ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނާއެކު މިނިސްޓަރ ޒެނީޝާ ފިތުރު ޢީދު ފާހަގަކުރައްވައިފި

ިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ މަރުކަޒުތަކުގައި ބަލަހައްޓަމުން ގެންދާ ކުދިންނާއެކު މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ މި އަހަރުގެ ފިތުރު ޢީދު ދުވަސް ފާހަގަކުރައްވައިފިއެވެ. މިއީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނާއެކު އެ ކަމަނާ ފިތުރު ޢީދު ފާހަގަކުރައްވާ ތިންވަނަ އަހަރެވެ. 

ފިތުރު ޢީދުގެ މުނާސަބަތުގައި މިނިސްޓްރީން ވަނީ އެނިމޭޓަޑް ކާރޓޫން ފިލްމު “ސިންގް” ގެ ޚާއްޞަ ޝޯއެއް އޮލިމްޕަހުގައި މިއަދު ހެނދުނު އިންތިޒާމުކޮށްފައެވެ. އަދި، ފިޔަވަތީގައި ދިރިއުޅޭ އުމުރުން 4 އަހަރުން މަތީގެ 72 ކުދިންނާއެކު މިނިސްޓަރ ޒެނީޝާ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތުގައި، ކުދިންގެ އިތުރުން ފިޔަވަތީގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި މުވައްޒަފުންގެ ޢާއިލާތަކުން ވެސް ބައިވެރިވެފައިވެއެވެ.  

މި ހަރަކާތް އިންތިޒާމުކޮށްފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)، ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ އެހީތެރިކަމާ އެކުގައެވެ. 

ފިތުރު ޢީދާ ގުޅުވައިގެން ޢީދު ބަންދުގެ ތެރޭގައި ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ވެސް ޚާއްޞަ ހަރަކާތްތަކެއް މިނިސްޓްރީން ވަނީ އިންތިޒާމުކޮށްފައެވެ. މި ގޮތުން، ޢީދު ދުވަހުގެ ތަފާތު ކުޅިވަރުތަކުގެ އިތުރުން، ޕިކްނިކް ދަތުރެއް ވެސް ހިމެނޭ އިރު، ބައެއް ހަރަކާތްތަކުގައި މިނިސްޓަރ ޒެނީޝާ ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.  

ތަފާތު ސަބަބުތަކާ ގުޅިގެން ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި މި ވަގުތު ޖުމްލަ 136 ކުދިން ދަނީ ބަލަހައްޓަމުންނެވެ. މި ގޮތުން، ފިޔަވަތި މަރުކަޒުގައި 13 އަހަރުން ދަށުގެ 87 ކުދިން އަދި ކުޑަކުދިންގެ ހިޔާ އަދި އަމާން ހިޔާގައި 13 އަހަރާއި 18 އަހަރާއި ދެމެދުގެ 49 ކުދިން މި ވަގުތު ދަނީ ދިރިއުޅެމުންނެވެ.

01 ޝައްވާލް 1439

15 ޖޫން 2018

Leave a Reply

Your email address will not be published. Required fields are marked *