ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި މެޑިކަލް ޔުނިޓެއް ގާއިމުކޮށްފި

ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މެޑިކަލް ޔުނިޓެއް ގާއިމުކޮށްފިއެވެ.

މެޑިކަލް ޔުނިޓު ރަސްމީކޮށް ހުޅުވައިދެއްވީ ފިޔަވަތީގައި މިއަދު ކުރިއަށް ދިޔަ ކުޑަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދީ، އެ ކުދިންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށެވެ. އަދި މި ފަދަ މެޑިކަލް ޔުނިޓެއް ފިޔަވަތީގައި ގާއިމުކުރެވިގެންދިޔުމަކީ، މި ދާއިރާއިން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއްކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މެޑިކަލް ޔުނިޓުގައި ނަރުހުން ޑިއުޓީގެ އުސޫލުން ޚިދުމަތްދެއްވަމުން ގެންދަވާނެއެވެ. އަދި ޢާންމު ބަލިތަކާއި، އެނދުމަތިކޮށްގެން ދެވޭ ފަރުވާއާއި، ހެލްތު ސްކްރީނިންގ ހެދުމަށް ބޭނުންވާ ވަސީލަތްތައް މި ޔުނިޓުގައި ވަނީ ގާއިމުކުރެވިފައެވެ. މީގެ އިތުރުން، އައި.ވީއާއި، ބޭސްއެޅުމާއި، ބައެއް ޑަކްޓަރީބޭހުގެ ޚިދުމަތް ވެސް މި ޔުނިޓުން ލިބެން ހުންނާނެއެވެ.

މީގެ ކުރިން، މި ފަދަ ޚިދުމަތްތައް ފޯރުކޮށްދެމުންދިޔައީ ފިޔަވަތީގައި ގާއިމުކުރެވިފައިވާ މެޑިކަލް ރޫމަކުންނެވެ.

މެޑިކަލް ޔުނިޓު ގާއިމުކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާއި މަލަހިނި ކުޑަ ބަންޑޮސްގެ ފަރާތުން އެހީތެރިކަން ދެއްވައިފައިވެއެވެ.

ފިޔަވަތީގައި މި ވަގުތު 12 އަހަރުން ދަށުގެ ޖުމުލަ 91 ކުދިން ދިރިއުޅެމުންދެއެވެ.

10  މުޙައްރަމް  1440

20 ސެޕްޓެންބަރު 2018

Leave a Reply

Your email address will not be published. Required fields are marked *