މިނިސްޓަރ ޒެނީޝާ އދ.މަހިބަދޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރަންވޭލާ ކެމްޕޭންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފި

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ އދ.މަހިބަދޫއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީން މި ވަގުތު އދ.އަތޮޅުގައި ކުރިއަށް ގެންދާ “ރަންވޭލާ” ކެމްޕޭންގެ ހަރަކާތްތަކުގައި މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ގޮތުން، އދ.އަތޮޅު ހޮސްޕިޓަލާ ގުޅިގެން ކުރިއަށް ގެންދިޔަ ރަންވޭލާ ހެލްތު ސްކްރީނިންގ ޕްރޮގްރާމްގެ ތެރެއިން، ރަށުގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި، މުސްކުޅިބަލީގެ ސަބަބުން ދާނުގައި ތިބި މީހުންގެ ހާލު އެ ކަމަނާ ބައްލަވައިލެއްވިއެވެ. އަދި ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިންނާ އެ ކަމަނާ މަޝްވަރާކުރެއްވިއެވެ.

އދ.އަތޮޅު ކައުންސިލާއި، މަހިބަދޫ ކައުންސިލްގެ މެންބަރުންނާއި، އދ.އަތޮޅުގައި ގާއިމުކުރެވިފައިވާ ރީޖަނަލް ކޮމާންޑް ޕޮލިސް ސްޓޭޝަންގެ ބޭފުޅުންނާ މިނިސްޓަރ ޒެނީޝާގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވިއެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ މުއައްސަސާތަކާ ގުޅިގެން މިނިސްޓްރީން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުން އެ ކަމަނާ މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޒެނީޝާގެ މި ދަތުރުފުޅުގައި މަހިބަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، ކޮމިޓީގެ ފަރާތުން ކުރިއަށް ރާވައިފައިވާ ކަންކަމާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންނާ އެ ކަމަނާ މަޝްވަރާކުރެއްވިއެވެ. އަދި މަހިބަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)އިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، އެ ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޒެނީޝާގެ މި ދަތުރުފުޅަކީ، އއ.އަތޮޅާއި އދ.އަތޮޅުގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީން އިންތިޒާމުކުރި “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ އޮން ސަރވިސް ޕްރޮވިޝަންސް ފޮރ ދަ އެލްޑަރލީ އެންޑް ވިކްޓިމްސް އޮފް އެބިއުސް” ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

26 ރަޖަބު  1439

12 އެޕްރީލް 2018

Leave a Reply

Your email address will not be published. Required fields are marked *