ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކާއި ވަކި ޖިންސަކަށް ނިސްބަތްވީތީ އަނިޔާ ލިބޭ ފަރާތްތަކަށް ހިމާޔަތް ފޯރުކޮށްދޭ ބޫޓާންގެ އަމާންހިޔާއަކަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޒެނިޝާ ޝަހީދު ޒަކީ، ޒިޔާރަތްކުރައްވައިފި

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކާއި ވަކި ޖިންސަކަށް ނިސްބަތްވީތީ އެކި ބާވަތުގެ އަނިޔާ ލިބޭ ފަރާތްތަކަށް ހިމާޔަތް ފޯރުކޮށްދިނުމަށް ބޫޓާންގެ ވެރިރަށް ތިމްޕޫގައި ޤާއިމްކޮށްފައިވާ އަމާންހިޔާއަކަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޒެނިޝާ ޝަހީދު ޒަކީ، ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި، މިދާއިރާއާ ގުޅޭގޮތުން ބޫޓާންއިން ކުރަމުންގެންދާ މަސައްކަތްތަކާބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށާއި މި ސަރަހައްދުގައި އަމަލުކުރަމުންދާ ‘ބެސްޓް ޕްރެކްޓިސް’ އުސޫލުތައް ދެނެގަތުމަށްޓަކައި، އަމާންހިޔާގެ ވެރިންނާއި މުވައްޒަފުންނާ މިނިސްޓަރ ޒެނީޝާ ބައްދަލުކުރެއްވިއެވެ. އަދި ހިޔާގައި ދިރިއުޅުއްވާ ފަރާތްތަކަށް އެކިއެކި ހުނަރާއި ތަމްރީންތައް ދަސްކޮށްދޭ ކްލާސްރޫމްތައް މިނިސްޓަރ ޒެނީޝާ ބައްލަވާލައްވައި، ހިޔާގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

މިނިސްޓަރ ޒެނީޝާ ޒިޔާރަތްކުރައްވާފައިމިވާ އަމާންހިޔާ އަކީ، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ބޫޓާންގެ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ “ރިނިއު” ގެ ފަރާތުން ހިންގާ ހިޔާއެކެވެ.

މިނިސްޓަރ ޒެނީޝާގެ ބޫޓާންއަށް ކުރައްވާ މިދަތުރުފުޅަކީ، 2010 ވަނަ އަހަރު ސާކްގެ އެޕެކްސް ބޮޑީއެއްގެ ގޮތުގައި ޤާއިމްކުރެވުނު “ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން” (ސައިވާކް) ގެ ފަރާތުން އިންތިޒާމްކޮށްގެން ބޫޓާންގެ ވެރިރަށް ތިމްޕޫގައި މި ދެ ދުވަހު ކުރިއަށް ގެންދާ ރީޖަނަލް ކޮންސަލްޓޭޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މި ރީޖަނަލް ކޮންސަންޓޭޝަންގެ މަޤްސަދަކީ، ސައިވާކް އާއި ސައުތު އޭޝިއާ ކޯޑިނޭޓިންގ ގްރޫޕް އޮން އެކްޝަން އަގެއިންސްޓް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން (އެސްއޭސީޖީ) ގުޅިގެން، ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ކަމާގުޅުންހުރި ފަރާތްތަކުގެ މެދުގައި، ސަސްޓެއިންނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ 8.7) ނުވަތަ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ޙާސިލްކުރުމަށްޓަކައި ސަރަޙައްދީ ފެންވަރުގައި ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން މަސައްކަތްކުރާނެގޮތްތައް ދެނެގަނެ މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

 

20 ޖުލައި 2016

Leave a Reply

Your email address will not be published. Required fields are marked *