ފާއިތުވެ ދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ މަރުތަކާއި ހިތާމަވެރި ހާދިސާތަކެއް ހިނގައިފައިވާތީ، އެ ކަމުގެ ކަންބޮޑުވުން މިނިސްޓަރ ޝިދާތާ ހޯމް މިނިސްޓަރާ ޙިއްޞާކުރައްވައިފި

ފާއިތުވެ ދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ މަރުތަކާއި ހިތާމަވެރި ހާދިސާތަކެއް ހިނގައިފައިވާތީ، އެ ކަމުގެ ކަންބޮޑުވުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް މިއަދު މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާ ބައްދަލުކުރައްކުރައްވައި، ޙިއްޞާކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ ޝިދާތާ ވިދާޅުވީ ފާއިތުވެ ދިޔަ މުއްދަތުގެ ތެރޭގައި މި ބާވަތުގެ ގިނަ ހާދިސާތައް ހިނގައިފައިވާ ކަމަށާއި، މި ފަދަ ބައެއް ހާދިސާތަކުގައި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމަށެވެ. އަދި ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކޮށް، ރައްކައުތެރިކަން ފޯރުކޮށްދިނުމަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ އެންމެ އިސް އެއް ވާޖިބު ކަމުގައިވާތީ، މި ފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ލިބިގެން ދިޔުމަކީ މިނިސްޓްރީގެ ވެސް މަޞްލަޙަތުގައި ހިމެނޭ ކަމެއް ކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ގޭންގް ކުށްތަކުގައި އެކި ފަރާތްތަކުން ކުޑަކުދިން ޝާމިލުކުރާ ކަމަށް ވިދާޅުވެ، އެ ފަދަ ކުށްތަކުން ކުޑަކުދިން ރައްކައުތެރިކުރަން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް މިނިސްޓަރ ޝިދާތާ މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޢިމްރާންގެ ވާހަކަފުޅުގައި، މިނިސްޓްރީގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވައި، ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިމަގުގައި، މި ފަދަ ހާދިސާތައް މަދުކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން އެ މަނިކުފާނު ޚިޔާލު ބަދަލުކުރެއްވިއެވެ.

22 ޖުމާދަލްއޫލާ 1440

28  ޖަނަވަރީ  2019

Leave a Reply

Your email address will not be published. Required fields are marked *