ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި ގުޅުމުގެ މުހިއްމުކަމާއި ގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި ފަށައިފި

ފުވައްމުލަކު ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި، ސްކޫލް ތަކުގެ ލިއޭޒަން އޮފިސަރުން އަދި ފުވައްމުލަކު ސިޓީ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި ގުޅުމުގެ މުހިންމު ކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފުވައްމުލަކުގައި މިއަދު ފަށައިފިއެވެ.

މި ސެޝަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 03 ދަންފަޅި އަކަށް ބަހާލައިގެންނެވެ. އަދި ސެޝަންތަކުގައި މަޢުލޫމާތު ދެއްވާނީ ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންނެވެ.މި ސެޝަންގެ މައިގަނޑު މަގްސަދަކީ އަންހެނުންގެ ހައްޤުތަކާއި މިންތީގެ ހަމަހަމަކަން އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމެވެ.ގެވެށި އަނިޔާގެ މައްސަލަތަކަކީ މުޖުތަމަޢުގައި އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ބޮޑު އެއް މައްސަލަ ކަމަށް ވާއިރު، ޖުމްލަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ޙައްލަކީ އަންހެނުން ބާރުވެރިކުރުވުމެވެ.

އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހިންގޭ 16 ދުވަހުގެ ހަރަކާތްތައް އެއީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25ން ފެށިގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ހަރުދަނާކޮށް އަދި މި ފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި އިތުރަށް ކުރެވެން ހުރި ކަންތައްތައް ދެނެގަތުމުގެ މަޤްސަދުގައި ހިންގާ ކެމްޕެއިނެކެވެ.

01 ޖުމާދަލްއޫލާ 1443

06 ޑިސެމްބަރު   2021

Leave a Reply

Your email address will not be published. Required fields are marked *