ސަރުކާރުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ތިން ކުންފުނިން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު އިތުރުވެފައިވާތީ، ކުދިންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިނިސްޓްރީއިން ދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިނިސްޓްރީއާއެކު އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އަދި މޫކައި ހޮޓެލްސްއިން މިއަދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ ދެ ކުންފުނިން ވަނީ މިނިސްޓްރީގެ ދަށުން ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވަތީގައި ދިރިއުޅޭ 10 އަހަރުން ދަށުގެ 94 ކުދިންނާއެކު މަސައްކަތްކުރުމަށް 1 އަހަރު ދުވަހުގެ މުއްދަތަކަށް އިތުރު 2 ކެއަރވާރކަރުން ސްޕޮންސަރ ކޮށްދެއްވާފައެވެ.
މީގެ އިތުރުން، މިނިސްޓްރީއިން ވަނީ ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ޙާއްސަ މުނިފޫހިފިލުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ސެންޗޫރިއަން ޕަބްލިކް ކޮމްޕެނީއާއެކުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން، ސެންޗޫރިއަންއިން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 10 އަހަރާއި 18 އަހަރާއި ދެމެދުގެ 66 ކުދިންނަށް މަހަކު 1 ފަހަރު މަސްދަތުރުތަކެއް އިންތިޒާމުކޮށްދެއްވާނެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ހިންގާ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް، މޫކައި ހޮޓެލްސް އަދި ސެންޗޫރިއަން ޕަބްލިކް ކޮމްޕެނީއިން ސީދާ އެހީތެރިވެދެއްވާކަން ފާހަގަކޮށް އެ ކުންފުނިތަކަށް މިނިސްޓްރީގެ ފަރާތުން ޝުކުރު ދަންނަވަމެވެ. އަދި، މުސްތަޤްބަލުގައިވެސް ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް އިތުރު ފުރުސަތުތައް ފަހުކޮށްދިނުމަށްޓަކައި ޕާޓްނަރޝިޕް އުސޫލުން ސަރުކާރުގެ އެކި ވުޒާރާތަކާ، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ، ކުންފުނިތަކާ ގުޅިގެން މިނިސްޓްރީއިން ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ގަސްތުކުރަމެވެ.
27 އެޕްރީލް 2017