ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ކޮމަންވެލްތުގެ އެސެސްމަންޓް ޓީމު މިނިސްޓަރ ޝިދާތާއާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއަށް އަލުން ކޮމަންވެލްތުގެ މެންބަރޝިޕް ދިނުމަށް އެސެސްމަންޓް ހެއްދެވުމަށް ވަޑައިގެން އުޅުއްވާ ކޮމަންވެލްތުގެ ސެކްރެޓޭރިއެޓް ޓީމު މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފްއާ ބައްދަލުކުރައްވައިފިއެވެ.

ރޭ މިނިސްޓްރީގައި ކުރިއަށް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝިދާތާ ވަނީ މި ވަފުދަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެ ކޮމަންވެލްތާ އަލުން ގުޅެން ތައްޔާރަށް އޮތް ކަން ހާމަކުރައްވައިފައެވެ. އަދި މި ސަރުކާރުގެ ވިސްނުން ހުރީ ބައިނަލްއަޤުވާމީ ދުނިޔެއާއެކު ގާތް ގުޅުމެއް ބާވައިގެން މަސައްކަތްކުރުން ކަމަށާއި، އެ ކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ފައިދާކުރާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ކޮމަންވެލްތުގެ ފަރާތުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވައިފައިވާ އެހީތައް ފާހަގަކުރައްވައިފައިވެއެވެ. އަދި ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމުން، ވަކިން ޚާއްޞަ ގޮތުގައި އިޖުތިމާޢީ އަދި ތަޢުލީމީ ރޮނގުން ކޮމަނަވެލްތުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށާއި އިޖުތިމާޢީ ދާއިރާއިން މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވެސް މިނިސްޓަރ ޝިދާތާ ބަޔާންކޮށްދެއްވިއެވެ. އެ ގޮތުން ސިޔާސަތުތައް އެކަށައެޅުމާއި ކަންކަން ނިންމުމުގައި ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ހޯއްދެވުމަށާއި އަންހެނުން ބާރުވެރިކުރުވުމަށް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު އެ ކަމަނާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ނިސްބަތް މި ވަގުތު އޮތް މިންވަރު އޮޅުންފިލުއްވައިދެއްވައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަންހެނުންގެ ދައުރު މިހާރަށް ވުރެ އިތުރުވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އިންތިޚާބުގައި ވާދަކުރާ އަންހެނުންނާއި ޕާޓީތަކުގެ ޕްރައިމެރީތައް ކާމިޔާބުކުރާ އަންހެނުންގެ އަދަދު މަދުކަން ފާހަގަކުރައްވައި، އެ ކަމާ ކަންބޮޑުވާ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މި ކަންކަމުގެ އިތުރުން، ކޮމަންވެލްތުގެ އެހީތެރިކަމާއެކު އިޞްލާޙުކުރަން ޖެހޭ މުހިންމު އެހެން ދާއިރާތަކުގެ މަޢުލޫމާތު ވެސް އެ ކަމަނާ ޙިއްޞާކުރައްވައިފައިވެއެވެ.

27 ޖުމާދަލްއޫލާ 1440

02 ފެބުރުވަރީ  2019

Leave a Reply

Your email address will not be published. Required fields are marked *