މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ބަޙްރައިނަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި ބަޙްރައިނަށް ވަޑައިގެންފިއެވެ. މި މަހުގެ 25އިން 27އަށް މިނިސްޓަރ ޒެނީޝާ ބަޙްރައިނަށް ކުރެއްވި މި ދަތުރުފުޅުގައި، އެ ޤައުމުގެ ލޭބަރ އެންޑް ސޯޝަލް ޑިވަލޮޕްމަންޓް މިނިސްޓަރ، ހިޒް އެކްސެލެންސީ ޖަމީލް ބިން މުޙައްމަދު ޢަލީ ޙަމައިދާންއާއި، ފޮރިން މިނިސްޓަރ، ހިޒް އެކްސެލެންސީ ޝައިޚް ޚާލިދު ބިން އަޙްމަދު ބިން މުޙައްމަދު އަލް ޚަލީފާއާ ބައްދަލުކުރެއްވިއެވެ.

އެ ގޮތުން، ސޯޝަލް ޑިވަލޮޕްމަންޓް މިނިސްޓަރުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ޖެންޑަރއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ޙިއްޞާކުރައްވައި، ކުދި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ޚާއްޞަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާ، އަދި ދެ ޤައުމު އެކުގައި މަސައްކަތް ކުރެވޭނޭ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ފޮރިން މިނިސްޓަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ބަޙްރައިންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރާކުރެއްވެވިއެވެ.

މި ދަތުރުފުޅުގައި، މިނިސްޓްރީ އޮފް ލޭބަރ އެންޑް ސޯޝަލް ޑިވަލޮޕްމަންޓުގެ ދަށުން ހިނގަމުންދާ ކޮމިޔުނިޓީ ސެންޓަރަށާއި، ބަޓެލްކޯ ކުޑަކުދިންގެ ހިޔާއަށާއި، އުމުރުން ދުވަސްވީ މީހުންގެ މަރުކަޒަށާއި، އުމުރުން ދުވަސްވީ މީހުންގެ ޑޭ ކެއަރ ސެންޓަރެއްކަމުގައިވާ އަބްދުލްރަޙްމާން ކަނޫ އެލްޑަރލީ ކްލަބަށް ޒިޔާރަށްކުރައްވައި، އެ ތަންތަނުގެ ކަންކަން ހިންގަވާގޮތް މިނިސްޓަރ ޒެނީޝާ ބައްލަވައިލެއްވިއެވެ. އެ ގޮތުން، އުމުރުން ދުވަސްވީ މީހުންގެ ޑޭ ކެއަރ ސެންޓަރާއި، ކޮމިޔުނިޓީ ސެންޓަރުގައި އަންހެނުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ދަސްކޮށްދޭ މަސައްކަތްތަކާއި، އެ ފަރާތްތަކުގެ ހުނަރުވެރި އުފެއްދުންތައް ބައްލަވައިލައްވާފައިވެއެވެ. އަދި ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންނާ ބައްދަލުކުރައްވައި، ބަޙްރައިންގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވެވިއެވެ.

މިނިސްޓަރ ޒެނީޝާގެ މި ދަތުރުފުޅުގައި ބަޙްރައިންގެ ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ސެކްރެޓަރީ ޖެނެރަލް ހާލާ މުޙައްމަދު ޖަބަރް އަލްއަންޞާރީއާއި ބަޙްރައިންގެ ލީޑީންގ މަދަނީ ޖަމިއްޔާއެއްކަމުގައިވާ އެސޯސިއޭޝަން ފޯރ ވިމެންގެ ބޯޑުމެމްބަރުންނާ ވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުންތަކުގައި، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރައްވައި މަޝްވަރާކުރައްވައިފައިވެއެވެ.

މީގެ އިތުރުން، ޝައިޚް އިބްރާހީމް ބިން މުޙައްމަދު އަލްޚަލީފާ ކަލްޗަރ އެންޑް ރިސަރޗް ސެންޓަރަށް ވެސް މިނިސްޓަރ ޒެނީޝާ ވަނީ ޒިޔާރަތްކުރައްވައިފައެވެ.

08 ޞަފަރު  1439

28 އޮކްޓޫބަރު 2017

Leave a Reply

Your email address will not be published. Required fields are marked *