ދައުލަތުގެ ބެލުމުގެ ދަށުން ކ.ގުރައިދޫ ގައި ބަލަހައްޓަމުން ގެންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން، އޭޖްޑް ކެއަރ މޯލްޑިވްސް އާއެކު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި، ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ. އޭޖްޑް ކެއަރ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް.އެގްޒެކެޓިވް އޮފިސަރ އެންޑް ފައުންޑަރ، ޑރ. އާމިނަތު ޖަމީލް އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ދެއްކެވި ވާހަކަފުޅުގައި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތްތުގެ ފެންވަރު ރަނގަޅުވެ، އެމީހުން ބެލެހެއްޓުމަށް ތިއްބަވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ހަމަޖެހިފައިވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިފަދަ ޕްރޮގްރާމަކީ ހުރިހާ ފަރާތްތަކަށްވެސް ނުހަނު ބޭނުންތެރި ޕްރޮގްރާމެއް ކަމަށްވުމާއެކު، އޭޖްޑް ކެއަރ އާއި އެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުންދޭ ޚިދުމަތްތަކަށް، ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވި އެވެ. ދޮށީ އުމުރުގެ މީހުންނަށް ޚާއްޞަކޮށްގެން، އޭޖްޑް ކެއަރ އިން މިފަދަ ކަމެއް ކުރިއަށްގެންދަވަން ނިންމެވީތީ އޭޖްޑް ކެއަރ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އެންޑް ފައުންޑަރ، ޑރ. އާމިނަތު ޖަމީލަށް ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވި އެވެ.

އޭޖްޑް ކެއަރ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އެންޑް ފައުންޑަރ، ޑރ. އާމިނަތު ޖަމީލް ވިދާޅުވީ މި އެމް.އޯ.ޔޫގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި އެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިންވެސް ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމަކީ ނުހަނު ބޭނުންތެރި ޕްރޮގްރާމަކަށްވާއިރު، މިއީ ރަނގަޅު ފެށުމެއް ކަމަށް ޑރ. އާމިނަތު ޖަމީލް ވިދާޅުވި އެވެ. އަދި މިކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ދެއްވި ފުރިހަމަ އެއްބާރުލުން ފާހަގަކޮށް ޑރ. އާމިނަތު ޖަމީލް ވަނީ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.

މިރަސްމިއްޔާތުގައި ކ.ގުރައިދޫ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޔޫޝައު ޝިހާން ވިދާޅުވީ މި އެމްއޯޔޫގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންނަށް ސެޓިފައިޑް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގިގެން ދިއުމަކީ އެފަރާތްތަކަށް ލިބިގެންދާނެ ނުހަނު ބޮޑު ކުރިއެރުމެކެވެ. ސަބަބަކީ މިހާތަނަށް އައި އިރުވެސް މިދާއިރާއިން މިފަދަ އެއްވެސް ޕްރޮގްރާމެއް ހިންގިފައި ނެތުމާއި އެކު ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރައްވާ ފަރާތްތަކުންވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަމަ އެކަނި އެމުވައްޒަފުންނަށް ލިބިފައި ހުރި ތަޖްރިބާގައި ކަމަށް ޝިހާން ވިދާޅުވި އެވެ. އެހެންކަމުން މިއީ ވަރަށް ރަނގަޅު ފެށުމެއްކަން ފާހަގަކުރަމުން، އޭޖްޑް ކެއަރ އާއި އެކު ގާތުން މަސައްކަތް ކުރަން ފުރުޞަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލަކަށްވާއިރު، އެފަރާތަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރި އެވެ.

މި އެމް.އޯ.ޔޫ. ގެ މައިގަނޑު މަޤުޞަދަކީ، ކ. ގުރައިދޫ ގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ދޮށީ ޢުމުރުގެ މީހުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅު ކޮށް ރައްކާތެރި ހިތްހަމަ ޖެހޭ މާހައުލެއް ޤާއިމު ކުރުމުގައި އެހީތެރިވުމެވެ. މި އެމް.އޯ.ޔޫ. ގެ ދަށުން ދެ ފަރާތް ގުޅިގެން ހިންގާ ހަރަކާތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ހަރަކާތްތަކަކަށް ހެދުމަށްޓަކައި ދެ ފަރާތުން އެއްބަސްވެވޭ ކަންކަމުގެ ތެރޭގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ކެއަރގިވާރސް ގެ ހުނަރު އިތުރުކުރުމަށް، ކޮންމެ 4 މަހަކުން އެއްފަހަރު ތަމްރީން ހިންގުމާއި، ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާއި މަޝްވަރާކޮށް ފިޒިއޮތެރަޕީ/ ކަސްރަތު އަދި އެހެނިހެން ޚަރަކާތްތައް ޤަވާއިދުން ހިންގޭނެ ސްކެޑިއުލް ހެދުމުގައި އެހީތެރިވެދިނުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ރެކްރިއޭޝަން ގެ ޙަރަކާތް ރޭވުމުގައި އެހީތެރިވެދިނުމުގެ އިތުރުން ޑައިޓީޝަނެއްގެ އެހީގައި ފައިދާ ހުރި ޑަޔަޓް ޕްލޭނެއް ހެދުން އަދި ކޮންމެ 3 މަހަކުން ރިވިއު ކުރުން ފަދަ ކަންކަން ވަނީ ހިމަނާފަ އެވެ.

1 އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެމް.އޯ.ޔޫގެ ދަށުން އެ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅު ކޮށް ރައްކާތެރި ހިތްހަމަޖެހޭ މާހައުލެއް ގާއިމް ކުރެވިގެންދާނެ އެވެ.

 

06 ޖުމާދަލްއާޚިރާ 1443

09 ޖަނަވަރީ 2022

Leave a Reply

Your email address will not be published. Required fields are marked *