ތަޙައްމުލުކުރަމުންދާ އަނިޔާއެއް ރިޕޯޓުކޮށް، ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރާ އަންހެނުންނަކީ ވަރަށް ހިތްވަރުގަދަ ބައެއްކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވެއްޖެ

ތަޙައްމުލުކުރަމުންދާ އަނިޔާއެއް ރިޕޯޓުކޮށް، ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރާ އަންހެނުންނަކީ ވަރަށް ހިތްވަރު ގަދަ ބައެއްކަމަށާއި، އެ މީހުންގެ ސަބަބުން އެފަދަ ހާލަތުތައް ދިމާވާ އެހެން ފަރާތްތަކަށް ހިތްވަރުލިބިގެންދާކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ މިއަދު ވިދާޅުވެއްޖެއެވެ.

އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ކޮންމެ އަހަރަކުވެސް ނޮވެންބަރު 25އިން ޑިސެންބަރު 10އަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ “16 ޑޭސް އޮފް އެކްޓިވިޒަމް”ގެ ހަރަކާތް ފާހަގަކުރުމުގެގޮތުން ޕަބްލިކް ސަރވިސް މީޑިއާއަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ ޒެނީޝާ ވިދާޅުވީ، އަނިޔާ ލިބެމުންދާ އަންހެނުންނަށާއި އަންހެން ކުދިންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދީ، އެފަދަ މައްސަލަތައް ރިޕޯޓުކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ.

މިނިސްޓަރ ޒެނީޝާ ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް މިބާވަތުގެ މައްސަލަތައް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ކޮންމެ މަހަކުވެސް ހުށަހަޅަމުންދާކަމަށެވެ. މިގޮތުން، މިނިސްޓްރީއަށް ރިޕޯޓްކުރާ ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގެވެށި އަނިޔާ ނުވަތަ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އަނިޔާގެ ޝިކާރައަކަށްވާ އަންހެންކުދިންނާއި އަންހެނުންގެ އަދަދު ނިސްބަތުން ގިނަކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 15 އަހަރާއި 49 އަހަރާއި ދެމެދުގެ ކޮންމެ 3 އަންހެނަކީ، މަދުވެގެން އެއް ފަހަރު އަނިޔާއެއް ތަޙައްމުލުކޮށްފައިވާ މީހެއްކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، އަންހެންކުދިންނާއި އަންހެނުން ބާރުވެރިކުރުމަކީ ސަރުކާރުގެ އެއް އަމާޒުކަމަށް ފާހަގަކުރައްވައި، އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ދާއިރާތަކުގައި އަންހެނުން ހިއްސާ އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މި ދާއިރާތަކަށް އަމާޒުކޮށްގެން، ޚާއްސަގޮތެއްގައި މަތީ ފަންތީގެ މަޤާމުތަކުގަޔާއި، އަންހެނުންގެ ޙިއްޞާ މަދު ދާއިރާތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ. 

މިއަހަރުގެ “16 ޑޭސް އޮފް އެކްޓިވިޒަމް” ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީގެ ފަރާތުން ދަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޚާއްޞަ ސޯޝަލް މީޑިއާ ކެމްޕޭނެއް ހިންގުމުގެ އިތުރުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާ ގުޅިގެން ޕެނަލް ޑިސްކަޝަނެއްވަނީ މިއަދު ޕަބްލިކް ސަރވިސް މީޑިއާގައި ކުރިއަށް ގެންގޮސްފައެވެ. އަދި، އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ގިނަ ފަހަރަށް ގޭތެރޭގައި ހިނގާ މައްސަލަތައްކަމަށްވާތީ، އެކަމާ ގުޅޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކ.އަތޮޅުގެ 2 ރަށެއްގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް، މިމުއްދަތުގެ ތެރޭގައި “ޑޯ-ޓު-ޑޯ” ހަރަކާތެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

07 ރަބީޢުލްއައްވަލް 1439

25   ނޮވެންބަރު  2017

Leave a Reply

Your email address will not be published. Required fields are marked *