ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް ދީނީ ޕްރޮގްރާމް ހިންގުމަށް ޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ދެމެދު އެމް.އޯޔޫއެއްގައި ސޮއިކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް ކީރިތި ޤުރުއާން ކުލާސް ހިންގައި، ޤުރުއާނަށް އަހުލުވެރިކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަލްފާޟިލާ ޝިދާތާ ޝަރީފްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަސް ގާތްވެފައިވާ އިރު، މި ފަދަ ފުރުޞަތެއް މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ލިބިގެން ދިޔުމަކީ ލިބިގެން ދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި 143 ކުދިން މި ވަގުތު ދިރިއުޅެމުން ދާ އިރު، އެ ކުދިންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ވެ ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި އެ ކަމަނާ ޝުކުރު އަދާކުރެއްވިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެމް.އޯޔޫގެ ދަށުން ހުޅުމާލޭގައި ހިންގާ ފިޔަވަތި އަދި ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ބަލައިގެން ޚަތިމުން ކިޔަވަން ދަސްކޮށްދިނުމާއި، ސޫރަތުއްޟުޙާއިން ފެށިގެން ތިރީގެ ސޫރަތްތައް ހިތުން ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ ދުޢާތަކާއި ޒިކުރުތައް ދަސްކޮށްދިނުމުގެ އިތުރުން އިސްލާމީ ރިވެތި ބައެއް އަދަބުތައް ދަސްކޮށްދިނުން ހިމެނެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ދެމެދު މި ފަދަ އެމް.އޯ.ޔޫއެއްގައި މީގެ ކުރިން ވެސް ސޮއިކުރެވިފައިވެއެވެ.

ތަފާތު ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ކުދިންގެ ތެރެއިން 13 އަހަރުން ދަށުގެ 102 ކުދިން ދިރިއުޅެމުން ދަނީ ފިޔަވަތި މަރުކަޒުގައެވެ. އަދި 13 އަހަރާއި 18 އަހަރާ ދެމެދުގެ 41 ކުދިން ދިރިއުޅެމުން ދަނީ ކުޑަކުދިންގެ ހިޔާގައެވެ.

05 ޝަޢުބާން 1440

10 އެޕްރީލް 2019

Leave a Reply

Your email address will not be published. Required fields are marked *