ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ރަށްރަށުގައި ބާއްވާ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ކުރިއަށްގެންދާނެ ފެސިލިޓޭޓަރުން ތަމްރީނުކުރުމަށް ހިންގަމުން އައި ޓްރެއިނިންގ ޕްރޮގްރާމް ހުރިހާ އަތޮޅެއްގައި ކުރިއަށްގެންގޮސް ނިމިއްޖެއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި މި ޕްރޮގްރާމް ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންގޮސް ނިމުނު އިރު   165 ރަށަކުން 429 މީހުން ވަނީ ތަމްރީނުކޮށްފައެވެ.

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ފެސިލިޓޭޓަރުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް މިނިސްޓްރީގެ ފަރާތުން ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ. މި ރަސްމިއްޔާތު އޮތީ ބ. އަތޮޅުގެ ރަށްރަށަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމަށް ފަހު އޭދަފުށީގައެވެ. މި ރަސްމިއްޔާތުގައި މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ޙަސަން އާއި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒް ގިލާނީ ބައިވެރިވެވަޑައިގެންފައިވެއެވެ.

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން އަތޮޅުތަކުގައި މި މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމްގެ މަޤްސަދަކީ ގެވެށި އަނިޔާ އަދި ޢާއިލީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރަށްރަށުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ކުރިއަށްގެންދާނެ މީހުން ތަމްރީނުކުރުމެވެ. މިގޮތުން ކޮންމެ އަތޮޅެއްގައިވެސް، ހުރިހާ ރަށަކަށް އަމާޒުކޮށްގެން ދެ ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް މި މިނިސްޓްރީގެ ފަރާތުން ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްތަކުގައި، ގެވެށި އަނިޔާ އަކީ ކޮބައިކަމާއި، އަނިޔާ ހިނގާ ގޮތާއި، އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރާއި، އަނިޔާ ލިބޭ މީހަކު ދެނެގަންނާނެ ގޮތްތަކާއި، އަނިޔާ ލިބޭ މީހަކަށް އެހީތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަމާއި އަދި، އަނިޔާ ލިބޭ މީހުންނަށް ރާއްޖޭގައި ފޯރުކޮށްދެވޭ ޚިދުމަތްތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ޢާއިލާގެ ތެރޭގައި މައްސަލަތައް ކުރިމަތިވާން މެދުވެރިވާ ސަބަބުތަކާއި، އެފަދަ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އިތުރުން ޢާއިލީ ގުޅުން ބަދަހިކުރުމަށްޓަކައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ޓްރެއިނިންގ ޕްރޮގްރާމްގައި މައުލޫމާތު ބަދަލުކޮށްފައިވެއެވެ.

ގެވެށި ގުޅުން ކެމްޕެއިން އަކީ ގެވެށި އަނިޔާ އާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު މި މިނިސްޓްރީގެ ފަރާތުން ފެށި ކެމްޕެއިނެކެވެ. ކެމްޕެއިންގެ ވަކިވަކި މަގްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ހިމެނެ އެވެ.

މި ކެމްޕެއިންގެ ދަށުން މިހާތަނަށް އައިއިރު ގިނަ ހަރަކާތްތަކެއް މިނިސްޓްރީގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވީޑިއޯ ލަވަ، ޓީވީ ޕްރޮގްރާމް ސީރީސް، ރޭޑިއޯ ޑްރާމާ ސީރީސް، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، ބިލްބޯޑް، މަޖައްލާ، ބުކްލެޓް އަދި ލީފްލެޓް ފަދަ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ގެވެށި ގުޅުން ކެމްޕެއިނަކީ ސަރުކާރުގެ ބަޖެޓުންނާއި، ޕާކިސްތާނު ސަރުކާރުން ފޯރުކޮށްދީފައިވާ ހިލޭ އެހީން ޚަރަދުކޮށްގެން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

Leave a Reply

Your email address will not be published. Required fields are marked *