2020 އަދި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ހަވާލުކުރުމުގެ ރަސްމިއްޔާތު

ރެހެންދި އެވޯޑަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އަހަރަކު އެއްފަހަރު ދޭ ޚާއްޞަ އެވޯޑެކެވެ. ރެހެންދި އެވޯޑު ދިނުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ހާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ އިތުރަށް ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނުކުތުމަށް ހިތްވަރުދިނުމެވެ.

ކޮންމެ އަހަރަކު ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރެހެންދި އެވޯޑުގެ ޙައްޤުވެރިންނަށް އެވޯޑު ހަވާލުކުރަމުން އައި ނަމަވެސް ކޮވިޑް19 ގެ ޙާލަތާއި ގުޅިގެން 2020 އަދި 2021 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވިފައިނުވެއެވެ. ރެހެންދި އެވޯޑުގެ ޙައްޤުވެރިންނަށް ޚާއްސަކޮށްގެން 2021 ސެޕްޓެމްބަރު 6 ވާ ހޯމަ ދުވަހުގެ 20:30 ގައި ރެހެންދި ސްކޫލުގައި ރެހެންދި އެވޯޑު ޙާސިލު ކުރެއްވި ފަރާތަތަކަށް އެވޯޑު ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރެހެންދި އެވޯޑު ޙާސިލުކޮށްފައިވާ ބޭފުޅުންނަކީ މަސައްކަތުގެ ދާއިރާއިން ޤައުމަށް އަދި މުޖުތަމަޢު އަށް އެތައް ޚިދުމަތެއް ކުރައްވާފައިވާ ބޭފުޅުންތަކެވެ. މި ގޮތުން 2020 ވަނަ އަހަރު ރެހެންދި އެވޯޑު ޙާސިލުކޮށްފައިވާ ފަރާތްތަކަކީ އިޖްތިމާޢީ ދާއިރާއިން ފާތިމަތު އިބްރާހިމް އަދި  އަލްއުސްތާޛާ މަރްޔަމް ޝުނާނާއެވެ. އަދާ ކުރައްވާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ ދާއިރާއިން ޢާއިޝަތު ޙުސެއިން މަނިކެ، އާމިނަތު އަމީނާ، އަލްއުސްތާޛާ ޙައްވާ ލަޠީފް، މިންހާ ފާއިޒު ރަޝާދު، ޝިފްޒާ މުސްތަފާއެވެ.

2021 ވަނަ އަހަރު ތަޢުލީމީ ދާއިރާއިން އަޙްމީމާ ލުޠުފީއެވެ. ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް) ދާއިރާއިން ޒީނިޔާ އަޙުމަދު ޙަމީދު އަދި އާމިނަތު ޝަހާ ހާޝިމްއެވެ. ހިލޭސާބަހަށް މަސައްކަތްކުރުމުގެ ދާއިރާއިން ނާދިޔާ ޢަބްދުލްޣަފޫރެވެ. ކުޅިވަރުގެ ދާއިރާއިން ޙައްވާ ރާމިޒާއެވެ. އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ ދާއިރާއިން ސާރޖަންޓް ފަސްޓް ކުލާސް ނަސްރީނާ ޙަސަންއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދާއިރާއިން ލ. ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ. އަދި އާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ފިރިހެނުންނާއި އަންހެނުންނަށް އެވޯޑު ހުށަހެޅޭ/ކުރިމަތިލެވޭ ދާއިރާއިން ޝިޔާމާ އަޙްމަދެވެ.

29 މުޙައްރަމް   1443

06 ސެޕްޓެމްބަރ 2021

 

Leave a Reply

Your email address will not be published. Required fields are marked *