ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަލަށް އިންތިޚާބުވި ކައުންސިލަރުންނާއި މެންބަރުން މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ދެންނެވުން

މިއަދަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ނުހަނު ތާރީޚީ ދުވަހެކެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 8 ވަނަ އިޞްލާޙާއިއެކު އައި މުހިންމު ބަދަލުތަކަށްފަހު އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު ކައުންސިލަރުން، ވަކިން ޚާއްސަކޮށް މި އިޞްލާޙުގެދަށުން ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ %33 އަންހެނުންނަށް ޚާއްސަކުރެވި، އެގޮތުގެމަތިން އިންތިޚާބު ކުރެވުނު އަންހެން ކައުންސިލަރުން މަޤާމާއި ހަވާލުވެވަޑައިގެންނެވި ދުވަހެވެ. މި ތާރީޚީ ދުވަހު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަޤާމުތަކަށް އިންތިޚާބުވެވަޑައިގެން މަޤާމާ ހަވާލުވެވަޑައިގެންފައިވާ ކައުންސިލަރައުންނާއި، ކޮމިޓީ ތަކުގެ މެންބަރުންނަށް ތަހުނިޔާއާ މުބާރަކްބާދީ އަރިސްކުރަމެވެ.

އަންހެނުންނަކީ އާބާދީގެ ދެބައިކުޅަ އެއްބައި ކަމުގައިވީ ހިނދު، ސިޔާސީ މައިދާނުގަޔާއި މުޖުތަމަޢުގެ ބޮޑެތި ނިންމުންތައް ނިންމުމުގައި ދެޖިންސުގެ ބައިވެރިވުން ފުރިހަމައަށް ތަމްސީލް ކުރުމަށްޓަކައި އަންހެނުންނަށް އިތުރު ފުރުޞަތުތައް ކަށަވަރުކޮށްދީ، ބާރުވެރިކުރުވުން މުހިންމެވެ. ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގައި އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ޚާއްޞަކުރުމަކީ ރަށުގެ ތަރައްޤީއާ ކުރިއެރުމަށް ކުރެވޭ މަސައްކަތުގައި އަންހެނުންގެ ޚިޔާލާއި ފިކުރު އަދި ތަޖުރިބާ ހިމެނޭނެކަން ކަށަވަރުކުރުމަށް ގެނެވުނު މުހިންމު ބަދަލެކެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތަސައްވުރު ކުރިޔަށްވުރެ ފުޅާވުމަކީ އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށް ލިބިގެންދާ އިތުރު ބާރެކެވެ. މިގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އުޖޫރައެއް ކަނޑައެޅިގެންދިއުމާއެކު، ކޮމިޓީތަކުގެ މަސައްކަތްކުރުމަށް ޖާގައާއި ވަސީލަތްތައްވެސް ލިބިގެންދާނެކަމުގައި އުންމީދުކުރަމެވެ.

މިގެނެވުނު ހެޔޮ ބަދަލާއެކު މުޖުތަމަޢުގެ ކުރިއެރުމާއި ތަރައްޤީގައި އަންހެނުންގެ ބައިވެރިވުމާއި ހަރަކާތްތެރިވުން އިތުރުވެގެންދާނެކަމުގައި އުންމީދުކުރަމެވެ. މުޖުތަމަޢުގެ ދެމެހެއްޓެނިވި ތަރައްޤީއާ ލާބައަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާށިއެވެ. އާމީން.

 

5 ޝައްވާލް 1442

17 މެއި 2021

Leave a Reply

Your email address will not be published. Required fields are marked *