މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހއ.އަތޮޅުގެ ޢާންމު ޚިދުމަތްދޭ އިދާރާތަކަށް އަމާޒުކޮށްގެން ބޭސިކް ސައިން ލެންގުއޭޖް ޓްރޭނިންގއެއް ހިންގައިފި

ހއ.އަތޮޅުގެ ޢާންމު ޚިދުމަތްދޭ އިދާރާތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ބޭސިކް ސައިން ލެންގުއޭޖް ޓްރޭނިންގއެއް ހިންގައިފިއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ޑިސެންބަރު މަހު 16އިން 24އަށް ކުރިއަށް ގެންދިޔަ މި ޓްރޭނިންގގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެކި ޚިދުމަތްތައް ހޯދުމުގައި ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް އެހީތެރިވެދިނުމެވެ.

ހއ.އަތޮޅުގެ 7 ރަށަކުން ޖުމްލަ 66 މީހުން ބައިވެރިވި މި ޓްރޭނިންގ ނިންމުމުގެ ގޮތުން ހއ.ދިއްދޫގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ބައިވެރިންނަށް ސެޓުފިކެޓާއި ހަނދާނީލިޔުން ދެއްވީ ހއ.އަތޮޅު ކައުންސިލްގެ ރައީސާއި، ރަށު ކައުންސިލްގެ ނާއިބު ރައީސް، އަދި މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީއެވެ. އަދި ކޯހުން ޚާއްޞަ ވަނަތައް ހޯދައިފައިވާ ފަރާތްތަކަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށާއި، އެކި ދާއިރާތަކުގައި ޝާމިލުވާ މިންވަރު އިތުރުކުރުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރީން ގަސްދުކުރާކަމަށެވެ. އަދި މުސްތަޤުބަލުގައި މި ދާއިރާ ކުރިއެރުވުމަށް އަތޮޅު ފެންވަރުގައި އެކި މަސައްކަތްތައް ފަށައި ހިންގުމުގައި ކޯހުގެ ބައިވެރިންގެ ފަރާތުން އިސް ދައުރެއް ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ. މީގެ އިތުރުން، ސައިން ލެންގުއެޖް ދަސްކުރުމަށް ގިނަ ފަރާތްތަކަށް ހިތްވަރު ދެއްވުމަށް ވެސް ކޯހުގެ ބައިވެރިންގެ ފަރާތުން އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.

ހއ. އަތޮޅު ކައުންސިލާއި ހއ.ދިއްދޫ ރަށު ކައުންސިލްގެ އެހީތެރިކަމާ އެކު މިނިސްޓްރީން ހިންގި މި ޓްރޭނިންގގައި، އިހަވަންދޫ، ކެލާ، ހޯރަފުށި، މުރައިދޫ، ބާރަށް، އުލިގަމު، އަދި ދިއްދޫއިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި، އަތޮޅު އަދި ރަށު ކައުންސިލްގެ އިދާރާތަކާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި، ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓާއި، ހއ.އަތޮޅު ހޮސްޕިޓަލާއި، ހއ.ތަޢުލީމީ މަރުކަޒާއިގިނަ މީހުން ތަމްރީނުކޮށްފައިވެއެވެ.

06 ރަބީޢުލްއާޚިރު 1439

24  ޑިސެންބަރު 2017

Leave a Reply

Your email address will not be published. Required fields are marked *