އޮގަސްޓު 2018ގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ޖުމުލަ 193 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ
- ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 89 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިއީ އޮގަސްޓު މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 46 އިންސައްތައެވެ.
- މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ. މި ގޮތުން މި ބާވަތުގެ 26 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
- މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ ހާނީއްކައިގެ 20 މައްސަލަ، އިހުމާލުވުމުގެ 18 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 8 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 6 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ 4 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 4 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 2 މައްސަލަ އަދި ނަހަމަ ގޮތުގައި ވިޔަފާރު ފައިދާއަށް ބޭނުންކުރުމުގެ 1 މައްސަލަ ހިމެނެއެވެ.
ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން
- ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 2 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. އެއީ ތަޢުލީމަށް ހުރަސް އެޅުމުގެ 2 މައްސަލައެވެ.
ޢާއިލީ މައްސަލަތައް
- ޢާއިލީ 29 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މިއީ އޮގަސްޓު 2018ގައި ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ޖުމުލަ 15 އިންސައްތައެވެ.
- މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 21 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 6 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 2 މައްސަލަ ހިމެނެއެވެ.
ކުށް ކުރާ ކުޑަކުދިން
- އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 8 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
- މި ފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރި ހިންގުމުގެ 3 މައްސަލައާއި ވައްކަންކުރުމުގެ 1 މައްސަލަ އަދި ތަންތަނަށާއި ތަކެއްޗަށް ގަސްދުގައި ގެއްލުންދިނުމުގެ 1 މައްސަލަ ހިމެނެއެވެ.
ކުޑަކުދިންގެ އަޚުލާޤީ މައްސަލަތައް
- ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 13 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.
- މި ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 6 މައްސަލަ، ގަނާކުރުމާއި ފުރައްސާރަކުރުމުގެ 3 މައްސަލަ އަދި ގެއިން ނުކުމެގެން ދިޔުމުގެ 1 މައްސަލަ ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ
- ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 33 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
- މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 12 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.
- މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 7 މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ 4 މައްސަލަ، ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ 3 މައްސަލަ، އިހުމާލުވުމުގެ 2 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 2 މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ 1 މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ، މާލީ އަދި އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
- އެއީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 10 މައްސަލައަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 3 މައްސަލައެވެ.
އަމިއްލަ ނަފުސަށް ގެއްލުން ދިނުން
- އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 6 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.
17 މުޙައްރަމް 1440
27 ސެޕްޓެންބަރު 2018