ޖީ.އީ.އޭ.ޕީ ލާމަރުކަޒީ އުސޫލުން ތަންފީޒުކުރުމަށް އެފް.ސީ.އެސް.ސީތަކުގެ ދައުރު ވަރަށް ބޮޑު: ޒިފްލީނާ

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) ލާމަރުކަޒީ އުސޫލުން ތަންފީޒުކުރުމަށް ފެމިލީ އެންޗް ޗިލްޑްރަން ސަރވިސަސް ސެންޓަރ (އެފް.ސީ.އެސް.ސީ) ތަކުގެ ދައުރު ވަރަށް ބޮޑު ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން ވިދާޅުވެއްޖެއެވެ.

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް ދެއްވުމާއި ގުޅިގެން ލާމަރުކަޒީ އުޞޫލުން އެޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ދިނުމުގެ މަޤްޞަދުގައި އައްޑޫ ސިޓީގެ މުއައްސަސާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޒިފްލީނާ ވިދާޅުވީ ޖީ.އީ.އޭ.ޕީ ތަންފީޒުކުރުމުގައި ޚާއްސަކޮށް ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއިއެކު މަސައްކަތް ކުރުމުގައި އެފް.ސީ.އެސް.ސީތަކުން ވިލަރެސްކޮށް މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

މި ހަރަކާތްތައް ފަރުމާކޮށް ހިންގާއިރު މި ޕްރޮގްރާމުގައި ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، ދެމެހެއްޓެނެވި ނަތީޖާއެއް ނެރެވޭ ކަހަލަ ހަރަކާތްތައް ރާއްވަވައި ހިންގެވުމަކީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައި އެކުލެވިގެންވާ ސިޔާސަތުތަކަށް ލިބިފައިވާ 5 އަހަރުގެ މުއްދަތުގެ ތެރޭގައި ޙާސިލްވެގެން ދިއުމުގެ މަގު ތަނަވަސްވެގެންދާނެ ކަމެއްކަން ކަށަވަރު ކަމަށް ސްޓޭޓް މިނިސްޓަރ ޒިފްލީނާ ވިދާޅުވިއެވެ.

އަދި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ޗެއަރ ކުރައްވާ ގޮތަށް ހައި ލެވެލް ސްޓިއަރިން ކޮމިޓީއެއް އުފައްދަވާފައިވުމަކީ ޖީ.އީ.އޭ.ޕީ ތަންޒީފީ މަރުހަލާ ހަރުދަނާ ކަމާއި އެކު ކުރިއަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް ސްޓޭޓް މިނިސްޓަރ ޒިފްލީނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި އައްޑު އަތޮޅުގެ ސިޓީ ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ، އަދި އައްޑޫގެ ހުރިހާ ރަށެއްގެ ސިއްޚީ މަރުކަޒުތަކާއި ސްކޫލްތަކުގެ ބައިވެރިވުން ހިމެނޭގޮތައް މި ޕްރޮގްރާމު ކުރިއަށް ގެންދެވުމަކީ މިޕްރޮގްރާމްގެ މަޤްޞަދު ޙާސިލްކުރުމަށް ލިބުނު ބާރެއް ކަމަށް ވިދާޅުވަމުން ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި މުޢައްސަސާތަކުން މައި ދައުރެއް އަދާކޮށްދެއްވައި ކަމިޔާބު މަސައްކަތަކަށް ހައްދަވައިދެއްވުމަށް އުއްމީދުކުރައްވާ ކަމަށްވެސް ސްޓޭޓް މިނިސްޓަރ ޒިފްލީނާ ވިދާޅުވިއެވެ.

 “އަދި، މި ޕްރޮގްރާމުގައި ބަރިވެރިންގެ ފަރާތުން މި މަސައްކަތް ކުރުމަށް ހުރި ޝައުގުވެރިކަން ފެނުމަކީ މި މަސައްކަތް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދެވޭނެ ކަމުގެ ދިރިހުރި ހެއްކެއް. އަދި ލިބިގެންދިޔަ ހިތްވަރެއް. އަޅުގަނޑު އެދެނީ ތިޔަ ޝައިޤުވެރިކަމަށް އުނިކަމެއް ނުގެނެސް މިމަސައްކަތުގައި ދެމި ތިއްބަވައި، ނަތީޖާއަކާ ހަމައަށް ވާސިލްވުމަށް ހުރިހާ ބޭފުޅުން ގުޅިގެން މަސައްކަތް ކުރުމުގައި ސާބިތުވެ ތިއްބެވުން.” ސްޓޭޓް މިނިސްޓަރ ޒިފްލީނާ ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މިޕްރޮގްރާމްގެ ފުރަތަމަ ދުވަސް އަމާޒުކޮށްފައިވަނީ މިންތީގެ މަހްފޫމްތައް ކިޔައިދީ ޖެންޑަރ ސެންސިޓައިޒޭޝަންގެ ބައި އަދި މީގެ އިތުރުން، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ވުޖޫދަށް ގެނައުމުގެ ބޭނުމާއި މަޤްޞަދު އަދި އެކްޝަން ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންހުރި ކަންކަން ކިޔައިދީ އަހުލުވެރިކުރުވުމަށެވެ. އަދި ހަމަ އެއާއެކު ޖެންޑަރގެ ނަޒަރިއްޔާތުން ޕްރޮގްރާމްތައް ރޭވުމުގެ މުހިންމުކަމާއި ދެޖިންސުގެ ބޭނުމާއި ތަޖުރިބާ އާއި ހުނަރު މައުނަވީ ބޭނުމެއްގެ ތެރެއިން ގެނައުމުގެ މުހިންމުކަން ކޭސް ސްޓަޑީޒްތައް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވެއެވެ.

16 ޛުލްގައިދާ 1443

15 ޖޫން 2022

Leave a Reply

Your email address will not be published. Required fields are marked *