ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ މުވައްޒަފުންނަށް ހިންގި ތަމްރީނު ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ހަނދާނީ ލިޔުންދީފި

ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)ތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 3 ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ހަނދާނީ ލިޔުންދީފިއެވެ.

3 އިން 5 މާރިޗު އަށް ކުރިޔަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޛު ކުރުން އަވަސް ކުރުމަށްޓަކައި އެފް.ސީ.އެސް.ސީތަކުގެ މުވައްޒަފުންނަށް ފަންނީ މަޢުލޫމާތު ދިނުމާއި، މި މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އަތޮޅު އަދި ރަށު ފެންވަރުގައި ކުރިއަށް ގެންދެވޭނެ ޙަރަކާތްތައް ރޭވުމަށްޓަކައި މަޢުލޫމާތުދިނުމެވެ.

ބީހައިވް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވާފައިވަނީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގެ އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ އެފް.ސީ.އެސް.ސީ ހިމެނޭގޮތުން 33 މުވައްޒަފުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި އެކްޒެކެޓިވް ޑިރެކްޓަރުން، އެސިސްޓަންޓް ޑިރެކްޓަރުން އަދި ފަންނީ މުވައްޒަފުން ހިމެނެއެވެ.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ދެއްކެވި ވާހަކަފުޅުގައި މިނިސްޓްރީގެ މަސައްކަތްތައް ލާމަރުކަޒު ކުރުމަށް ކުރާ މަސައްކަތުގައި އެފް.ސީ.އެސް.ސީ ތަކުގައި، އަތޮޅުތެރޭގައި ތިއްބަވާ މުވައްޒަފުން ޙާއްސަކޮށް އެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައި ތިއްބަވާ މުވައްޒަފުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

އަދި، އެފް.ސީ.އެސް.ސީ ތަކުގެ ހުރިހާ މުވައްޒަފުން އިތުރަށް، ޖެންޑަރ ސެންސިޓައިޒޭޝަން ސެޝަންތައް ކުރިއަށް ގެންގޮސް، އިތުރަށް މިންތީގެ ނަޒައްރިއްޔާތަކުން ވިސްނާ މަސައްކަތް ކުރުމަށް ބާރު އެޅުން މުހިންމު ކަމަށް ފާހަގަކުރައްވަމުން، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ލާމަރުކަޒީ އުސޫލަކުން ތަންފީޒުކުރުމަށް އެފް.ސީ.އެސް.ސީ ތަކުގެ ދައުރު ވަރަށް ބޮޑުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ވަކިން ޙާއްސަކޮށް ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އެކު މަސައްކަތް ކުރުމުގައި އެފް.ސީ.އެސް.ސީ ތަކުން ވިލަރެސްކޮށް މަސައްކަތް ކުރުން މުހިންމުކަންވެސް މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ފާހަގަކުރެއްވިއެވެ.

 

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ޒިފްލީނާ ޙަސަން ދެއްކެވި ވާހަކަފުޅުގައި މި ނިމުނު ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް ދެއްވުމާއި ގުޅިން ލާމަރުކަޒީ އުޞޫލުން އެ ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ދިނުން ކަމަށާއި، މިއީ މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ހިންގުން ހަރަކާތެއް ކަމަށް ވިދާޅުވިއެވެ.

 

މި ތަމްރީން ޕްރޮގްރާމުގައި ޙިއްސާކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެފް.ސީ.އެސް.ސީތަކުގެ މުވައްޒަފުން މި މާރިޗު މަހުގެ ނިޔަލަށް އަތޮޅު އަދި ރަށު ފެންވަރުގައި ފަންނީ މަޢުލޫމާތު ދިނުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދުދިދީ، ސްޓޭޓް މިނިސްޓަރ، ޒިފްލީނާ ޙަސަން، ސްޓޭޓް މިނިސްޓަރ ފަޒްނާ ޝާކިރު، ޕާރމަނަންޓް ސެކްރެޓަރީ ޟައުފިޝާން ޢަބްދުﷲ ކަމާލުއްދީންއާއި މިނިސްޓްރީގެ އެކިއެކި ޑިޕާރޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

 

05 ޝައުބާން 1443

08 މާރިޗް 2022

Leave a Reply

Your email address will not be published. Required fields are marked *