ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ޚާއްޞަ “ހޮލިޑޭ” ޕްރޮގްރާމްތަކެއް ހިންގައިފި

ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ޚާއްޞަ “ހޮލިޑޭ” ޕްރޮގްރާމްތަކެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހިންގައިފިއެވެ. މި ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ ކުދިންގެ އުމުރުފުރާއާ ގުޅޭގޮތުން ޝައުޤުވެރިކަން ހުންނަ އެކި ދާއިރާތަކުން ކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށެވެ.

ފިޔަވަތި މަރުކަޒުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯއާ ގުޅިގެން ކުރިއަށް ގެންދިޔަ “ސްކިލްސް ޑިވަލޮޕްމަންޓް ކޭމްޕު”އާއި އެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރަން (އާކް)އާ ގުޅިގެން ހިންގި އާޓް ޕްރޮގްރާމް ހިމެނެއެވެ. ކުޑަކުދިންގެ ހިޔާ މަރުކަޒުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރޭގައި ލީޑަރޝިޕް އެކެޑަމީގެ ފަރާތުން ހިންގި “ކޫލް ކޭމްޕު”އާއި އާކްގެ ފަރާތުން ހިންގި ފެތުމުގެ ޕްރޮގްރާމާއި ސެންޗޫރިއަން ޕލކގެ ފަރާތުން އިންތިޒާމުކުރި މަސް ދަތުރުތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ހިޔާ މަރުކަޒުގެ ކުދިންނަށް ބަގީޗާ ހެއްދުމުގެ ޕްރޮޖެކްޓަކާއި ކުޅިވަރު މުބާރާތްތަކެއް އިންތިޒާމުކޮށްފައިވެއެވެ. ގިނަ އަދަދެއްގެ ކުދިން ބައިވެރިވި މި ޕްރޮގްރާމްތައް ހިންގާފައިވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ގައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމްލަ 138 ކުދިން ދިރިއުޅެމުންދާއިރު، މި ކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 87 ކުދިން ދިރިއުޅެމުންދަނީ ފިޔަވަތި މަރުކަޒުގައެވެ. އަދި 12 އަހަރުން މަތީގެ 51 ކުދިން ދިރިއުޅެމުންދަނީ ކުޑަކުދިންގެ ހިޔާ މަރުކަޒުގައެވެ.

24 ރަބީޢުލްއާޚިރު 1439

11  ޖަނަވަރީ   2018

Leave a Reply

Your email address will not be published. Required fields are marked *