2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ރަސްމިއްޔާތު ބާއްވައި، ރެހެންދި އެވޯޑް ދީފި

2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ބައްވައި، މި ޖަލްސާގައި 9 ފަރާތަކަށް ރެހެންދި އެވޯޑް ދީފިއެވެ. މާރިޗު މަހުގެ 22 ވަނަ ދުވަހުގެރޭ ހ. މީރުމާގައި ބޭއްވި މި ޖަލްސާގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ނެޝަނަލް ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ވަނީއިފްތިތާޙުކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނެއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އަހަރަކު އެއްފަހަރު އަންނަނީ ޚާއްޞަ އެވޯޑެއް ދެމުންނެވެ.  އެގޮތުން ރެހެންދި އެވޯޑު ދިނުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ހާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ އިތުރަށް ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނުކުތުމަށް ހިތްވަރުދިނުމެވެ.

ރެހެންދި އެވޯޑު ޙާސިލުކޮށްފައިވާ ބޭފުޅުންނަކީ މަސައްކަތުގެ ދާއިރާއިން ޤައުމަށް އަދި މުޖުތަމަޢުއަށް އެތައް ޚިދުމަތެއް ކުރައްވާފައިވާ ބޭފުޅުންތަކެވެ. 2022 ވަނަ އަހަރު ރެހެންދި އެވޯޑު ޙާސިލުކޮށްފައިވާ ފަރާތްތަކަށް ‘ރެހެންދި އެވޯޑް 2022’ ދެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙްއެވެ. އަދި ރެހެންދި އެވޯޑު ލިބިވަޑައިގަންނަވާ ފަރާތްތަކަށް ބްރޫޗް ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ. މި އަހަރުގެ ރެހެންދި އެވޯޑް ޙާސިލްކޮށްފައިވާ ފަރާތްތަކަކީ:

  • ޢާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންގެ ދާއިރާއިން، ނަފީސާ ޢަލީ (މުނިޔާގެ / ތ. ވިލުފުށި)
  • ސިއްޙީ ދާއިރާއިން، ޑރ. ފާތިމަތު މުފްލިހާ (ހ.ކަނޑިގެ #2/ ކ. މާލެ)
  • ސިއްޙީ ދާއިރާއިން، ލެފްޓިނެންޓް ފިރުޝާނާ ތައުފީޤް (ސަންރައިޒެ/ ގދ. ފަރެސްމާތޮޑާ)
  • ފަންނުވެރިކަމާއި ޡަޤާފަތާއި ތަރިކައިގެ ދާއިރާއިން، ޢިއްޒަތު އަޙްމަދު ނިޒާރު (ސެލްވިން/ ހދ. މަކުނުދޫ)
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން، އާއިޝަތު އިބްރާހިމް (ހ. ކުއްޅަވަށްގަސްދޮށުގެ/ ކ.މާލެ)
  • އިޖްތިމާޢީ ދާއިރާއިން، ދިމްނާ ފާކިރު (ގުލްދަސްތާގެ/ ސ. ފޭދޫ)
  • ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، ޝިމްލާ އަޙްމަދު (އާސްޓްރަލްގެ/ ސ. ހިތަދޫ)
  • އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާއިން، ފާތިމަތު ޖަބީން (މ. ނިއު ހިލްމަން/ ކ. މާލެ)
  • ވަޒީފާދޭ ފަރާތްތައް/ މުއައްސަސާތަކުގެ ދާއިރާއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އަންހެނުން ބާރުވެރިކުރުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިންދަނީ ގިނަގުނަ މަސައްކަތްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޤައުމީ ފެންވަރެއްގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާތަކާއެކު އެކުލަވާލެވުނު ނެޝަނަލް ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން އަކީ މި މަސައްކަތުގައި އެޅިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ. އެގޮތުން ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން އިފްތިތާޙުކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން އެކުލަވާލުވުމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއެކު އެންމެ ގާތުން މަސައްކަތްކުރައްވާފައިވަނީ ޔޫ.އެން.ޑީ.ޕީ އިންނެވެ. އަދި ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން އެކުލަވާލުވުމުގައި އޮސްޓްރޭލިއާ ސަރުކާރުގެ ދީލަތި އެހީތެރިކަން ވަނީ ފޯރުކޮށްދެއްވާފައިވެއެވެ.

 

20 ޝައުބާން 1443

23 މާރިޗް 2022

Leave a Reply

Your email address will not be published. Required fields are marked *