ދުނިޔޭގެ “ސޯޝަލް ވަރކް” ދުވަސް 2021

ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ތިންވަނަ ހަފުތާގެ އަންގާރަ ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ‘ސޯޝަލް ވަރކް” ގެ ނަމުގައި އިޖުތިމާޢީ ޚިދުމަތް ދިނުމުގެ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ފާހަގަކުރާ ދުވަހެވެ. އެގޮތުން މި ދުވަސް މި އަހަރު މި ފާހަގަކުރަނީ މާރިޗު މަހުގެ 16ވަނަ ދުވަހުގައެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އިޖުތިމާޢީ ޚިދުމަތްދިނުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އިޖުތިމާޢީ ޚިދުމަތްތެރިން އަމާން ރައްކާތެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ކާމިޔާބީތައް ފާހަގަކޮށް ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގައްޔާއި އިޖުތިމާޢީ ޢަދާލަތާއި އިންސާނީ ޙައްޤުތައް ދިފާޢުކުރުމުގައި އިޖުތިމާޢީ ޚިދުމަތްތެރިން ކުރަމުންގެންދާ ބުރަ މަސައްކަތްތައް ޢާންމު ފަރުދުންނާ ހަމައަށް ގެންގޮސްދީ ހާމަކޮށްދިނުމެވެ. މި އަހަރުގެ ޝިޢާރެއްގެ ގޮތުގައި އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ސޯޝަލް ވަރކަރސްއިން ކަނޑައަޅައިފައި ވަނީ:

“I am Because We are – Strengthening Social Solidarity and Global Connectedness” އެވެ.

މި އަހަރު ގެ ޝިޢާރުން ހާމަވެގެންދާ މައިގަނޑު އެއްކަމަކީ ބަވަނަވެފައިވާ ދުނިޔެއެއްގައި އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ އަހަންމިއްޔަތު ކަމެވެ.

އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަކީ ހަޤީޤަތުގައި ވެސް ވަރަށް ޙައްސާސް މަސައްކަތެކެވެ. ނާޒުކު ޙާލަތުގައި ދިރިއުޅެމުންދާ އެތައް ބައެއްގެ ދިރިއުޅުމުގެ އުންމީދުތަކާ ގުޅިފައިވާ މަސައްކަތެކެވެ. މިއީ ކޮންމެ ގޮތެއް ވަރިހަމަ ކޮށްލައިގެން ކުރެވޭނެ މަސައްކަތެއް ނޫނެވެ. ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ވެސް މަސައްކަތެއް ނޫނެވެ. ވަކި ހަމަތަކަކާއި، މިންގަނޑުތަކަކާއި، އުސޫލުތަކެއް ކަނޑައަޅައި އެ ކަންކަން ކަޅާއި ހުދުން ލިޔެވި ޢަމަލުކުރުން ލާޒިމުކޮށްފައި ހުންނަނީ އެ ސަބަބަށްޓަކައެވެ. އެ ނޫންގޮތަކަށް ކަންކަން ކޮށްފި ނަމަ ޚިޔާލަށް ވެސް ގެންނަން އުނދަގޫ ކަންކަން މެދުވެރިވުމަކީ ވަރަށް ގާތްކަމެކެވެ. މި ސަބަބާ ހުރެ ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ބަޔަކަށް އިޖުތިމާޢީ ޚިދުމަތްތެރިން ވާންޖެހެއެވެ. ޕްރޮފެޝަނަލަކޮށް މަސައްކަތްކުރެވޭނީ ޝައްކެއް ވެސް ނެތްގޮތުގައި އިޖުތިމާޢީ ޚިދުމަތްތެރިން ޚިދުމަތްދިނުމުގައި ޢަމަލުކުރުމަށް ބަޔާންކޮށްފައި ހުރި މިންގަނޑުތަކާއި އުސޫލުތަކުގެ ތެރެއިން މަސައްކަތްކޮށްގެންނެވެ.

މިނިސްޓްރީން ފޯރުކޮށްދެމުންދާ އިޖުތިމާޢީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ވެސް ދަނީ ކުރެވެމުންނެވެ. އެ ގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދެވެނީ އިޖުތިމާޢީ ޚިދުމަތްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތަކާއި މި ދާއިރާއަށް އިތުރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތެވެ. ލާމަރުކަޒީ އުސޫލުން އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ނިޒާމު ހަރުދަނާ ކުރުން ހިމެނެއެވެ. އިޖުތިމާޢީ ޚިދުމަތުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މި މަސައްކަތަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ މަސައްކަތެއްކަން ފާހަގަކޮށްލަމެވެ. އެ ގޮތުން މި ދާއިރާއަކީ “ޕްރޮފެޝަނަލް” ދާއިރާއެއްގެ ގޮތުގައި ބަލައިގަތުމާއި މި ދާއިރާގެ މުހިންމުކަން މުޖުތަމަޢިން ބަލައިގަތުން މުހިންމު ކަމުގައި ފާހަގަކުރަމެވެ. މީގެ އިތުރުން، އިޖުތިމާޢީ ޚިދުމަތްދިނުމުގެ ދާއިރާއަކީ އަންހެނުނަށް ޚާއްޞަ ދާއިރާއެއްކަމަށް ދެކޭތީ، ގިނަ ފަހަރު ފިރިހެނުން މި ދާއިރާގައި ހަރަކާތްތެރިވުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އަދި އިޖުތިމާޢީ ދާއިރާއަކީ ހަމައެކަނި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި މިނިސްޓްރީގެ ދަށުން އުފައްދައިފައިވާ އިދާރާތައް އެކަންޏެއް ނޫނެއެވެ. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއަކީ ތަފާތު އެކި ދާއިރާތަކުގައި ޚިދުމަތް ފޯރުކޮށްދިނުން ކަމުގައި ވެސް ދަންނަވަމެވެ. އެ ގޮތުން، ނަފުސާނީ ބަލި ތަޙައްމުލުކުރަމުންދާ ފަރާތްތަކަށް ޚިދުމަތްކުރުން، ތަޢުލީމީ ދާއިރާ އަދި ފުލުހުންގެ ޚިދުމަތުގެ ދާއިރާތަކަކީ އެފަދަ ބައެއް ދާއިރާތަކެވެ. މަސައްކަތްކުރުމަށް ބޭނުންވާ ފަންނީ ޤާބިލު މުވައްޒަފުން ލިބޭ މިންވަރު މަދުވުމާއި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އެހެނިހެން މަސައްކަތުގެ ދާއިރާތަކަށް ބަދަލުވަމުން ދިޔުމަކީ ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، އަމާޒަކީ އިޖުތިމާޢީ ޚިދުމަތްދިނުން ލާމަރުކަޒުކޮށް އެ ނިޒާމު ހަރުދަނާ ކުރުމަށް ފެށިފައިވާ މަސައްކަތުގެ ތެރެއިން މި ކަމަށް ޙައްލެއް ހޯދުމެވެ.

އިޖުތިމާޢީ ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓަކައި މި ކުރާ މަސައްކަތުގައި، އިޖުތިމާޢީ ޚިދުމަތްތެރިން އަދާކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަމެވެ. ދުޢާއަކީ، މި މަސައްކަތުގައި ﷲ ބަރަކާތްލައްވައި، ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުމެވެ.

03 ޝައުބާން 1442

16  މާރިޗު 2021

Leave a Reply

Your email address will not be published. Required fields are marked *