2022ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ ދައްކަވާ ވާހަކަފުޅު

ޙަމްދާއި ޝުކުރުކުރަނީ ޢާލަމްތަކުގެ ވެރި ﷲ ސުބަހާނަހޫ ވަތަޢާލާއަށް. ޞަލަވާތާ ސަލާމް ލެއްވުން އެދި ދުޢާކުރަނީ މި އުންމަތަށް ކައުކުރެއްވި، ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްއަށް. އަދި މި ޞަލަވާތާ ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު، ނައިބު ރައީސް އަލްފާޟިލް ފައިސަލް ނަސީމު، ދައުލަތުގެ ވަޒީރުން، ޔޫ.އެން.ޑީޕީ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މިސްޓަރ އެންރީކޯ ގަވޭލިއާ، ބޭރުގެ ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން، އައްސަލާމް އަލައިކުމް.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން މިރޭ މިބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިންދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިރަސްމިއްޔާތުގައި ޚާއްޞަ ދެކަމެއް ފާހަގަކުރެވިގެން ދާނެ. އެއީ 2022 ވަނަ އަހަރުގެ ރެހެންދި އެވޯޑު ދިނުމާއި ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ލޯންޗުކުރުން. ރެހެންދި އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން، އަހަރަކު އެއްފަހަރު، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި، ލާބަޔާ މަންފާއަށް އަދި ދިވެހި މުޖުތަމަޢު ބިނާކުރުމަށް އަންހެނުންގެ ދައުރުގެ އަގު ވަޒަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑެއް. މި އެވޯޑު މިއަހަރު 9 ފަރާތަކުން ޙާޞިލުކުރައްވާފައިވޭ. މިފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން.

ފާއިތުވެދިޔަ 9 އަހަރު ދުވަހުގެ މުއްދަތުގައި ރެހެންދި އެވޯޑު ވަނީ 55 ފަރާތަކަށް ލިބިފައި. މިއެވޯޑު ހާޞިލުކުރެއްވި ބޭފުޅުންނަކީ އަންނަން އޮތް ޖީލުތަކަށް ނަމޫނާ ބޭފުޅުން.

މިރޭގެ ދެވަނަ ކަމަކަށް ލޯންޗް ކުރެވިގެންދާނީ 5 އަހަރު ދުވަހުގެ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންއެއް. ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ވުޖޫދަށް ގެނައުމުގައި ޔޫ.އެން.ޑީ.ޕީ އަދި އޮސްޓްރޭލިޔާ ސަރުކާރުންވަނީ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވައިފައި. އެހެންކަމުން މިފުރުޞަތުގައި އެދެފަރާތަށް ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރަން. އަދި މިއެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ޔޫއެންޑީޕީގެ އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ލިބިފައި.

I would like to take this opportunity to extend my most sincere gratitude to UNDP Maldives, our partner, in the development of the GEAP. UNDP’s continuous support throughout the entire process, from the inception of the plan until the launching process, has been immense and we are most appreciative of the commitment demonstrated by the UNDP team. I am hopeful that this momentous occasion, with the launching of the GEAP, marks a most fruitful future ahead of us, in our work to accelerate and attain gender equality in the Maldives.

I also wish to express my most sincere thanks to the government of Australia, for their generous support throughout the process of developing the GEAP. We thank you for this positive engagement, and hope this will enable further dialogue and mutual collaboration, in achieving our goal on gender equality.

As we embark on this journey, with the launching of the GEAP, one of the key considerations in ensuring effective implementation of the plan is carrying out a costing of the plan. This work is currently underway, with the support of UNFPA, who has always been a consistent partner in our work on advancing the rights of women.

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ކޯސްޓް ކުރުމުގެ މަސައްކަތް ޔޫއެންއެފްޕީއޭއާއެކު މިހާރު ފެށިއްޖެ. ގިނަ ފަހަރު މިފަދަ ޕްލޭންތައް ހެދި ތަންފީޒުވުމުގައި ގޮންޖެހުންތައް ދިމާވާ އެއް ސަބަބަކީ ކޮސްޓިންގގެ މަސައްކަތް ނުކުރެވޭތީ. މި ކޯސްޓިން އެކްސަރސައިޒްގެ ސަބަބުން އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ހިނގާނެ ހޭދަ އާއި ބޭނުންވާ މާލީ އަދި އިންސާނީ ވަޞީލަތްތައް އެނގިގެންދާނެ. އަދި ހަޤީޤީ ބޭނުންތަކަށް ޚަރަދުކޮށް، އިގްތިޞާދުކޮށް، ފުށުއެރުންތައް ނައްތާލާ، އެންމެ ބޭނުންވާ ކަންތައްތަކަށް މައުނަވީ ނަތީޖެއް ހޯދޭނެ.

މިޕްލޭންވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 22 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްދެއްވައިފައި. މި ނިންމެވުމުންވެސް ދައްކުވައިދެނީ ދައުލަތުގެ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށާއި އަންހެނުން ބާރުވެރިކުރެއްވުމަށް ދެއްވާ ސަމާލުކަމާއި އަހަންމިއްޔަތު. މި ނިންމެވުމާއި ގުޅިގެން އެކި ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ ތަފާތު ޖަމިއްޔާތަކުންނާއި، ދައުލަތުގެ ވުޒާރާތަކާއި ދިވެހި ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ޖަމިއްޔާތަކުންވެސް މި އެކްޝަންޕްލޭން ތަންފީޒުކުރުމަށްޓައި މިނިސްޓްރީއަށް އެހީތެރިވުމަށް މަޝްވަރާކުރެވި ވާހަކަދެކެވެން ފަށައިފި. މިއެކްޝަން ޕްލޭން ތަންފީޒުކުރުމުން 5 ލަނޑުދަނޑިއެއް ހާޞިލުވެގެންދާނެ. އެއީ އަންހެނުންގެ މައުނަވީ ދައުރު ލީޑަރޝިޕް އެންޑް ގަވަރނަންސްގައި އިތުރުވެގެން ދިއުން. އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިވެ ފުރިހަމަ މަންފާ ހަމަހަމަގޮތެއްގައި ލިބޭކަން ކަށަވަރުވެގެން ދިއުން. ހުރިހާ ދާއިރާއެއްގައި ޖެންޑަރ މެއިންސްޓްރީމްވެގެން ދިއުން ނުވަތަ އަންހެނުންނާއި ފިރިހެނުން އަދި އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ވަކިވަކި ބޭނުންތައް ދެނެގަނެ އެކަންކަމަށް ރިޢާޔަތްކޮށް މަސައްކަތްކުރުމަށް ސަރުކާރުގެ މުއައްސަސާތަކާއި ނިޒާމުތައް މިހާރަށް ވުރެ ހަރުދަނާވެގެން ދިއުން. ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއިން އާއިލާތައް ސަލާމަތްވެތިބެވޭ މުޖުތަމައަކަށް ދިވެހި މުޖުތަމަޢު ވެގެން ދިއުން. އަދި އެކްސެސް ޓު ޖަސްޓިސް ނުވަތަ އަންހެނުންނާއި ފިރިހެނުން ހަމަހަމަ ގޮތެއްގައި އަދުލު އިންސާފު ހޯދައިދިނުމަށް ބޭނުންވާ ހައްލުތައް އަދި ބަދަލު ލިބޭނެކަން ޔަގީންކުރެވިގެން ދިއުން.

މިކަންކަން ޙާޞިލުވުމުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތައް ކަމުގައިވާ އަންހެނުންނަށް ކުރާ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭ މުޢާހަދާ ’ސީޑޯ‘، އަދި ބެއިޖިންގ ޕްލެޓްފޯމް ފޮރ އެކްޝަން އަދި އެހެން އިންސާނީ ހައްޤުތަކާ ގުޅުންހުރި މުޢާހަދާތަކުގައި ބާރުއަޅާ އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށް މަގުފަހިވެގެންދާނެ. ހަމައެއާއެކު ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ޓާގެޓްތައް ކާބިޔާބުކަމާއެކު ހާސިލުކުރުމަށް މަގުފަހިވެގެންދާނެ. ޚާއްސަކޮށް އެސް.ޑީ.ޖީ ގޯލް 5. ބައިނަލްއަޤްވާމީ ފެންވަރުގައި ޤައުމުތައް ރޭންކް ކުރުމަށް ބޭނުންކުރާ ޖެންޑަރ އިން-އީކުއަލިޓީ އިންޑެކްސްގައި ވެސް ދިވެހިރާއްޖޭގެ ސްކޯ ރަނގަޅުވެގެންދާނެ. އަދި ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައިވާ ކަންކަން ތަންފީޒުކުރެވިގެންދިޔުމުން، އެހެން ދާއިރާތައް، މިސާލަކަށް ދަންނަވަނީނަމަ ތަޢުލީމީ، ސިއްޙީ، އިޖުތިމާޢީ ޚިދުމަތްތައް، ކޮމިއުނިޓީ ރެސިލިއެންސް، ނޫ އިޤްތިޞާދު، އަދި ހެޔޮ ވެރިކަމަށް ވެސް ފަހި އަސަރުތަކެއް ކުރާނެ.

މިސަރުކާރުން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތުން އަންހެނެއްގެ ދިރިއުޅުމަށް އަންނާނެ ބަދަލަކީ ކޮބާތޯ. ގޭތެރޭގެ ކަންކަން ބަލަހައްޓާ އަންހެނެއްގެ ހަޔާތަށް އަންނާނީ ކޮން ބަދަލެއްތޯ. ބަނޑުހައި ހޫނު ކަމުގައި އުޅޭ މީހަކަށް ކާއެއްޗެއް ކޮންމެ ދުވަހަކު ދިނުމުން އޭނާގެ ބަނޑުހައި ހޫނުކަން ފިލާނެ. އެހެން ނަމަވެސް، އޭނާއަށް އަމިއްލައަށް ބާރުވެރިވެ ފައިސާ ހޯދާ އަމިއްލައަށް ކާއެއްޗެތި ހޯދުމުގެ ޤާބިލުކަމެއް ހޯދައެއްނުދެވޭ. މިސަރުކާރުގެ މަޤްޞަދަކީ އަމިއްލައަށް ބަނޑުހައި ހޫނުކަން ފިލުވުމަށް ބާރުވެރިކުރުވުން. އިނގިރޭސިބަހުން ދަންނަވަނީނަމަ ޕްރެކްޓިކަލް ނީޑްސްއިން ސްޓްރެޓިކް ޖެންޑަރ ނީޑްސްއަށް ސިޔާސަތު ފުރޮލާލުން.

މިގޮތުން، ނުރަސްމީ ދާއިރާގައި ނުވަތަ ހޯމް ބޭސްޑް މަސައްކަތްކުރާ އަންހެނުންގެ މަސައްކަތް ރަސްމީވެ، ރެޖިސްޓަރވެ، ސޭފްޓީ ނެޓްގެ ތެރެއަށް ވާޞިލުވެވޭނެ ގޮތްތައް ފަހިވެގެންދާނެ. އެކްސްޓާރނަލް ޝޮކްސް ނުވަތަ ކާރިސާތަކުގެ ސަބަބުން ހާލުގައި ޖެހޭ ފަރާތްތައް ފަގީރުކަމުގެ އަނދަވަޅުތަކަށް ވެއްޓުނަ ނުދީ ހިފެހެއްޓޭނެ. މީގެ މިސާލަކީ 2021ގައި މި މިނިސްޓްރީންގ ހިންގި އަހުލު ޕްރޮގްރާމް. ކޮވިޑު 19ގެ ސަބަބުން މާލޭގައި ބިކަވި 33 އާއިލާއަކަށް ހިމެނޭ 100 އެތައް ފަރާތެއް މަގުމަތިވިޔަނުދީ އެމީހުންގެ ރަށްރަށަށް އަނބުރާގޮސް ވަޒަންވެރިވެވޭނެ މަގު ފަހިކޮށްދެވުނު.

ކަންކަން ނިންމާ ފެންވަރުގައި ނުވަތަ ގައުމު ހިންގާ (ގަވަރނަންސް) ދާއިރާގައި އަންހެނުން ބަސް ބުނެ އަންހެނުންނާއި ފިރިހެނުންގެ ތަޖުރިބާއާއި ހުނަރު ބަލައިގަނެވޭ. މިގޮތުން ކައުންސިލުތަކުގެ އިންތިހާބުގައި އަންހެނުން އިތުރު ކުރުމުގެ މަޤްޞަދުގައި ވަގުތީ ޚާއްޞަ ފިޔަވަޅުތަކެއް އެޅުމުން މިއަދު ލާމަރުކަޒީކޮށް ގައުމު ހިންގުމުގައި ރަށު ފެންވަރުގައާއި، އަތޮޅު ފެންވަރުގައި އަދި ސިޓީތަކުގައި ކަންކަން ނިންމުމުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރެވިއްޖެ. ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުން ހިންގާ ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް އިސްކަންދީ ވަޒީފާގެ މައިދާނުގައި އަންހެނުން ދެމެހެއްޓުމަށް ފިޔަވަޅުތައް އެޅަންފަށައިފި. ލާމަރުކަޒީ އުސޫލުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ގުޅިގެން އަންހެނުން ބާރުވެރިކުރުމަށް އަދި އެކްޝަން ޕްލޭން ތަންޒީފުކުރުމަށްޓަކައި ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރތައް ހިންގުމާއި ޙަވާލުވެތިއްބެވި ފަރާތަކާއި ފަންނީ މުވައްޒަފުން ވަނީ މި ހިނގާ މާރިޗު މަހު ޓްރެއިނިންގް އޮފް ޓްރެއިނަރޒް (ޓީއޯޓީ) ގޮތުގައި ތަމްރީންކޮށްފައި. މިއާއެކު، މިހާރު އެފަރާތްތަކުން ދަނީ ޖެންޑަރ އީކުއަލިޓީ އެކްޝަންޕްލޭން ރަށުފެންވަރުގައި ތަންފީޒުކުރުމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށް މަސައްކަތްތައް ރާވާ ހިންގަމުން.

މިއަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރާއި ބެހޭ ގޮތުން އެއްޗެއް ދަންނަވާލާނަން.

Gender equality today for a sustainable tomorrow

މި ޝިއާރުން ބާރުއަޅަނީ ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައިއާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާތަކުން އަންހެނުންނަށް ކުރާނެ އަސަރު ކުޑަކުރުން.

މިހިނގާ 21ވަނަ ގަރުނުގައި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސީ ހިރާސަތުތަކާއި ގުޅިގެން ދިމާވާ ކަންތައްތަކުގައި މަސައްކަތްކުރާއިރު މިންތީގެ ހަމަހަކަން ޤާއިމުކުރުން. މިފަދަ ކާރިސާތަކުގެ ސަބަބުން ތިމާވެއްޓަށާއި، ގުދުރަތީ ނިޒާމުތަކަށް ކުރިމަތިލާންޖެހޭ ނުރައްކާތެރިކަން އިތުރުވޭ. އަދި އިޤްތިސާދަށާއި އިޖުތިމާއީ ތަރައްޤީއަށް އަސަރުކުރޭ. އެންމެ ބޮޑު އަސަރެއް ތަހައްމަލުކުރަންޖެހެނީ ހަވާސާގެ ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް. ނުވަތަ ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް. މީގެ ތެރޭގައި އަންހެނުންނަށް ލިބޭ ނިކަމެތިކަން ފާހަގަކުރަން ޖެހޭ. އެއީ ފަޤީރުންގެ ގޮތުގައި އަދި އެހެން މީހުންނަށް ބަރޯސާވެގެން ދިރިއުޅެންޖެހިފައިވާ ބަޔަކީ އަންހެނުން. އެހެންނަމަވެސް، މިގޮންޖެހުންތަކާއިއެކުވެސް މޫސުމީ ބަދަލުތަކާއި ގުޅިގެން ދިމާވާ ކަންކަމުގެ އިއްސަފުގައި އަންހެންނުން، ޚާއްޞަކޮށް ޒުވާން ފުރައިގެ އަންހެނުންގެ ޙިއްޞާ ފާހަގަކޮށްލަންޖެހޭ. މިފަރާތްތަކުން ކުރާ މަސައްކަތްތަކުގައި މޫސުމީ ބަދަލުތަކާއި ގުޅިގެން ބަސްބުނެ، ފެހި އިޤްތިޞާދަކަށް ވަކާލާތުކޮށް އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ގޮވާލާ.

ދިވެހިރާއްޖޭގައި މޫސުމީ ކަންކަމާއި ގުޅިގެން ކުރިމަތިވާ ކާރިސާތަކުގައި އަންހެނުންގެ ދައުރު ފުޅާ ކުރުން މުހިންމު. ޚާއްޞަކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އަމަލީ ބައިވެރިވުން އިތުރުކޮށްގެން މޫސުމީ ބަދަލުތަކުގެ ސަބަބުން އަންނަ ކާރިސާތަކާއި ގުޅިގެން އެކުލަވާލާ ސިޔާސަތުތަކާއި ނިންމުންތަކުގައި މިންތީގެ ހަމަހަމަކަން ކަށަވަރުން މުހިންމު.

މީގެ އިތުރުން، ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތައް ހިމެނޭ ގޮތަށް ރިފަރަލް މެކޭނިޒަމްއެއް އެކުލަވާލުމުގެ މަސައްކަތްވެސް ޔޫއެންއެފްޕީއޭގެ އެހީތެރިކަމާއެކު އެބަ ކުރެވޭ. މިގޮތުން މިޚިދުމަތްތައް ދެނެގަތުމަށް މެޕިންގ މަސައްކަތްތަކެއް ވަނީ ކުރެވިފައި. މިރިފަރެލް މެކޭނިޒަމުގައި ޑޭޓާ ޝެއަރ ކުރުމުގެ ޕްރޮޓޮކޯލްއާއި މުއައްސަސާތަކުގެ މެދުގައި މަސައްކަތްކުރާނެ އެސް.އޯ.ޕީތައް ހިމެނޭ. އަދި ގެވެށި އަނިޔާއާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ވަގުތީ ހިޔާތަކެއް ގާއިމުކޮށް ޚިދުމަތް ދިނުމުގެ މަސައްކަތް އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކާއި އެކު މިދަނީ ކުރަމުން. އަދި މިއަނިޔާ ތަހައްމަލުކުރާ ފަރާތްތަކުން ރިޕޯޓުކުރަމަށް ބޭނުންކުރާ ހެލްޕްލައިން އިތުރަށް ހަރުދަނާ ކުރުމަށް ވޯލްޑް ބޭންކާއިއެކު މަޝްވަރާކުރެވި މަސައްކަތް ފެށިއްޖެ. ގެވެށި އަނިޔާ ތަހައްމަލު ކުރާ ފަރާތްތަކަށް އެންމެ ބޭނުންވާ އެހީތެރިކަމަކީ ޤާނޫނީ ލަފާ. 2 ޖަމިއްޔާއާއެކު އެކު މިނިސްޓްރީން އެމްއޯޔޫ އެއްގައި ސޮއިކުރެވި ރެފަރަލް ހެދުމުން ގެވެށި އަނިޔާ ތަހައްމަލު ކުރާ ފަރާތްތަކަށް ޕްރޮބޯނޯކޮށް ލީގަލް އެއިޑް ދެވޭ. އަދި އިތުރު އެހެން ޖަމްޢިއްޔާއަކާއި އެކު ސައިކޯ ސޯޝަލް ސަޕޯޓު އަދި ޕިއަރތެރަޕީ ސެޝަންތައް ކުރިއަށް ގެންދެވޭ. މި ޚިދުމަތަކީ އަދިވެސް ފުޅާކުރަންޖެހޭ ޚިދުމަތެއް. ޚާއްޞަކޮށް އަޅުގަޑުމެންގެ އަތޮޅުތަކުގައި، ރަށްތަކުގައި ގާތުން ލިބެންވާ ޚިދުމަތްތަކެއް.

އަޅުގަޑުމެން އެންމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ތަފާތު އެކި ސަބަބުތަކާއި ހުރެ ޢާއިލީ ގުޅުންތައް ހީނަރުވެ އިޖުތިމާޢީ ގިނަ މައްސަލަތަކެއް ރާއްޖޭގައި ފެންނަމުންދާކަން. މީގެ އަސަރު އެންމެބޮޑަށް ކުރަނީ ކުޑަކުދިންނާއި އަންހެނުންނަށް. ދެމަފިރިންގެ ދެމެދުގައި ހައްލުނުވެ ކުރިފަޅައިގެންދާ ގިނަ މައްސަލަތައް ފެނި، އަޑުއިވި އޭގެ ސަބަބުން ބިރުވެރިކަމާއި، ނާމާންކަމާއި އަދި އެތައް ހިތްދަތި އިޙުސާސުތަކާއިއެކު ރޭދުވާ ހޭދަކުރަމުންދަނީ ކުޑަކުދިން. މި އެކަނި ވެރިކަން ތަހައްމަލު ކުރަމުން، އުމުރުގެ އެންމެ ނާޒުކު ދުވަސްތަކުގައި ދިރިއުޅުމުގެ މިސްރާބު ނޭގި މިފަދަކުދިން ބިކަވެ ކުށުގެ ވެއްޓަށް ހުށަ ހެޅެމުންދާކަމީ މިއަދު ސަރުކާރުން ކަންބޮޑުވާ ކަމެއް. މިކަން ހައްލުކުރުމުގައި ކަމާ ގުޅޭ ދާއިރާތައް އެކުގައި މަސައްކަތްކުރުން މުހިންމު. އަބުރުވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް އަޅުގަޑުމެން ކެނޑިނޭޅި މަސައްކަތްކުރަން ޖެހިއްޖެ. ކޮންމެ މަންމައެއްވެސް އަދި ބައްޕައަކުވެސް، ކުދިންދެކެ ލޯބިވާކަން ބުނަމާތޯ، ލޯބިން ފިރުމާލަމާތޯ، އާއިލާގެ ކޮންމެ މެމްބަރަކީވެސް މުހިންމު މެމްބަރުންކަން ދަނެ، އިޙްތިރާމާއި އޯގާތެރިކަމާއެކު މުޢާމަލާތްކުރަމާތޯ. މިމޭރުމުން، ކޮންމެ ދެމަފިރިއެއްވެސް އަމަލުކުރަމާތޯ. މިއީ ކުޑަ، ނަމަވެސް އެކަމެއްގެ ސަބަބުން ބޮޑު ބަދަލެއް ގެނެވިދާނެ ކަމެއް.

އާއިލީ ގުޅުން ރަގަޅު ކުރެވޭނީ އަންހެނުންގެ ހާލަތު ރަގަޅުވެގެން. ވޭތުވެ ދިޔަ 2 އަހަރު ތެރޭގައި ލާމަރުކަޒީ އުޞޫލުން އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި މުޖުތަމަޢުގެ ރައްކާތެރިކަމާއި އިޖުތިމާއީ ތަރައްޤީގެ މަސައްކަތުގައި ހިއްސާވާ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ޔުނިސެފްގެ އެހީތެރިކަމާއެކު ޤާނޫނީ ބާރު ލިބޭގޮތައް އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައި. މިގޮތުން، އެރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީ ތައްވެސް ހިއްސާ ވާގޮތަށް ކަންކަން ނިންމާ ފެންވަރުގައި މި ދެންނެވި އިޖުތިމާޢީ ބަދަހި މަދަދުވެރިން މަސައްކަތްކުރާނެ. މިއަދާހަމައަށް 5 އަތޮޅެއްގެ 34 ރަށެއްގައި 194 އިބަމަ މެމްބަރުން އައްޔަންކޮށް އެފަރާތްތަކަށް ބޭނުންވާ “އިނީޝިއަލް” ތަމްރީނުވަނީ ދެވިފައި. މީހުން ތަމްރީނުކުރެވުނު ރަށްތަކުގައި ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުގެ މައުލޫމާތު މިހާރު މިދަނީ އެއްކުރަމުން. މިފަރާތްތައް ހޯދުމުން މިފަރާތްތަކުގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުން މިރަށްރަށުގައި އެންމެ ނާޒުކު ހާލަތުގައި ތިބި އާއިލާތަކަށް ހެޔޮ ބަދަލެއް ގެނެވޭނެ.

މިންތީގެ ހަމަހަމަކަން ޤާއިމުކުރަން ބޭނުންނަމަ މަސައްކަތް ފަށަންޖެހޭނީ ފުރަތަމަ އާއިލާގެ ތެރެއިން. އާއިލީ ކަންކަމުގައި ހުރި ތަފާތު ކުރުންތައް ނައްތާލެވިގެން. ވަކި ޖިންސަކަށްވީމާ ވަކިގޮތްތަކެއް ހެދުމުގެ ބަދަލުގައި ނުވަތަ ދުށުމުގެ ބަދަލުގައި ކުދިން ތަރުބިއްޔަތުކުރުމުގައި ކުދިންނަކީ އެކަކު އަނެކަކަށް ގަދަރުކުރާ، މައްސަލަތައް ޖެހުމުން މަޝްވަރާކޮށް ހައްލުކުރާ ބަޔަކަށްވެގެން. އަނިޔާއަށް ފުރުޞަތު ނުދޭ އާއިލީ ވެއްޓެއް ގާއިމުކޮށްގެން. ތަޢްލީމީ މަންހަޖު ތަންފީޒުކުރާއިރު މިންތީގެ ހަމަހަމަ ކަމުގެ ވާހަކަ އަމަލީ ގޮތުން ފެނިގެން. ޔުނިވާރސިޓީތަކުން ނަގައިދޭ ލެކްޗަރުތަކުގެ ތެރޭގައި މިމަޢުލޫތައް ހިމެނި ބަހުސްތައް ކުރެވި މަޝްވަރާތައް ކުރެވިގެން. މިންތީގެ ހަމަހަމަކަން އަމަލީ ގޮތުން ދަސްވެގެން މުޖުތަމަޢަށް ނިކުންނަ ފަރާތްތަކަކީ ޖިންސީ ފުރައްސާރަ ކުރުމާއި ގަނާކުރުން ފަދަ ކަންކަން ހުއްޓަން މަސައްކަތްކުރާނެ ފަރާތްތަކެއް. އެފަރާތްތަކުން އިޙްތިރާމާއި، ކަރާމާތް އިސްކުރާނެ. ލޯތްބާއި އަޅާލުން އިސްކުރާނެ. މުޖުތަމަޢުގައި މިންތީގެ ހަމަހަމަކަމަކީ ގަބޫލުކުރެވޭ އަސާސަކަށް ވެގެންދާނެ.

މިއަދު މިބޭއްވޭ ރަސްމިއްޔާތުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އަޅުގަޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަން. އަދި އަޅުގަޑުމެންނާއި އެކު އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާތަކާއި ކުންފުނިތައް އަދި ބޭރުގެ އެހީދޭ ޖަމާއާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ރައީސުލްޖުމްހޫރިއްޔާ ނައިބާއި ދައުލަތުގެ ގިނަ ވަޒީރުން ވަޑައިގެން ދެއްވިކަމަށްޓަކައި އަދިވެސް އެއްފަހަރު އަޅުގަޑުގެ އަމިއްލަ ނަމުގައިއާއި އަޅުގަޑުގެ މިނިސްޓްރީގެ މުވައްޒަފުންގެ ނަމުގައި އިޚްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަން. އަޅުގަޑުގެ ދުއާއަކީ މިންތީގެ ހަމަހަމަކަން ޤާއިމުކުރަން މިސަރުކާރުން ކުރާ މަސައްކަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުން.

އާމީން.

Leave a Reply

Your email address will not be published. Required fields are marked *