3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި

3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ އޮން ސަރވިސް ޕްރޮވިޝަންސް ފޮރ ދަ އެލްޑަރލީ އެންޑް ވިކްޓިމްސް އޮފް އެބިޔުސް”ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފިއެވެ.

ވަރލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)ގެ އެހީތެރިކަމާއެކު ފ.ނިލަންދޫގައި 5 ދުވަހުގެ މުއްދަށް ހިންގި މި ޕްރޮގްރާމްގައި ވ.އަތޮޅާއި މ.އަތޮޅާއި ފ.އަތޮޅުގެ ޖުމުލަ 24 ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ އެންޑް ފެމިލީ ޑރ. މަރިޔަމް ޖަބީން ވިދާޅުވީ މި ޕްރޮގްރާމަކީ، ދޮށީ އުމުރުގެ މީހުންނަށާއި އަނިޔާއިން ޚާއްޞަ ރައްކައުތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ޚިދުމަތްދިނުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކަށާއި ޢަމަލުކުރަން ޖެހޭ ޤާޢިދާތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީން ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުން ލިބުނު މަޢުލޫމާތާއި ތަޖުރިބާތައް، ޢަމަލީ މައިދާނުގައި ބޭނުން ހިފައި، މަސައްކަތުގެ ދާއިރާގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ހަރުދަނާ ކުރެއްވުމަށް އެ ކަމަނާ އިލްތިމާސްކުރެއްވިއެވެ.

މާރިޗު މަހުގެ 11އިން 15އަށް ހިންގި މި ޕްރޮގްރާމްގައި ދޮށީ އުމުރުގެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގައްޔާއި، އަނިޔާއިން ރައްކައުތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިންނަށާއި، އަންހެނުންނަށާއި، ދޮށީ އުމުރުގެ މީހުންނަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކުގެ އިތުރުން، ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް ބައިވެރިން އަހުލުވެރިކޮށް، އަނިޔާ ލިބޭ ފަރާތްތަކާއި ބަލި މީހުންނަށް އަޅައިލުމުގައި ގެންގުޅެންވީ މިންގަނޑުތައް އޮޅުންފިލުވައިދީފައިވެއެވެ.

27 ޖުމާދަލްއާޚިރާ 1439

15   މާރިޗު   2018

Leave a Reply

Your email address will not be published. Required fields are marked *