ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމު ކުރާ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ށ. އަތޮޅުގައި އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމުކުރާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ށ. އަތޮޅުގައި އިފްތިތާޙްކޮށްފިއެވެ. މިކަމަށްޓަކައި ށ.އަތޮޅު، އަތޮޅުވެހީގައި ބޭއްވި ރަސްމިއްޔާތުގައި އިބަމަ އިފްތިތާޙްކޮއްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ.

އިބަމަ އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ ޖެންޑަރ މިނިސްޓްރީގެ ސެންޓަރެއް އަތޮޅުގެ އެންމެ ރަށެއްގައި ޤާއިމްކުރެވިފައި ވީނަމަވެސް، ކޮންމެ ރަށެއްގައިވެސް، ގިނަ މުއައްސަސާތައް ޤާއިމްކުރެވިފައި އެބަހުރި ކަމަށާއި މި އެންމެހާ މުޢައްސަސާތަކަކީވެސް، އިޖުތިމާޢީ ކަންކަން ހަރުދަނާކޮށް ރަނގަޅުކުރުމަށް، ޤާނޫނުގެ ތެރެއިން ޒިންމާތައް މަތިކުރެވިފައިވާ ތަންތަން ކަމަށެވެ. އެހެންކަމުން ހަވާސާއިން ބޭރުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ހަމަޖެހުމުން ނޫނީ އެދެވޭ ޚިދުމަތެއް ފޯރުކޮށެއް ނުދެވޭނެ ކަމަށާއި އިބަމަ ށ.އަތޮޅުގައި އިފްތިތާޙްކުރެވިގެންދިއުމަކީ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް އެޅޭ  ބިންގަލުގެ ފެށުން ކަމުގައި މިނިސްޓަރ ޢާއިޝަތު މުހައްމަދުދީދީ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ގޮތެއްގައި އެހީތެރިކަން ބޭނުންވާ، ނާޒުކު ހާލަތަކަށް ގޮސްފައިވާ ނުވަތަ އެފަދަ ހާލަތަކަށް ހިނގައިދާނެކަމުގައި ބެލެވޭ ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، ގެވެށި އަނިޔާ އަދި އެހެނިހެންވެސް އަނިޔާ ލިބިފައިވާ އަންހެނުންނާއި ފިރިހެނުންނާއި އާއިލާތައް ފާހަގަކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެފަރާތްތަކަކީ އިޖްތިމާޢީ ރައްކާތެރިކަން ލިބިގެންވާ ބައެއްކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އިޖުތިމާޢީ ރައްކާތެރިކަމަށް މަސައްކަތްކުރާ އެންމެހާ ދައުލަތުގެ މުއައްސަސާތައް ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ދިވެހިރާއްޖޭގެ މުޖުތަމަޢުތަކުގައި މަދަދުވެރިންގެ ގްރޫޕްތަކެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ. އިބަމަ (އިޖްތިމާޢީ ބަދަހި މަދަދުވެރީން) އަކީ ދިވެހިރާއްޖޭގެ މުޖްތަމަޢުތަކުގައި ‘ކޮމިއުނިޓީ ސޯޝަލް ގްރޫޕްސް’ ގެ ގޮތުގައި ވިޔަނުދިނުމާއި، އަދި ރައްކާތެރިކަމުގެ ނަޒަރުން ވިސްނައިގެން ފަޚުރުވެރި އާއިލާތަކާއި ދުޅަހެޔޮ މުޖްތަމަޢެއް ބިނާ ކުރުމަށްޓަކައި އެންމެހާ ހިއްސާދާރުން ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރުމުގެ ތެރެއިން މުޖްތަމަޢުގެ އިޖްތިމާޢީ ހާލަތު ދެނެގަނެ، މުޖުތަމަޢުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ އިޖްތިމާޢީ ޚިދުމަތްތައް ކަމާބެހޭ ދާއިރާތަކާއިއެކު ވިލަރެސްކޮށް ފޯރުކޮށްދިނުމާއި، އެފަދަ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަނިޔާ ހުއްޓުވާ، ރައްކާތެރި މުޖުތަމައުޢެއް ކަށަވަރު ކޮށްދިނުމާއި އަދި އާންމު ފަރުދުންނާއި އާއިލާތަކާއި މުއައްސަސާތަކުގެ ދެމެދުގައި ދުޅަހެޔޮ ގުޅުންތައް އުފެއްދުމަށް އެހީތެރިވެދީ ބާރުއަޅާ މަސައްކަތްތައް ކުރާނޭ ފަރާތްތަކެކެވެ.

އިބަމައިގައި ހިމެނޭ މެންބަރުންނަކީ ކޮންމެ ރަށެއް/އަވަށެއްގައި ޤާއިމުވެފައިހުރި ގުޅުންހުރި މުއައްސަސާތަކުން (އެއީ ރަށު/އަވަށު ކައުންސިލުން ކައުންސިލަރެއް، ޒިންމާދާރުވެރިޔާ/ސެކްރެޓަރީ ޖެނެރަލް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ކަނޑައެޅޭ ފަރާތެއް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތެއް، ތަޢުލީމީ ދާއިރާއިން ކޮންމެ ސްކޫލެއްގެ ޗައިލްޑް ޕްރޮޓެކްޝަން ލިއޭޒަން އޮފިސަރ،  ފުލުހުންގެ ތެރެއިން ކަނޑައެޅޭ ފަރާތެއް، ޞިއްޙީ ދާއިރާއިން ކަނޑައެޅޭ ފަރާތެއް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކަނޑައެޅޭ ފަރާތެ) ކެވެ.

އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި މުޖުތަމަޢުގެ އިންސާނީ ޙައްޤުތަކަށް ފަހި އަސަރު ކުރާނެ ކަމަށާއި އިބަމައިގެ މައިގަނޑު މަސައްކަތް ޓާގެޓް ކުރެވިފައިވަނީ އިޖްތިމާޢީ ރައްކާތެރިކަން ބޭނުންވާފަރާތްތަކަށް ރަށުފެންވަރުގައި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމުގައިވާތީ، މިމަސައްކަތުގެ ސަބަބުން އިންސާނީ ޙައްޤުތައް އެންމެނަށް ހަމަހަމަކޮށް ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި މުޖުތަމަޢުގައި ދެޖިންސުގެ ހަމަހަމަކަމަށް ސީދާ އަދި ނުސީދާ ގޮތުންވެސް އެދެވޭ ބޭނުންތެރި އަސަރުތަކެއް ކުރާނެއެވެ.

ށ. އަތޮޅުގެ 11 ރަށަކުން އިބަމަ ތަމްރީނު ފުރިހަމަކޮށްފައިވާއިރު، މިހާތަނަށް ރ، ވ، އދ، އަދި ފުވައްމުލަކު ސިޓީގައި އިބަމަގެ ތަމްރީނު ޕްރޮގްރާމްތައް ހިންގާ، ޖުމުލަ 226 މެންބަރުން ތަމްރީނުކޮށްފައިވެއެވެ.

25 ޝައުބާން 1443

28 މާރިޗު 2022

Leave a Reply

Your email address will not be published. Required fields are marked *