމުގެ ޒިންމާ އުފުލަމުންދާ އަންހެނުންނަށް. މޫސުމީ ބަދަލުތަކާ ގުޅޭ މައްސަލަތަކަކީ ދިގު ދެމިގެންދާ އަސަރުތަކެއް އިޖްތިމާޢި ތަރައްޤީއަށާއި، އިޤްތިޞާދަށާއި އަދި އެހެނިހެން ދާއިރާތަކަށްވެސް ކުރާނެ މައްސަލައެއް.

އެހެންކަމުން، އަޅުގަނޑުމެންގެ ދޮންވެލި ބިމާއި، ޖަޒީރާ ރަށްތަކާއި، ނޫ ކަނޑުތަކާއި، ފަޅުތަކާއި، ދިވެހިރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް، ކުރިއަށް އޮތް ޖީލުތަކަށް މި އަމާނާތް ފޯރުކޮށްދިނުމަށްޓަކައި، ސިޔާސަތު އެކުލަވާލުމުގައާއި، ކަންކަން ރޭވުމުގައި ބަދަލުތަކެއް ގެންނަން އެބަ ޖެހޭ.  މި ބަދަލަކީ ކަންކަން ރާވާ، ނިންމާ އަދި ތަންފީޒުކުރާ މަރުހަލާތަކުގައި ދެޖިންސުގެ މައުނަވީ ބައިވެރިވުމާއި، ދެޖިންސުގެ ޚިޔާލާ، ފިކުރާއި ތަޖުރިބާ ހިމަނައިގެން ގެނެވޭ ބަދަލަކަށް ވާންޖެހޭ.

ދެމެހެއްޓެނިވި މާދަމާއަކަށް، އަންހެނުންގެ ބައިވެރިވުމާއި، އަންހެނުންގެ ހިއްސާ އިތުރުކުރަން އެބަ ޖެހޭ.

2030 ވަނަ އަހަރަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމި މުޢާހަދަތަކަށް ރިޕޯޓުކުރުމުގައި، ދިވެހިރާއްޖޭގެ އަންހެނުންގެ ޙާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ.

އެގޮތުން 2016 ވަނަ އަހަރު ތަސްދީޤުކުރެވުނު ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން 2019 ވަނަ އަހަރު އެކުލަވާލެވުނު ނެޝަނަލް ޕޮލިސީ އޮން ޖެންޑަރ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި މަސައްކަތްކުރާނެ އެކްޝަން ޕްލޭންއެއް ވަނީ ފާސްކުރެވިފައި.

ޔޫ.އެން.ޑީ.ޕީ އަދި އޮސްޓްރޭލިއާގެ ސަރުކާރުގެ ދީލަތި އެހީތެރިކަމާއި ފަންނީ ލަފާއާއެކު، 2021 ވަނަ އަހަރު އެކުލަވާލެވުނު ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން، މިދިޔަ ފެބުރުވަރީ މަހުގެ 22ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެވިގެންދިޔުމަކީ ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތް ތަކުގައި އެޅިގެންދިޔަ އެންމެ މުހިންމު އެއް ފިޔަވަޅު. އަދި މި އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ލަފާދެއްވުމަށް އެކުލަވާލާ ސްޓިއަރިން ކޮމިޓީގައި އިސްކޮށް ހުންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ނިންމެވި ނިންމުމަކީވެސް، މި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް އަދި ޚާއްސަކޮށް އެމަނިކުފާނު، އަންހެނުން ކުރިއެރުވުމަށް ދެއްވާ އަޙައްމިއްޔަތުކަން ޔަޤީންކުރެވިގެންދިޔަ ކަމެއް.

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ހަލުވިކޮށް ތަންފީޒުކުރުމަށްޓަކައި، ސިޓީ އަދި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު ވަރަށްވެސް މުހިންމު. 2021 ވަނަ އަހަރު، %33 ކޯޓާއާއެކު ކުރިއަށްގެންދެވުނު ތާރީޚީ ލޯކަލް ކައުންސިލް އިންތިޚާބުން %39 ގޮނޑި އަންހެނުންވަނީ ކާމިޔާބުކޮށްފައި. މިއީ ދިވެހިރާއްޖޭގެ ރަށްތަކުގައި ކަންކަން ނިންމާ ފެންވަރުގައި މިހާ ގިނައިން އަންހެނުން ތަމްސީލުވެގެންދާ ފުރަތަމަ ދައުރު. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ ދަށުން، ރަށުގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައާއި، ރަށުގެ އަންހެނުންނާ ގުޅޭ މަޢުލޫމާތުތައް އެއްކޮށް، އަންހެނުންގެ ޙާލަތު ދެނެގަނެ، އަންހެނުން އެކި ދާއިރާތަކުން ބާރުވެރިކުރުމަށް މަސައްކަތްކުރުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލާޒިމުކުރޭ. އަދި ރަށުގައި ހިނގާ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކުގައި މިފަރާތްތަކުގެ ބައިވެރިވުން އަދި ހޯދައި، އެ ފުރުސަތުތައް ފަހިކުރުމަށް ރަށު ކައުންސިލުތަކަށްވެސް ޒިންމާތަކެއް ހަވާލުކުރެވިފައިވޭ.

ހަމަ އެއާއެކު، ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން، ކައުންސިލުތަކަށް ޒިންމާތައް ހަވާލުކުރުމަށް 2021 ޑިސެންބަރުގައި ޤަވާއިދެއް ގެޒެޓުކުރެވި، މި އަހަރުގެ ޖޫން މަހުން ފެށިގެން ޢަމަލުކުރަންފަށާނެ. އަދި މި މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ރޭވުމަށްޓަކައި ކޮންމެ އަތޮޅެއްގައި ހުންނަ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ތަކުގެ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންއަށް އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދެވި މާރިޗު މަހުގެ ތެރޭގައި، އަތޮޅު ފެންވަރުގައި، ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އަމަލީ ސިފައެއްގައި އެކްޝަން ޕްލޭން ތަންފީޒުކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވޭނެ.

ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި އެކި އެކި ދާއިރާތަކުގެ ޒިންމާތައް ހުރިކަން ފާހަގަކުރަން. މި މަސައްކަތްތަކަކީ ހަމައެކަނި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ޚާސިލުކުރެވޭނެ ކަންކަމެއް ނޫން. އެހެންކަމުން، އެކި ދާއިރާތަކުން މި ޕްލޭން ތަންފީޒުކުރުމަށް ހިނގާނެ ޚަރަދު އަންދާޒާކުރުމަށްޓަކައި “އެކްޝަން ޕްލޭންގެ ކޯސްޓް” ކުރުމުގެ މަސައްކަތްތަކެއް ކުރެވޭނެ. އަދި މި ކޯސްޓިން ގެ ސަބަބުން 2023 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ހުރިހާ ދާއިރާއަކުންވެސް އަންދާސާކޮށް ބަޖެޓް ކުރުމަށް ފަސޭހަވެގެންދާނެ.

އަޅުގަނޑުގެ އުންމީދަކީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ހަލުވިކަމާއެކު ތަންފީޒު ކުރެވި ދިވެހި އަންހެނުން މިހާރަށް ވުރެ ބާރުވެރިވެ، މިހާރަށްވުރެ އިޤްތިޞާދީ ގޮތުން ފުދުންތެރިވެ، ކަންކަން ނިންމާ ފެންވަރުގައި ބަސް ކިޔާ، އަދި ގުދުރަތީ ކާރިސާ ނުވަތަ މޫސުމީ ބަދަލުތައް ފަދަ ކަންކަމުން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތަކެއް ލިބިގެން ދިއުން. އަދި އަންހެނުންގެ ދަރަޖަ އުފުލިގެން ދިއުން. ވައްސަލާމް ޢަލައިކުމް.

08 މާރިޗް 2022

 

Leave a Reply

Your email address will not be published. Required fields are marked *