2016 ވަނަ އަހަރު ތަސްދީޤުކޮށްފައިވާ ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އިކުއަލިޓީގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ހ) ދަށުން އެކުލަވައިލައިފައިވާ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) ތަންފީޛު ކުރުމަށްޓަކައި އެކުލަވާލާފައިވާ ”ހައިލެވެލް ސްޓިއަރިންގ ކޮމިޓީ“ ގެ ފުރަތަމަ ބައްދަލުވުން ބާއްވަވައި މި ކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮމިޓީގެ ބޭފުޅުންނާއި މަޝްވަރާ ކުރައްވައިފިއެވެ.
”ހައިލެވެލް ސްޓިއަރިންގ ކޮމިޓީ“ގެ ރިޔާސަތުގައި އިންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. އަދި މި ކޮމިޓީ ތަމްސީލުކުރައްވާ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިނިސްޓަރ އޮފް ފިނޭންސް، އެޓަރނީ ޖެނެރަލް، މިނިސްޓަރ އޮފް އެޑިއުކޭޝަން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްފަވަރމަންޓް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މިނިސްޓަރ އޮފް ހެލްތް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގެޒެކެޓިވް އޮފިސަރ އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންއެވެ.
ޤައުމީ ޖެންޑަރ އީކުއަލިޓީ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ޔޫ.އެން.ޑީ.ޕީ އަދި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއި އެކު ތައްޔާރުކުރެވިފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން (2026-2022) އަކީ މިންތީގެ ހަމަހަމަ ކަމާއި، ހަމަހަމަ ފުރުސަތުތަކާއި އަދުލުވެރިކަން އެންމެނަށް ފޯރުކޮށްދީ ކަށަވަރުކޮށްދޭ މުޖުތަމަޢެއް ބިނާކުރުމަށް ތަސައްވަރުކޮށް،5 ލަނޑުދަނޑިއެއް ޙާޞިލުކުރުމަށް އެކުލަވާލެވިފައިވާ އެކްޝަން ޕްލޭނެކެވެ. މިއަހަރުގެ ފެބުރުވަރީމަހުގެ 22 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ފާސްކޮށްދެއްވައިފައެވެ.
27 ނޮވެންބަރު 2022 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މިއެކްޝަން ޕްލޭން ތަންފީޒުކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރެވުނެވެ. އަދި ސްޓިއަރިންގ ކޮމިޓީގެ ހިންގާ ގަވާއިދު ފާސްކުރައްވާއި، 2023 ވަނަ އަހަރުގެ ވާކްޕްލޭންގެ ޚުލާސާއާއި ގުޅޭގޮތުން މަޝްވަރާކުރައްވާ، މޯލްޑިވިއަން ޖެންޑަރ އީކުއަލިޓީ މޮޑެލްގެ ސެޓްފިކޭޝަން ދޭނެ އުޞޫލު ފާސްކުރެއްވުނެވެ.
4 ޖުމާދަލްޢޫލާ 1444
28 ނޮވެންބަރު 2022