ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ލޯންޗުކޮށްފި

2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން 22 މާރިޗް 2022 ގައި ބޭއްވި ޖަލްސާގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ލޯންޗް ކޮށްދެއްވައިފިއެވެ.

2016 ވަނަ އަހަރު ތަސްދީޤުކުރެވިފައިވާ ޤާނޫނު ނަންބަރު 2016/18 ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލެވުނު ޤައުމީ ޖެންޑަރ އީކުއަލިޓީ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ޔޫ.އެން.ޑީ.ޕީ އަދި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއި އެކު ތައްޔާރުކުރެވިފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން (2022 -2026) އަކީ މިންތީގެ ހަމަހަމަ ކަމާއި، ހަމަހަމަ ފުރުސަތުތަކާއި އަދުލުވެރިކަން އެންމެނަށް ފޯރުކޮށްދީ ކަށަވަރުކޮށްދޭ މުޖުތަމައެއް ބިނާކުރުމަށް ތަސައްވަރުކޮށް، އެކުލަވާލެވިފައިވާ 5 އަހަރު ދުވަހުގެ އެކްޝަން ޕްލޭނެކެވެ.

ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން އިން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަކީ:

ޕޮލިސީ ގޯލް 1: ލީޑަރޝިޕް އެންޑް ގަވަރނަންސް

  • ކަންކަން ނިންމާ ފެންވަރުގައި އަދި ގަވަރނަންސްގައި އަންހެނުންނާއި ފިރިހެނުންނަގެ ހަމަހަމަ ބައިވެރިވުން ކަށަވަރުކުރުން

ޕޮލިސީ ގޯލް 2: އިކޮނޮމިކް އެމްޕަވަރމަންޓް

  • ޤައުމުގެ އިޤްތިޞާދީ ތަރައްޤީގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ބައިވެރިވުން ކަށަވަރުކޮށް، އިޤްތިޞާދީ ބައިވެރިވުމާއި ބާރުވެރިވުމުގެ ފުރިހަމަ މަންފާ ހަމަހަމގޮތެއްގައި ލިބޭކަން ކަށަވަރުކުރުން.

ޕޮލިސީ ގޯލް 3: އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ

  • އަންހެނުންނާއި ފިރިހެނުން އަދި އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ވަކިވަކި ބޭނުންތައް ދެނެގަނެ އެކަންކަމަށް ރިޢާޔަތްކޮށް މަސައްކަތްކުރުމަށް ސަރުކާރުގެ މުއައްސަސާތަކާއި ނިޒާމުތައް އިތުރަށް ރަނގަޅުކޮށް މުޖުތަމަޢު ހަރުދަނާކުރުން.

ޕޮލިސީ ގޯލް 4: އެލިމިނޭޝަން އޮފް ޖެންޑަރ ބޭސްޑް ވަޔަލެންސް

  • ދިވެހިރާއްޖޭގެ އާއިލާތަކަކީ ގޭތެރޭގެ އަމިއްލަ އަމާންކަމުން ފައިދާލިބިގަނެ، އަންހެނުން، ފިރިހެނުން އަދި ކުޑަކުދިންނަށް ކުރާ އަނިޔާއިން ސަލާމަތްވެތިބެވޭ ބައެއްކަން ޔަގީންކުރުން.

ޕޮލިސީ ގޯލް 5: އެކްސެސް ޓު ޖަސްޓިސް

  • އަންހެނުންނާއި ފިރިހެނުން އަދި އަންހެން ކުދިނާއި ފިރިހެން ކުދިން ހަމަހަމަ ގޮތެއްގައި އަދުލު އިންސާފަށް ފަހިކޮށްދީ، ހަރުދަނާ ހައްލުތަކެއް އަދި ބަދަލު ލިބޭނެކަން ޔަގީންކުރުން.

މި އެކްޝަން ޕްލޭން ތަންފީޒުކުރެވިގެންދިޔުމުން، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ތެރެއިން ޚާއްސަގޮތެއްގައި އަންހެނުންނަށް ކުރާ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭ މުޢާހަދާ ’ސީޑޯ‘ އާއި ބެއިޖިންގ ޕްލެޓްފޯމް ފޮރ އެކްޝަން އަދި މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީ) ކާބިޔާބުކަމާއެކު ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ބިނާވެގެންވަނީ 5 ޕޮލިސީ ގޯލްގެ މައްޗަށެވެ.

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންވަނީ މިއަހަރުގެ ފެބުރުވަރީމަހުގެ 22 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްދެއްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޗެއަރޕަރސަންގެ ގޮތުގައި ހުންނަވާ ގޮތަށް “ހައިލެވެލް ސްޓިއަރިންގް ކޮމިޓީ”ގެ ނަމުގައި ޚާއްސަ ކޮމިޓީއެއް ޝޯޝަލް ކައުންސިލްގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ މާރިޗުމަހުގެ 21 ވަނަ ދުވަހުގައެވެ. ލާމަރުކަޒީ އުސޫލުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ގުޅިގެން އަންހެނުން ބާރުވެރިކުރުމަށް އަދި އެކްޝަން ޕްލޭން ތަންޒީފުކުރުމަށްޓަކައި ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރތައް ހިންގުމާއި ޙަވާލުވެތިއްބެވި ފަރާތްތަކާއި، ފަންނީ މުވައްޒަފުން ވަނީ މި ހިނގާ މާރިޗު މަހު ޓްރެއިނިންގް އޮފް ޓްރެއިނަރޒް (ޓީއޯޓީ) އެއް ހިންގައި ތަމްރީންކޮށްފައެވެ. އެފަރާތްތަކުން ދަނީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ރަށުފެންވަރުގައި ތަންފީޒުކުރުމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށް މަސައްކަތްތައް ރާވާ ހިންގަމުންނެވެ.

20 ޝައުބާން 1443

23 މާރިޗް 2022

Leave a Reply

Your email address will not be published. Required fields are marked *