ސަރުކާރުގެ ބެލުމުގެ ދަށުގައި ފިޔަވަތި މަރުކަޒުގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ދެ ކުންފުނިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ސަރުކާރުގެ ބެލުމުގެ ދަށުގައި ފިޔަވަތި މަރުކަޒުގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ދެ ކުންފުނިން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު އިތުރުވެފައިވާތީ، ކުދިން ބިނާކުރުމަށާއި އެހެން ކުދިންނެކޭ އެއްފަދަ ހަމަހަމަ ފުރުސަތުތައް މަގުފަހިކޮށްދިނުމަށްޓަކައި މިނިސްޓްރީއާއެކު ސްޓޭޓް ޓްރޭޑީންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.) އާއި އުރީދޫ މޯލްޑިވްސްއިން މިއަދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ ދެ ކުންފުނިން ވަނީ ފިޔަވަތީގައި މަސައްކަތްކުރާނެ 2 ޓީޗަރުންނާއި 2 ކެއަރވާރކަރުން 1 އަހަރު ދުވަހުގެ މުއްދަތަށް ސްޕޮންސަރ ކޮށްދެއްވާފައެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަކީ އެކި ބާވަތުގެ އަނިޔާއާއި އިހުމާލު ތަހައްމަލުކުރަންޖެހިފައިވާ ކުދިންކަމުގައިވާތީ، ކުދިންގެ އަސާސީ ބޭނުންތައް ފުރިހަމަކޮށްދިނުމުގެ އިތުރުން ތަފާތު ދާއިރާތަކުން އެކުދިންނަށް އިތުރު އެހީތެރިކަން ބޭނުންވެއެވެ. މިގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ފިޔަވަތީގައި ހިންގާ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކާ ސްޓޭޓް ޓްރޭޑީންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.) އާއި އުރީދޫ މޯލްޑިވްސްއިން ކުދިންނަށް ސީދާ އެހީތެރިވެދެއްވާކަން ފާހަގަކޮށް އެ 2 ކުންފުންޏަށް މިނިސްޓްރީގެ ފަރާތުން ޝުކުރު ދަންނަވަމެވެ.

އަދި، ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް އިތުރު ފުރުސަތުތައް ފަހުކޮށްދިނުމަށްޓަކައި ޕާޓްނަރޝިޕް އުސޫލުން ސަރުކާރުގެ އެކި ވުޒާރާތަކާ، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ، ކުންފުނިތަކާ ގުޅިގެން މިނިސްޓްރީއިން ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ގަސްތުކުރަމެވެ.

22 ފެބްރުއަރީ 2017

Leave a Reply

Your email address will not be published. Required fields are marked *